މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖެހި ހަސަން ޒިޔާދު ބަރަހަނާ ހާލުގައި މޫދުގައި އޮއްވައި ފުލުހުން ހައްޔަރުކޮށްފިއެވެ.
“ވަން”އަށް އެނގިފައިވާ ގޮތުގައި ފުލުހުން ޒިޔާދު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އޭނާ ހައްޔަރުކުރީ މަސްވެރިންގެ ޕާކު ސަރަހައްދުގެ މޫދަށް އެރި އޮއްވައެވެ.
ކުރިމިނަލް ކޯޓަށް ހުކުރު ދުވަހު ޒިޔާދު ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. ފުލުހުން ޒިޔާދުގެ މައްޗަށް ކުރަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު، ޒިޔާދު ބަންދުގައި ބަހައްޓަން އަމުރުކުރީ ކުށުގެ ތުހުމަތުކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައިވުމުންނާއި، ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތަށްޓަކައެވެ.
ޒިޔާދަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިސްކިތަށް ވަދެ ހަތިމަކަށް ކުޅުޖެހި މައްސަލައިގައި ވެސް ޒިޔާދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިސްލާމީ މަރުކަޒުގެ އެތެރެއަށް ކުޑަކަމުދިޔަ މައްސަލައެއްގައި ވެސް ޒިޔާދު ވަނީ ހައްޔަރުކޮށްފައެވެ.
މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގެ ތުހުމަތުގައި ޒިޔާދު ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ، އޭނާއަކީ ބައިޕޯލާ ހުންނަ މީހެއް ކަމަށެވެ. ފުލުހުން ވެސް ފަހުން ބުނެފައިވަނީ ޒިޔާދަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށާއި، އެކަމުގެ ފަރުވާއަށް އޭނާގެ އާއިލާގެ ފަރާތުން އެހީތެރިކަން ނުލިބޭ ކަމަށެވެ.
ނަމަވެސް އެކަމާ ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ބެލިބެލުމުން، ޒިޔާދަކީ ނަފުސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވިއެވެ. ނަމަވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު