ބިލްޑު، ފައިނޭންސް އަދި އޮޕަރޭޓް ޕަބްލިކް-ޕުރައިވެޓް ޕާޓްނާޝިޕުގެ ދަށުން ކ. ތުލުސްދޫގައި ޕޮލިޓެކްނިކުގެ ކޮލެޖެއް އެކޮމޮޑޭޝަން ބުލޮކަކާއެކު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
ތުލުސްދޫގައި ޕޮލިޓެކްނިކުގެ ކޮލެޖު އެކޮމޮޑޭޝަން ބޮލޮކަކާއެކު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުވެސް ފިނޭންސް މިނިސްޓްރީން އިއުލާންކުރި އެވެ. ނަމަވެސް އޭރު ހުށަހެޅި ބީލަންތައް ވަނީ ބާތިލުކޮށްފަ އެވެ. އެ ބީލަންތައް ބާތިލުކުރި ސަބަބު ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ 20 ވަނަ ދުވަހު އަލުން އަނެއްކާވެސް މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހަޅަން ވަނީ އިއުލާންކޮށްފަ އެވެ. އެހެންކަމުން މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
މީގެ އިތުރުން މި މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އެ މައުލޫމާތު ހޯދުމަކީ މިކަމަށް ޝައުގުވެރިކަންފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ޝައުގުވެރިކަންފާޅު ކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓުލިސްޓު ކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި އިއުލާނަ އެކު އެ މިނިސްޓްރީން ވަނީ ތުލުސްދޫ ޕޮލިޓެކްނިކް ހުންނަންޖެހޭ ގޮތުގެ ކުރެހުމެއް އާންމުކޮށްފަ އެވެ.