ޚަބަރު

ޝަޚުސު އޮޅުވައިލައިގެން، މަކަރާއި ހީލަތުން ފައިސާހޯދުން އިތުރުވާތީ ސަމާލުވުމަށް ބީއެމްއެލްއިން އެދިއްޖެ

ރިފާ ހަލީލު

ބައެއް ކުންފުނިތަކުގައި ނަމުގައި އާއި އަދި ޝަހުސު އޮޅުވާލައިގެން އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް، އެ އެކައުންޓް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް އެ ބޭންކަށް ލިބެމުންދާ ކަމަށެވެ. އަދި މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބޭންކާއި އަދި ބައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންއާ ގުޅޭ މައުލޫމާތު ހޯދައި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓުން މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ކަސްޓަމަރުން އެ ބޭންކަށް ހުށަހަޅާފައިވާ ކަމަށްވެސް ބީއެމްއެލުން ވަނީ ބުނެފަ އެވެ. އަދި މިފަދަ ހާލަތްތަކުގައި އޯޓީޕީ ހިއްސާކޮށްފައިވާކަންވެސް ބޭންކަށް ފާހަގަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

"މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ." ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައިދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯޓީޕީ ހިއްސާ ނުކުރުމަށްވެސް ބީއެމްއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ. އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް އެދޭ ކަމަށާއި އަދި މިދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.