ޚަބަރު

ހިޔާ ސަރަހައްދުގައި ފުރަތަމަ ބޭސްފިހާރަ ހުޅުވައިފި

އަލީ ޔާމިން

ހިޔާ ފްލެޓުތަކުގެ ފުރަތަމަ ބޭސް ފިހާރަ ހުޅުވައިފި އެވެ.

"އިސްއެރި-2 ފާމަސީ"ގެ ނަމުގައި އިއްޔެ ހުޅުވި އެ ބޭސް ފިހާރައިން ތަފާތު ވައްތަރުގެ ބޭހުގެ އިތުރުން ޒީނަތްތެރިވުމަށް ބޭނުންކުރާ އެކިއެކި ސާމާނު ލިބެން ހުރެއެވެ.

އެ ފިހާރަ ހުރީ، ހިޔާ އެޗް-05 ޓަވަރުގެ ގްރައުންޑް ފުލޯގަ އެވެ.

ހިޔާ ފްލެޓްތަކުގައި މިހާރުވެސް 15،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު، އެތަނުގައި އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ވަސީލަތްތައް އަދިވެސް ހަމައެއް ނުވެ އެވެ. ހިޔާ ފްލެޓްތަކުގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ފިހާރަތައް ހެދުމަށް ތަންތަން ދޫކޮށްފައިވާއިރު، މިހާތަނަށް ވަނީ ދިހަ ފިހާރައެއް ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ.

އެޗްޑީސީން ބުނި ގޮތުގައި އިތުރު މާޓުތަކާއި ސުޕަމާކެޓްތައް ހިޔާ ސަރަހައްދުގައި ވަރަށް އަވަހަށް ހުޅުވާނެއެވެ. އޭގެ އިތުރުން އަންނައުނު ފިހާރަތަކާއި ރީތިވާ ސާމާނު ވިއްކާ ފިހާރަތަކާއި ފޮޓޯ ސުޓޫޑިއޯ އާއި ޕްރިންޓުކުރާ ތަންތަނާއި ޖިމަކާއި ސާވިސް ސެންޓަރާއި ބޭސްފިހާރަވެސް ހުޅުވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.