ބޭނުންފުޅުވަނީ އެއްވެސް ސަރުކާރަކުން ހިޔާނާތްތެރިނުވުމާއި އެކަކު އަނެކަކާ ތަފާތުނުކޮށް، އަނިޔާވެރިނުވުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެމްޑީޕީގެ ތެރޭގައި ވެސް ސަރުކާރުގެ ކަންކަމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދަނީ ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ އެމްޑީޕީ އާއި އެމަނިކުފާނު ވެސް އަބަދުވެސް ބޭނުންފުޅުވަނީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ. އަދި އެކަންކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވައިފައެވެ.

"އެމްޑީޕީ އާއި އަދި އަޅުގަނޑުވެސް އަބަދުވެސް ބޭނުންވަނީ ވަރަށް އާދައިގެ ކަމެއް. އެއްވެސް ސަރުކާރަކުން ހިޔާނާތްތެރިނުވުން. އެކަކާއި އަނެކަކާ ތަފާތު ނުކުރުން. އަނިޔާވެރިނުވުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި ވެންޓިލޭޓަރުގެ މައްސަލަ ވެސް ފާހަގަކުރައްވައިފައެވެ. އެކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލަ ބެލުން އެއީ ސަރުކާރަށް އިތުބާރު ލިބޭނެ ކަންކަން ކަމަށެވެ.

ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ސަބަބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުން ލަސްވުމެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެ މައްސަލަ ފުރަތަމަ ބަލަމުންދިޔައީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އެ މައްސަލަ ބަލަމުން އަންނަނީ އޭސީސީންނެވެ.

ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދެ ފަހަރަކު ފޮނުވިއެވެ. ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުރަތަމަ ހުށަހެޅީ 4 އޮކްޓޫބަރު 2020 ގައެވެ. ނަމަވެސް ބައެއް ކަންކަން ފުރިހަމަކުރުމަށް އަންގައި، އެ މައްސަލަ އަނބުރާ ފޮނުވާލިއެވެ.

އޭސީސީން ދެވަނަ ފަހަރަށް އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެފަހަރު ވެސް އެ މައްސަލަ އަނބުރާ ފޮނުވާލީ ބައެއް ކަންކަން އިސްލާހުކުރުމަށެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ޑިސެމްބަރު މަހުގެ ފަހުކޮޅު އެ ކޮމިޝަނުގެ ހުރިހާ މެންބަރުން ވަނީ އިސްތިއުފާދީފައެވެ. ގާނޫނީ ހުސްކަމެއްގައި އޮތުމަށްފަހު އޭސީސީއަށް އާ މެންބަރުން އައްޔަންކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

  • ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން
  • ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
  • ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު
  • ޑިރެކްޓަރު ނައުޝާދު އަލީ
  • ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
  • ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، އަބްދުﷲ ޝަރީފް
  • އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ
  • އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ހަފީޒް
  • ލީގަލް އޮފިސަރު އަލީ ޝިހާމް
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
  • ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ