ކުރީ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސާ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ރިޕޯޓު އެބައޮތް ކަމަށާއި އަދި އެ ރިޕޯޓު ހިއްސާކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ މި ސަރުކާރަށް ނުބެލޭކަމަށް ބުނެ ބައެއް މެމްބަރުން ވަނީ އެ ގްރޫޕުގައި ފާޑު ވިދާޅުވެފައެ. އެ ފާޑު ކިޔުންތަކަށް ރައްދުދެއްވައި ސަރުކާރަށް ތާއިދުކުރާ ބައެއް މެމްބަރުން ގްރޫޕުގައި ބުނެފައިވަނީ ހިޔާނަތް ބެލުމަށް އުފެއްދި ރިޔާސާ ކޮމިޝަން އުވާލަން ޖެހުނު ސަބަބު ފާޑުކިޔާ މެމްބަރުން ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު ވަރަށް ފުރިހަމަ ކަމަށާއި އެ ރިޕޯޓަކީ އެސެޓްރިކަވަރީ ކޮމިޝަނުން ރައީސް އޮފީހަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށެވެ.
"އެސްޓް ރިކަވަރީ ކޮމިޝަނުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވަނީ. އެމްއެމްޕީއާރްސީގެ ރިޕޯޓު އެބައޮތް، މިހާ އޮޅުންއަރާ ކަމަށްވާނަމަ ރިޕޯޓު ޝެއާކުރާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސް އޮފީހަށް ފޮނުވި ހިޔާނާތުގެ ރިޕޯޓު ލިބިވަޑައިގެންނެވި ގޮތެއް ނަޝީދު ވިދާޅުނުވެއެވެ. އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓްގައި ހުރީ ދެން އިތުރަށް ތަހުގީގުކުރަން ވި މީހުންނާއި ޝަރީއަތަށް ފޮނުވަންވީ މައްސަލަތައް ކަމަށެވެ.
"އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންނަށް، މަޖިިލިސް މެޖޯރިޓީ ޕާޓީގެ މެމްބަރުންނަށް މިހާބޮޑު އޮޅުމެއް އަރާނަމަ ގައުމީ މަޖިލިސް އިން މިކަމުގައި އިސްނަގަން އަޅުގަނޑަށް ފެނޭ،" ނަޝީދު ވިދާޅުވިއެވެ.
ހިޔާނަތް ބެލުމަށް ރައީސް ސޯލިހު އުފެއްދި އެ ކޮމިޝަން މިދިޔަ މަހުގެ 17 ވަނަ ދުވަހު އުވާލައިފައެވެ. އެ ކޮމިޝަން އުވާލިއިރު ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެފައިވަނީ ހިޔާނަތް ބެލުމުގައި ކޮމިޝަން ފެއިލްވެފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތް މިހާރު ހަވާލުކުރެވިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ.
ނަޝީދު އެގޮތަށް ވިދާޅުވިއިރު، ފުލުހުންނާއި އޭސީސީ އަދި އެސެޓު ރިކަވަރީ ކޮމިޝަން ގުޅިގެން އެކުލަވާލި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ހިމެނޭ ރިޕޯޓެއް މަޖިލީހުން ވަނީ އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު