ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ރައީސް ގޮޓާބެ ރާޖަޕަކްސާގެ އިސްތިއުފާއަށް އެދި ކުރަމުންދާ ހަޅުތާލުތައް ވަރުގަދަކޮށްފައި ވަނިކޮށް ރައީސް ގޮޓާބެ ވަނީ މި ހަފުތާގައި 17 މެންބަރުންގެ އައު ކެބިނެޓެއް އެކުލަވާލައްވައިފައެވެ. އައު ކެބިނެޓުގައި ރާޖަޕަކްސާ އާއިލާގެ މެންބަރަކު ނެތެވެ. އެހެންނަމަވެސް ކުރީގެ ކެބިނެޓުގެ ވަރަށް ގިނަ ބޭފުޅުން ހިމަނުއްވާފައިވެއެވެ. ބޮޑުވަޒީރު ކަމުގައި އަދިވެސް ހުންނެވީ ގޮޓާބެގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސާއެވެ. ވަޒީރުންނަށް އިރުޝާދު ދެއްވަން ހުންނެވީ ދެންވެސް އޭނާއެވެ. އައު ކެބިނެޓުގައި އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ އެއްވެސް ވަޒީރަކު ނެތެވެ. މުޅިންވެސް ރާޖަޕަކްސާއިންގެ މިތުރުންނެވެ. ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލަން އަންނާށޭ ވިދާޅުވެ ރައީސް ގޮޓާބެ ދެއްވި ދައުވަތަށް އިދިކޮޅު ޕާޓީތަކުން ވަނީ ނޫނެކޭ ބުނެފައެވެ.
ރައީސް ގޮޓާބެޔާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އިސްތިއުފާ ނުދެއްވައި އެދެބޭފުޅުންނަށް ވަފާތެރި ގާތްބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ އައު ކެބިނެޓެއް އިއުލާން ކުރެއްވުމުގެ މާނަޔަކީ ރައްޔިތުންގެ ގޮވުންތަކަށް އިޖާބަދެއްވުމުގެ ވިސްނުންފުޅެއް ނެތޭ، ވެރިކަން ދޫކޮށްލެއްވުމެއްވެސް ނެތޭ ވިދާޅުވުމެކެވެ. އެހެންވީމާ އައު ކެބިނެޓަކީ ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ކެބިނެޓެއް ކަމަށް ނުފެނެއެވެ. އޭގެ ބަދަލުގައި މި ކެބިނެޓާއި ރައީސް ގޮޓާބެގެ ސިޔާސަތުގެ ސަބަބުން ކުރިއަށްއޮތް ދުވަސްތަކުގައި ސްރީލަންކާގެ މަސްރަހު އިތުރަށް ބަނަވުން ނޫންކަމެއް ނުވާނެ ކަމަށްވެސް ގަބޫލުކުރެވެއެވެ. ސަރުކާރަށް ސަނާކިޔާ އަދި ސަރުކާރަށް ސަޕޯޓްކުރާ ނޫސްތަކުގެ ސުރުޚީތަކުންވެސް ދުވަނީ މިވަހެވެ. ފެންނަނީ މިއަސަރެވެ.
ދޫދިނުމާއި މަޑުމައިތިރިކަމާއި މެދުމިން އިޚުތިޔާރު ކުރުމަކީ ރާޖަޕަކްސާ އާއިލާގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. މިކަން މަހިންދަ ރާޖަޕަކްސާގެ ރައީސްކަމުގެ ޒަމާނުގައި ވަނީ ކިތަންމެ ރަނގަޅަކަށްވެސް ފެނިގެންގޮސްފައެވެ. ހަރުކަށިވުމާއި ބަދަލުހިފުމަކީ ރާޖަޕަކްސާއިންގެ ތެރެއިން އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފެންނަ އެއްސިފައެވެ. އެހެންވީމާ ސަރުކާރާއި ދެކޮޅަށް މިހާރު ކުރިއަށްދާ މުޒާހަރާތައް ހުއްޓުވައި އިދިކޮޅު ލީޑަރުން ހައްޔަރުކޮށް އެކިކަހަލަ ތުހުމަތުގައި ޖަލަށް ލުމަކީ މިހާރު ދެން ނުހަނު ކައިރީގައި އޮތް ކަމެކެވެ. ރައްޔިތުން ގޮވާނެ އެއްޗެއް ގޮވަންވީއެވެ. ރާޖަޕަކްސާއިން ކުރައްވާނީ ކުރައްވާނެ ކަމެކެވެ. ފާއިތުވި މާޒީއަށް ބެލީމާ މިކަން ވަރަށް ރީއްޗަށް ފެންނާންވެސް އެބައޮތެވެ. މިހާރު އުފެދޭ ސުވާލަކީ ދެން ފެންނާނީ ކޮން މަންޒަރެއްތޯއެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތަކާއި އެއްވުންތައް އާއްމު ގޮތެެއްގައި ކުރިއަށްދަނީ ކޮލަމްބޯގެ އަތިރިމަތިން ގޯލްފޭސް ގްރީނޭ ކިޔުނު ހިސާބުގައެވެ. ރިޔާސީ ކިއްލާޔާއި ބޮޑެތި ބޮޑެތި ހޮޓާތައް ހުންނަނީވެސް އެހިސާބުގައެވެ. ސަރުކާރަށް ތާއީދުކުރާ ނޫސްތަކުން ސިފަކުރާގޮތުގައި ގޯލްފޭސް ގްރީނަށް އެއްވާ މީހުންނަކީ ގައުމަށް ހެޔޮގޮތް އެދިގެން ކަންކަން އިސްލާހު ކުރުމުގެ ނިޔަތުގައި އެއްވާ ބައެއް ނޫނެވެ. އެއީ ގައުމު ގަޑުބަޑުކޮށް ބައިބައިކޮށް ހަމަނުޖެހުން އުފެއްދުމުގެ ނިޔަތުގައި ފޮޓޯއާއި ވީޑިއޯ އެއްކުރުމަށް އެއްވާ ބައެކެވެ. އަތިރިމަތީގައި ޕިކްނިކާއި ބާބަކިޔު ބާއްވައި ގައިގޯޅިވުމަކީ ދެވަނަ ބޭނުމެވެ. އެފަދަ މީހުންނަށް ހިތްވަރުދީ ޚަރަދުކުރަނީ ޓެރަރިސްޓް ޖަމާއަތްތަކުން ކަމަށްވެސް ތުހުމަތުކުރެއެވެ. ހަގީގަތުގައި މިއީ ވަރަށް ނުރައްކާތެރި ތުހުމަތެކެވެ.
ސަރުކާރާ ދެކޮޅު އެއްވުންތަކަކީ ގައުމުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި ޓެރަރިސްޓް ޖަމާއަތްތަކުން ވާގިވެރިވެގެން ޚަރަދުކޮށްގެން ހިންގާ އަމަލެއް ކަމަށް މީޑިޔާއިން ސިފަކުރާނީ އެއީ ސަރުކާރުންވެސް އެކަން ދެކޭގޮތްކަމަށްވާތީއެވެ. އިދިކޮޅު ލީޑަރުންގެ ބޮލުގައި ޓެރަރިޒަމުގެ އެކި އިލްޒާމު އަޅުވައި ހައްޔަރުކޮށް ސަރިއަތަށް ފޮނުވައި އެކިވަރުވަރުގެ ހުކުމް ޖެހުމަކީ ސަރުކާރުގެ ސްޓްރެޓެޖީގެ އެއްބައިކަމަށް ހީކުރުމުގެ ފުރުސަތު މިހާރު އެބައޮތެވެ. މިއީ ސްރީލަންކާގެ ދާޚިލީ ހަގުރާމައިގެ ދުވަސްވަރުވެސް އިދިކޮޅު މީހުން މައިތިރިކުރުމަށް ރާޖަޕަކްސާއިން ބޭނުން ކުރައްވާފައިވާ އުކުޅެކެވެ. އެއްފަހަރުގެ ރިޔާސީ އިންތިޚާބުގައި މަހިންދަ ރާޖަޕަކްސާޔާ ވާދަކުރެެއްވި ކެންޑިޑޭޓަކު ޖަލަށްލީވެސް މިއުކުޅު ބޭނުންކޮށްގެންނެވެ. އެބޭފުޅަކީ ޖެނެރަލް ސަރަތު ފޮންސޭކާއެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ އަސަރު ހުރިހާ ފަންތިއެއްގެ ހުރިހާ ބަޔަކަށްވެސް ވަނީ ފޯރާފައެވެ. ކުރިއަށްމިދާ އެޕްރީލް މަސް ފެށުނު ފަހުން ހަމަ ކޮންމެ ދުވަހަކު ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ. ފުރަތަމަ ހަފުތާ ތެރޭގައި ކުއްލި އަމުރުގެ ގާނޫނު ހިންގައިގެން، ބޭރަށް ނުކުތުން މަނާކޮށްގެން، އަދި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތައް ހުއްޓުވައިގެން ރައްޔިތުން މައިތިރިކުރެވޭތޯ ރައީސް ގޮޓާބެ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެއްވިއެވެ. އެކަމަކު ފަހުން ވަނީ އެފިޔަވަޅުތައް އަނބުރާ ގެންދަވައިފައެވެ. އެފަހަރުގެ ނިންމެވުންތައް ފަހުން ބަދަލު ކުރެއްވި ކުރެއްވުމަކީ ބަނޑަށްދެމުން ކަހަލަ ކަމެކެވެ. ވިއްސާރައިގެ ދެވިލާގަނޑު ދޭތެރޭގައި މަޑުވުން ކަހަލަ ކަމެކެވެ. ހަގީގީ ތޫފާން ކުރިއަށް އޮތީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ