ބައިނަލްއަގުވާމީ ކުޅިވަރުގެ ކަންކަން ބަލައި އުޅޭ އެއްވެސް މީހަކަށް ބޮރިސް ބެކަރގެ ނަން އަލެއް ނުވާނެއެވެ. ޖާރމަނީއަށް އުފަން މިހާރު އުމުރުން 54 އަހަރުވެފައިވާ ބޮރިސް ބެކަރ އަކީ އޭނާގެ ރަން ދައުރުގައި ޓެނިހުގެ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއެވެ. ދުނިޔޭގެ އެންމެ ބޮޑު ހަތަރު ޓެނިސް މުބާރާތުގެ ތެރެއިން ވިމްބަލްޑަން މުބާރާތް އޭނާ އެންމެ ފުރަތަމަ ކާމިޔާބުކުރީ އުމުރުން އެންމެ 17 އަހަރުގައެވެ. މިދެންނެވި ބޮޑެތި މުބާރާތްތަކުގެ ޗެމްޕިއަންކަން ހަފަހަރެއްގެ މަތިން އޭނާ ވަނީ ހޯދައިފައެވެ. ބެކަރ ހިމެނެނީ ޓެނިހުގެ އެންމެ ބޮޑެތި ލެޖެންޑުންގެ ތެރޭގައެވެ. އެހެންނަމަވެސް ޓެނިހުން ރިޓަޔަރ ކުރުމަށްފަހު ބެކަރގެ ދިރިއުޅުން އެހާ އޮމާނެއް ނޫނެވެ. ކޮންމެވެސް ނޭއްގާނީ ކަމަކާ ގުޅުވައިގެން ދޭތެރެ ދޭތެރެއިން އޭނާގެ ވާހަކަ ނޫސްތަކުގެ ފަލަސުރުޚީއަށް އަރައެވެ.

މާލީ ކަންކަމުގައި މަކަރާއި އޮޅުވާލުންތަކެއްގެ މައްސަލައިގައި ބޮރިސް ބެކަރ ކުށްވެރިވާ ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން މިދިޔަ ހުކުރުދުވަހު ވަނީ ނިންމައިފައެވެ. އޭނާގެ މައްޗަށް ކުށްސާބިތުވިޔަސް އަދި ހުކުމެއް ނުކުރެއެވެ. ހުކުމް ކުރާނީ މިމަހު 29 ވަނަ ދުވަހު އޮންނަ އަޑުއެހުމަކަށްފަހުގައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށުގެ ސީރިއަސްކަމަށް ބަލާއިރު ހަތް އަހަރުގެ ޖަލު ހުކުމެއް އައުން ގާތެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ވިޔަފާރި ބަނގުރޫޓުވެއްޖެ ކަމަށް ބަޔާންކޮށްފައި އޭނާގެ އެކައުންޓުތަކުގައިވާ އެތައް ލައްކަ ޕައުންޑެއް އޭނާޔާއި ގާތް މީހުންގެ އެކައުންޓްތަކަށް ޓްރާންސްފަރކޮށް ފައިސާ ފޮރުވާން އުޅުމުގެ ކުށެވެ. މިއީ ލޯނުތައް ނުދައްކައި ޝަރުއީގޮތުން ސަލާމަތްވެގަތުމުގެ އަމަލެއް ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.

ފައިސާގެ އިތުރުން ބެކަރގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ބައެއް މުދައު ފޮރުވާން އުޅުމުގެ ކުށްވެސް ވަނީ ސާބިތުވެފައެވެ. އުމުރުން އެންމެ ސަތާރަ އަހަރުން ފެށިގެން މިލިޔަނަރަކަށް ވެފައިވާ ބެކަރ ބަނގުރޫޓުވެ ދިރިއުޅުން އެކޮޅުކޮޅުންޖެހި އޮޅުވާލުމާއި މަކަރު ހެދުމުގެ ކުށް ސާބިތުވެ ޖަލަށް ވަންނާން ޖެހުމުގެ ސިއްރަކީ ކޮބައިބާވައެވެ. ބެކަރ އަށް އެކި މުބާރާތްތައް ކާމިޔާބުކޮށްގެން އިނާމު ފައިސާގެ ގޮތުގައި އެކަނިވެސް މަދުވެގެން ފަންސާސް މިލިޔަން ޑޮލަރު ލިބިފައިވެއެވެ. އަދި ބްރޭންޑް އެމްބެސެޑަރުކަމާއި އެކިއެކި އިޝްތިހާރުތަކުންވެސް ސަތޭކަ މިލިޔަނަށްވުރެ މަދު ނޫން އަދަދެއްގެ ޑޮލަރު ލިބިފައިވެއެވެ. އެހެންވީމާ މިވަރުގެ ތަރިޔަކު ބަނގުރޫޓުވެ ޖަލަށް ވަނުމަކީ އާދައިގެ ކަމެއް ނޫނެވެ. މިހެންވާން ދިމާވުމުގައި ބޮޑެތި ސަބަބުތަކެއް ހުންނާނެއެވެ.

ހީރޯއަކުން ޒީރޯއަކަށް ބަދަލުވުމުގެ ސިއްރަކީ ބޮރިސް ބެކަރގެ އަމިއްލަ އިބާރާތުން ބަޔާންކޮށްފައިވާ ފަދައިން އޭނާގެ ވިޔާނުދާކަމެވެ. ލިބޭ އެއްޗަކާއި ޚަރަދުތައް ދިމާކުރާން ނޭނގުމެވެ. ޚަރަދުކުރުމުގައި ލިބޭ މިންވަރަށް ރިއާޔަތް ކުރުން ނެތިގެންނެވެ. މިއީ ވަރަށް ބޮޑު ތެދަކަށް ވެދާނެއެވެ. އޭނާގެ ދިރިއުޅުން ހުރީ އެންމެ މަތީ ފަންތީގެ މަހުޖަނުންނާ އެއްގޮތަކަށެވެ. ބަނގުރޫޓްވުން ކޯޓުގައި ފައިލްކުރި ފަހުންވެސް އިނގިރޭސިވިލާތުގެ ވިމްބަލްޑަން އޭރިޔާއިން ގަނޑުވަރެެއް ކަހަލަ ގެޔެއް ކުއްޔަށް ނަގާފައި ހުއްޓެވެ. އެގެޔަށް އެކަނިވެސް މަހަކު ބާވީސްހާސް ޕައުންޑް ދައްކާންޖެހެއެވެ. ބެކަރ ބުނާގޮތުގައި އޭނާގެ މިލްކިއްޔާތުގެ ބޮޑު ބައެއް ގެއްލިގެންދިޔައީ އަގުބޮޑު ވަރިޔަކާ ގުޅިގެން ކުރީގެ އަނބިމީހާޔަށް ދޭންޖެހުނު އަދަދު ބޮޑުކަމުންނެވެ.

ބަނގުރޫޓުވެފައިވާ މީހަކަށްވާތީޔާއި ދޭތެރެދޭތެރެއިން ނޫސްތަކަށް އޭނާގެ ވާހަކަ އެރުމަކީ އަލުން ދިރިއުޅުން އާރާސްތުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅޭ އެންމެ ބޮޑު ހުރަސްކަމަށްވެސް ބެކަރ ވަނީ ބުނެފައެވެ. އޭނާގެ މައްޗަށް އުފުލުނު މަކަރާއި އޮޅުވާލުމުގެ ދައުވާތަކަށް ބެކަރ އިންކާރު ކުރެއެވެ. ފައިސާޔާއި މުދައު ގަސްތުގައި ނުފޮރުވާ ކަމަށާއި ކުރިކަމެއް ވިއްޔާ ކޮށްފައިވާނީ ގާނޫނީ ވަކީލުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ. ކޮންމެއަކަސް ބޮރިސް ބެކަރ އަށް ދިމާވެފައިވާ މިހާލަތަކީ ކުޅިވަރު އާއިލާޔަށް ޚާއްސަކޮށް ޓެނިހުގެ ދުނިޔެއަށް ލިބިފައިވާ ވަރަށް ބޮޑު ސިހުމެކެވެ. ކުޅިވަރުގެ މައިދާނުގައި ކާމިޔާބު ހޯދުމަށްވުރެ އުނދަގޫކަން ބޮޑީ ރިޓަޔަމަންޓް މަރުހަލާގައި ދިރިއުޅުން ބައްޓަންކުރުންކަން އެންމެނަށްވެސް ވަނީ ގަބޫލުކުރެވިފައެވެ.

ޕްރޮފެޝަނަލް ޓެނިހުގެ ތެރެއަށް ބޮރިސް ބެކަރ ނިކުތީ 1984 ގައެވެ. ރިޓަޔަރ ކުރީ 1999 ގައެވެ. ގާތްގަޑަކަށް 15 އަހަރަށް ދެމިގެންދިޔަ ކެރިއަރުގައި ވިމްބަލްޑަން މުބާރާތް ތިންފަހަރު ކާމިޔާބު ކުރިއެވެ. އޮސްޓްރޭލިއަން އޯޕަން ދެފަހަރު ކާމިޔާބުކުރިއެވެ. ޔޫއެސް އޯޕަން އެއްފަހަރު ކާމިޔާބުކުރިއެވެ. އޭނާ ހިމެނެނީ ޓެނިސް ކުޅެގެން އެންމެ ގިނަ ފައިސާ ހޯދި ސާދަވަނަ ކުޅުންތެރިޔާ ކަމުގައެވެ. މިހުރިހާ ފައިސާޔަކާއެކު ބެކަރ ދިރިއުޅެމުން އައީ ވަރަށްވެސް މުއްސަނދި ދިރިއުޅުމެކެވެ. މިއުނިކާއި މޮނާކޯޔާއި ލަންޑަނާއި މަޔާމީއާއި ސުވިޒަރލެންޑްގެ ޝުވީޒްގައި އޭނާ ޚަރަދުކުރާ އެޕާޓްމަންޓުތައް އެބަހުއްޓެވެ. ބެކަރގެ ފުރަތަމަ އަނބިމީހާ ބާބަރާ އޭނާއާ ވަކިވީ އެހެން އަންހެނަކާއެކު ބެކަރ ގުޅުން ހިންގައި އެ އަންހެންމީހާ ބަލިވެއިންކަން އެނގުމުންނެވެ.