ހިންގާލަން ކެމްޕޭނުގައި އުޅޭ ޕާޓީ މެމްބަރުންގެ ގަދަރުވެރިކަން ގެއްލޭ ގޮތަށް، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޓީމުން ވާހަކަދައްކަމުންދާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ޗެއާޕާސަންގެ އިންތިހާބަށް އިމްތިޔާޒު ވާދަކުރައްވާ އިރު، އޭނާގެ ކެމްޕެއިން ޝިއާރަކީ ތިލަފަތުގެ ރަމްޒެވެ. އެމްޑީޕީ ހިންގާލަން ޝިއާރު ބޭނުންކުރަނީ ޗެއާޕާސަންކަމަށް ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި ރޮޒެއިނާއެވެ.
ހުޅުމާލެ އެމްޑީޕީ ހިންގާލަން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ، މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްކަން އެއްވެސް ފަރާތަކުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އެ ޕާޓީން ނުކުމެ ތިބީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މުޒާހަރާކުރަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ، އެތެރޭގެ އިންތިހާބަކާ ދިމާކޮށް ޕާޓީގެ ބައިބައި ކުރުމަކީ ހަޑި މުޑުދާރު އަމަލެއް ކަމަށާއި މީހުންގެ ބޮލުގައި ވަގު އިލްޒާމު އަޅުވައިގެން އިންތިހާބެއް ކާމިޔާބުކުރުމަކީ އިދިކޮޅު ޕީޕީއެމުން ބޭނުންކުރާ އުކުޅެއް ކަމަށެވެ. އަދި އެގޮތަށް އިންތިހާބު ކާމިޔާބުކުރަން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އިސް ސަފުގައި ސިޔާސީ ގޮތުން މަސައްކަތްކުރަނީ ނިސްބަތުން މަދު އަންހެނުންތަކެއް ކަމަށާއި އެ މީހުންގެ ގަދަރު ކުޑަވާ ގޮތަށް ދައްކާ ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"..އަޅުގަނޑުމެންނާ އެއްކޮށް މިތިބީވެސް އެމްޑީޕީގެ މެންބަރުން، އަޅުގަނޑުމެންނާއެކު މިތިބީ އެމްޑީޕީއަށް އެތައް ގުރުބާނީއެއް ވެފައިވާ މެންބަރުން، އެހެންވީމާ މިއަދު އަޅުގަނޑުމެންނާ އެކީ ނުކުތީއޭ ކިޔާފަ އެ ބޭފުޅުންނާ ދިމާލަށް މެއްސާ މަދިރިއަށް ކުރައްޕަށް ގޮވުމުގެ ހައްގެއް މިޕާޓީގެ އެއްވެސް ފަރާތަކަށް ނޯންނާނެ،" ރޮޒެއިނާ ވިދާޅުވިއެވެ.
އެމްޑީޕީ ރަނގަޅަށް ނުހިނގާންކަން ކެމްޕޭނަށް މިހާތަނަށް ދިޔަ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ވަބޫލުކުރާ ކަމަށާއި އޭނާގެ ޓީމުން ހިންގާލަން ޝިއާރުގައި ކެމްޕޭން ކުރަން ނުކުތީ ހަގީގަތުގައިވެސް އެމްޑީޕީ ނުހިނގާތީ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
އަދި އެމްޑީޕީ ނުހިނގާ ވާހަކަ ދެއްކީމާ ރުޅި އައުމުގެ ބަދަލުގައި އެކަން ރަނގަޅުކުރަންޖެހޭ ކަމަށާއި ރީތި ކެމްޕޭނެއް ކޮށްގެން ކާމިޔާބު ހޯދުމަށް އެދޭ ކަމަށެވެ. އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން އިމްތިޔާޒު އިސްތިއުފާދިންކަން އެއީ ރަނގަޅު ނަސީބެއް ކަމަށާއި ފިތުނަ އުފައްދައިގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު