ޅ. ނައިފަރު އިފްތިތާހު ހިންގުން ހަރުދަނާކޮށް، އެތަނުންދޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ދިމާވެފައިވާ ދަތިތައް އަވަހަށް ހައްލުކޮށްދިނުމަށް އެދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު، ރައްޔިތުންގެ މަޖިލީހުންވެސް ބޭރުކޮށްލައިފިއެވެ.
މި ގަރާރު ފާސްކުރަން ނުފެންނަ ކަމަށްބުނެ އެ ގަރާރު ދިރާސާ ކުރި، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވެސް އެ ގަރާރު ވަނީ ބޭރުކޮށްލައިފައެވެ.
ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބުދުﷲ ވިދާޅުވީ، އެ ގަރާރުގައިވާ ކަންތައްތައް އެޑިއުކޭޝަން މިނިސްޓްރީން އޮޅުން ފިލުވި އިރު، އޭގައިވާ ގިނަ ކަންތައް ހުރީ ނިމިފައި ކަމަށާއި، ނުނިމި ހުރި ކަންތައްތަކެއް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އެ ގަރާރަކީ ބަލަންވީ ވަރަށް ނުބަލައި، ހަގީގަތެއް ނެތް ކަންތައްތަކެއް ހިމަނައިގެން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.
މި ގަރާރުގައި، އިފްތިތާހަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން އެތަނުން ތައުލީމު ހާސިލު ކުރަމުން އަންނަ ދަތިވަރުންނަށާއި ޓީޗަރުންނާއި ހިންގުންތެރިންނަށް ދިމާވެފައިވާ ދަތިތަކާއި އެކަންކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މެންބަރު ޝިޔާމް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ގަރާރުގައި ބުނެފައި ވަނީ، އެއްހާހަށްވުރެން ގިނަ ދަރިވަރުން މިހާރުވެސް އެ މަދަރުސާގައި ތައުލީމު ހާސިލު ކުރަމުން އަންނަ ކަމަށެވެ.
މަދަރުސާގައި ހުރި ކަންތައްތަކުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ 18 ކަމެއް ފާހަގަކޮށް ގަރާރުގައި ބުނެފައި ވަނީ، އެކަންތައްތަކަކީ، އެ މަދަރުސާގެ ސީނިއާ މެނޭޖުމެންޓާއި ބައެއް ބެލެވެރިންނާއި ޓީޗަރުންނާއެކު ބަދަލު ކުރި ހިޔާލުތަކުގެ އަލީގައި ވަރަށް އަވަހަށް ހައްލު ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ.
މި ގަރާރު މަޖިލީހުން ބޭރުކޮށްލީ، ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު