ހާންޖީ ރެސްޓޯރަންޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު ހައްޔަރުކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗުން ކަމަށް ފުލުހުން ބުނެފިއެވެ.

އާބިދަކީ އެ ރެސްޓޯރަންޓުގެ ކައްކާއެވެ. އޭނާ ހަމަލާދީފައިވަނީ އެތަނުގައި މަސައްކަތްކުރާ ބަންގުލަދޭޝް މީހަކަށެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ބަންގްލަދޭޝް މީހާ ވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފައިވާ އިރު، ހަމަލާ ދިނުމަށްފަހު އާބިދު ވަނީ ފިލައިފައެވެ.

ނަމަވެސް އޭނާ ހޯދުުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭ ދަންވަރު އޭނާ ވަނީ އަތުލައިގެންފައެވެ.

ފުލުހުން މިއަދު ބުނީ، އޭނާ ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗުން ކަމަށާއި އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.