ކޮންމެ އަހަރަކު އެއްފަހަރު އަހަރެމެންނާ ބައްދަލު ކުރާ މި ބަރަކާތްތެރި މަހަށް ނިމުން އަންނަނީއެވެ. ފަހު ދިހައެއް ގުނަމުން ދިއުމަކީ އީދެއްގެ މަލަމަތި ފެނުމެވެ. އީދަކަށް ތައްޔާރުވާއިރު އަހަރެމެންނަށް މިރޯދަމަސް އެންމެ ފުރިހަމައަށް ނުވަތަ ބޭނުންވާ ވަރަށް ކާމިޔާބު ކުރެވިއްޖެތޯ އަންދާޒާ ކޮށްލުން އެންމެ ރަނގަޅުކަމަކަށް ވާނެއެވެ.
އަހަރަކު އެއްފަހަރު އަންނަ މަހަކަށް ވުމުން މިމަހަށް ކުރާ ތައްޔާރީތަކާއި މިމަހުގެ ތެރޭގައި ކުރާ ކަންތައްތަކަށް ބަހައްޓާ ހާއްސަ ސަމާލުކަމާއި އިސްކަން ދެވޭވަރު އެއީ މިމަހުގެ ހާއްސަކަމާއި އަހަންމިއްޔަތުކަން ދޭހަކޮށްދޭކަމެކެވެ. ހެޔޮނިޔަތުގައި ކުރެވޭ ކޮންމެކަމަކީ އަޅުކަމަކަަށްވާއިރު މިމަހުގައި ކުރެވޭ ކޮންމެ ހެޔޮކަމަކީ ބަރަކާތާއި ދަރުމައަށް އެދިގެން ކުރެވޭ ކަންތަކަށް ވާނެކަން ގައިމެވެ. އެހެންނަމަވެސް މިމަހު އަހަރެމެންނަށް ކުރެވުނު ދެރަ ކަންތައްތަކާމެދު ފަރުވާކުޑަނުކޮށް އެކަންތައްތައް ދެނެގަތުން ވެސް މުހިންމެވެ. އެކަމެއްގައި ހުރި ގޯހަކާއި ރަނގަޅެއް އެނގޭނީ އެކަމެއް ކުރުމުންނޭ ނުވަތަ ތަޖުރިބާ ކުރުމުންނޭ މީހުން ބުނެ އުޅޭ ވާހަކައަކީ ހަގީގަތުގައިވެސް ތެދެކެވެ.
އަހަރެމެންގެ ދުވަސްތަކާއި ރޭތައް ވޭތި ކުރެވިފައިވާ ގޮތުގެ ކުޑަ ތާވަލެއް ހަދައިލުން އެންމެ ރަނގަޅުވާނެއެވެ. ފަރުވާކުޑަކޮށް ދޫކޮށްލެވުނު ކަންތަކާއި ހާއްސަ ސަމާލުކަމެއް ދީގެން ބައްޓަން ކުރެވުނު ކަންތައް ބަލައިލަމާ ހެއްޔެވެ؟ ސައިންސުގެ އަލީގައި ހޯދިފައިވާ ހޯދުންތަކުގައިވާހެން މީގެ އެންމެ ބޮޑު ބޭނުމަކީ އާދަވާނެ ކަމަކީ ކޮބައިތޯ ދެނެގަތުމެވެ.
ހޯދުންތައް ބުނާގޮތުގައި ނުވަތަ ދިރާސާތަކުން ދައްކާ ގޮތުގައި 21 ދުވަސް ވަންދެން މީހަކު އެއްކަމެއް ކުރުމުގައި ދެމިހުރެއްޖެނަމަ އެމީހާގެ ގައިގައި އެކަމެއް ކުރުމުގެ އާދަ ހަރުލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިހެންކަމުން ރޯދަމަހުގެ ތެރޭގައި ކަމަކަށް ހިފިއްޖެ ނަމަ އޭގެ މާނައަކީ އެކަމެއް ތިމާގެ ގައިގައި އާދައެއްގެ ގޮތުގައި އަށަގެންފައިވާނޭކަމެވެ. މިގޮތުން މިފަހަރުގެ ރޯދަމަހުގައި ކަމެއް ކުރުމުގައި ކާމިޔާބުކޮށްލެވުނު ކަމެއް ދެނެގަންނަމާތޯއެވެ. ތިރީގައި މިހުރީ ބައެއް ކަހަލަ ސުވާލުތަކެވެ. ކުޑަކުޑަ ސާވޭއެއް ހަދާލަމާ ބަހީއެވެ.
- ހަފުތާގެ ދުވަސްތަކުގައި ނިދުމާއި ހޭލުމުގެ ކަންތައް ގެންގުޅުނީ ކިހިނެއް ހެޔެވެ؟
- ކެއުމަށް ހާއްސަ ބަދަލެއް ގެނެވުނު ހެއްޔެވެ؟
- ނަފުސުގެ ހުރި ކަމަކަށް ތަފާތު ބަދަލެއް ގެނައިން ހެއްޔެވެ؟
- މިސާލަކަށް ރުޅިއާއި ކަންތައްތަކުގައި އަވަސްއަރުވާލުން ފަދަ ބައެއް އާދަތައް ތަފާތު ކުރެވުނު ހެއްޔެވެ؟
- އާއިލީ ގުޅުންތައް ހަރުދަނާ ކުރެވުނުބާވައެވެ؟
- ރައްޓެހިންނާއި ގުޅުން ބަދަހިކޮށް އާއެކުވެރިން ހޯދުނު ހެއްޔެވެ؟
- ކުރަން ބޭނުން އެއްވެސް ކަމެއް ނުކުރެވޭނެތީވެ ދޫކޮށްލުން ފަދަ އާއަޒުމެއްގައި އާކަމެއް ކުރެވިއްޖެހެއްޔެވެ؟
- އިލްމީ ހަޒާނާ މުއްސަނދިކޮށްލުމަށް ކުރެވުނު މަސައްކަތްތަކަކީ ކޮބައިހެއްޔެވެ؟
- އާކަމެއް ދަަސްކުރިންހެއްޔެވެ؟
- އަޅުކަންތައް ކުރެވުނީ ވަރަށް ފުރިހަމަކޮށްހެއްޔެވެ؟ މެދުމިނެއްގައިހެއްޔެވެ؟ ކުރެވުނު ވަރާމެދު ހިތްހަމަޖެހޭހެއްޔެވެ؟
- ވަރަށް ގިނައިން ވާހަކަ ދައްކާނަމަ ވާހަކަ ދެއްކުން މަދުކޮށް އަމަލު ގިނަކުރެވޭތޯ ބެލިން ހެއްޔެވެ؟
- ކުދިން ތިބޭނަމަ އެކުދިންނަށް ކޮށްދޭ ކަންތަކުގެ ތެރޭގައި ތަފާތު އާކަމެއް ހިމަނާލިން ހެއްޔެވެ؟
- ކުދިންނަށް ކުރާ އަމުރާ އެއްގޮތަށް އަމިއްލަ އަމަލުތައް ބެހެއްޓުނު ހެއްޔެވެ؟
- އެއްވެސް މީހެއްދެކެ ނުރުހިފައި ހުރިނަމަ އެމީހަކަށް ހިތްސާފުކޮށް އެކަން ހަނދާން ނައްތާލިން ހެއްޔެވެ؟
- ހިތްހަމަ ޖައްސާލުމަށް ހިތްފަސޭހަ ތަނަކަށް ގޮސްއުޅުނިން ހެއްޔެވެ؟
- ކުރަން ވަރަށް ފޫހިވާ އެކަަމަކު ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކުރުމަށް އާދަ ކުރިން ހެއްޔެވެ؟
- ވަޒީފާގެ މާހައުލާމެދު ފަރުވާ ކުޑަކުރެވުނީތޯ ނުވަތަ ފަރުވާތެރިވެވުނީތޯއެވެ؟
- ދުވާލުގެ ކަންތައް ނިމިގެން ރޭގަނޑު ނިދުމުގެ ކުރިން ނަފުސުގެ ހިސާބެއް ކޮށްލެވުނުހެއްޔެވެ؟
- ނިދުމުގެ ކުރިން އިހު ނުކުރާ ކަމެއް މިފަހަރު އަލަށް އާދަކުރި ކަމެއް އެބައޮތް ހެއްޔެވެ؟
މިސުވާލުތަކަށް ޖަވާބު ދީފައި ފަންސުރު ބާއްވާށެވެ. ދެން ޖަވާބުތައް ކިޔާލަމާހެއްޔެވެ. ކިތައް ކަންތަކުން ކާމިޔާބު ކުރެވިފައި އޮތްތޯ އަމިއްލައަށް ޕޮއިންޓް ދީގެން ޗެކްކޮށްލާށެވެ. ޖަވާބުގައި އޮތީ ކިތައް އާނއެކޭތޯ އާއި ކިތައް ނޫނެކޭތޯ ނޯޓުކޮށްލާށެވެ. ގިނައީ ކޮންއެއްޗެއް ހެއްޔެވެ؟ ނަތީޖާ ތިއޮތީ ލިބިފައެވެ. ދެން ހިތްހަމަޖައްސާލާށެވެ. ބާކީ އޮތް ޕަސެންޓު ހޯދަން މަސައްކަތްކޮށްލާނީއެވެ.
ބައެއްފަހަރު އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދީގެން އެކަނި އިނދެ ތިމާއަކީ ކާކުތޯއާއި ތިމާގެ ބޭނުމަކީ އަދި ތިމާގެ މައްސަލައަކީ އަދި ތިމާ ކުރަން ޖެހޭ ކަމަކީ ކޮބައިތޯ ދެނެގަނެ އަމިއްލަ ހިތާއި ސިކުނޑީގެ އެއްބަސްވުމަކަށް ޒުވާބެއް ދިނުން ކޮންމެހެންވެސް މުހިންމެވެ. އޭގެ ސަބަބުން ކާމިޔާބާއި އުފާވެރިކަމަށް ކުރާ ދަތުރު ފަސޭހަވެގެންދާނެއެވެ.
އީދުގެ ތައްޔާރީތަކާއި ދިމާއަށް ދާއިރު ރޯދަމަސް ހޭދަވީ ކާމިޔާބުކަމާއެކުގައި އެންމެ ހިތްހަމަޖެހޭގޮތަށްތޯ ދެނެގަތުމަކީ އަމިއްލަ ހިތަށާއި ނަފުސަށް ލިބޭނެ ހަމަޖެހުމަކަށް ވާނެއެވެ. އީދު މުބާރަކު ކިޔުމުގެ ކުރިން ރޯދަ އަލްވަދާއު ކިޔަން ވާނީ ހިތްހަމަޖެހުމާއިއެކު ދެން ފަހަރަކުން ބައްދަލުވުމުގެ އުއްމީދުގައި ހިތްބަރުކަމެއް ނެތި އުފަލާއެކުއެވެ. އީދުގެ އުފާ ލިބޭނީ އީދުގެ ބަރަކާތް ހާސިލު ކުރެވޭނީ ރޯދަކާމިޔާބުކަމާއެކު ލިބިގެންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް