ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރެއްވި، ބ. ކުޑަރިކިލު ނޫރާނީމާގެ މުހައްމަދު ޖަލީލް މިއަދުގެ ވަގުތެއްގައި ނިޔާވެފައިވާތީ، އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް ސޯލިހު ޖަލީލުގެ އާއިލާއަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން، ޖަލީލަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރި ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖަލީލު އަވަހާރަވުމާ ގުޅިގެން ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިގު މުއްދަތެއްގައި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޖަލީލު އަވަހާރަވުމުން ގެއްލިގެން އެދިޔައީ އިހުލާސްތެރި ހިދުމަތްތެރިއެއް ކަމަށެވެ.
"މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތްލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން،" ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޖަލީލަކީ ބ. ކުޑަރިކިލަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ޖަލީލު ކުރައްވާފައިވާ ހިދުމަތްތުގެ ތެރޭގައި، ކުޑަރިކިލު ކަތީބު ކަމާއި ބ. އަތޮޅު އެޓާނީ ކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަން ހިމެނެއެވެ.
މީގެ އިތުރުން 13 އަތޮޅެއްގެ އަތޮޅު އޮފީސް 26 ފަހަރަކު އޭނާ ވަނީ ހިންގަވައިފަ އެވެ. އަދި ކުޑަރިކިލު ގާޒީ ކަމާއި ބ. އަތޮޅު އެޓާނީ ޖެނެރަލްގެ އެހީތެރިކަމާއި ވަކީލު ކަމާއި އެޓޮލްސް މިނިސްޓްރީގެ އަންޑަ ސެކްރެޓަރީ ކަމާއި އަތޮޅު ކުރިއަރުވާ ކޮމިޓީ މެންބަރުކަންވެސް ވަނީ ކުރައްވާފަ އެވެ.
ޖަލީލު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަ ދުވަސް ފަހުން އުމުރުން 74 އަހަރުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ގޭގައި އޮންނަވަނިކޮށެވެ.
ޖަލީލަކީ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ތަރިކަ އާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި ޑިރެކްޓަރުކަން ވެސް ކުރައްވާ ޝަމްއޫން ޖަލީލް (ލޫކަސް) ޖަލީލުގެ ބައްޕަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު