ސުލޫކީ މައްސަލަ ބަލަން ފެށުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމުން މުހައްމަދު ޔާމީން އިސްތިއުފާދެއްވައިފިއެވެ.
އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލު މިއަދު ހަވީރު "ވަން" އަށް ވިދާޅުވީ، ޔާމީން އިސްތިއުފާ ދެއްވި އިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލައިގެ ތަހުގީގު އެޗްއާރުސީއެމުން ފަށާފައިވާ ކަމަށެވެ. ޔާމީންއާ ދެކޮޅަށް ބަލަމުންދާ ސުލޫކީ މައްސަލައިގެ ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.
އޮފިޝަލް ވިދާޅުވީ، ޔާމީން އިސްތިއުފާ ހުށަހެޅުއްވިޔަސް ކޮމިޝަނުން އަދި އެކަމާމެދު ގޮތެއް ނިންމާފައިނުވާތީ ޔާމީން އޮފީހަށް ނުކުންނަވާ ކަމަށެވެ. އިސްތިއުފާ ހުށަހެޅުއްވީ ކޮން ދުވަހަކުތޯ ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަން ބެލުމަށްފަހު ޖަވާބު ދެއްވާނެ ކަމަށެވެ.
ޔާމީން ވަނީ ދެ އަހަަރަށްވުރެ ދިގު މުއްދަތަކަށް އެޗްއާރުސީއެމްގެ އެސްޖީކަން ކުރައްވައިފައެވެ. އޭގެ ކުރިން އޭނާ ވަނީ މީޑިއާ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ވެސް މަސަައްކަތްކުރައްވައިފައެވެ.