ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުންނާ ބައްދަލުކުރައްވަން އެގައުމުގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ ނިންމަވައިފިއެވެ.

ލަންކާގެ ބޮޑު ވަޒީރުގެ އޮފީހުން މިއަދު ބުނީ، ރާޖަޕަކްސާ ހުންނެވީ މުޒާހަރާކުރާ މީހުންނާ ބައްދަލުކުރައްވައި އެ މީހުންނާ ވާހަކަދެއްކެވުމަށް ތައްޔާރަށް ކަމަށެވެ. މުޒާހަރާކުރާ މީހުން އެ މީހުންގެ ޑިމާންޑުތަކާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުން ނަމަ، އެ މީހުންގެ މަންދޫބުންނާ ވާހަކަދެއްކެވުމަށް މަހިންދާ ނިންމަވާފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނާ ބައްދަލުކޮށް ޑިމާންޑުތަކުގެ އަޑުއައްސަވަން ރާޖަޕަކްސާ ނިންމެވީ، ލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާގެ އަޑު ގަދަވެ އަދި ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމުގެ ބިރު ހީވުމާއެކުއެވެ.

ލަންކާގެ އިގުތިސޯދު އިނދަޖެހި، އެގައުމުގެ އޮތީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގައެވެ. މިއީ 1948 ވަނަ އަހަރު އިނގިރޭސީންގެ އަތުން އެގައުމަށް މިނިވަންކަން ލިބުމަށްފަހު ކުރިމަތިވި އެންމެ ބޮޑު އިގުތިސާދީ ކާރިސާއެވެ.

އެގޮތުން ކާބޯތަކެއްޗާއި ތެލަށް ޖެހި އެގައުމުން ދަނީ ކަރަންޓު ކަނޑަމުންނެވެ. އަދި ސިއްހީ ވަސީލަތްތައް ހުސްވެ, އެތައް ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ދެމުންދާ އިރު, އެކަމާ ނުރުހުންވެ, މީހުން މަގުތަކަށް ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އެ މުޒާހަރާތަކުގައި އެމީހުންދަނީ ރައީސް ގޯތަބަޔާ ރާޖަޕްކްސަގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ.

އިގުތިސޯދީ ދަތިތަކުން އަރައިގަތުމަށް ލަންކާއިން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ބެއިލް އައުޓް ޕެކޭޖް ހޯދުމަށް ނިންމައިފައެވެ. ލަންކާގެ ގަވަރުނަރު ނަންޑަލާލް ވީރާސިންގް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، އިގުތިސޯދު ބަނގުރޫޓުވެފައިވާތީ ބޭރުގެ ދަރަނި ދެއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ފޮރިންރިޒާވްގައި ހުރި ފައިސާތައް ބޭނުންކުރަން ނިންމާފައިވަނީ ޒަރޫރީ ތަކެތި އިމްޕޯޓުކުރަން އެކަނި ކަމަށެވެ.

ލަންކާގެ އިދިކޮޅު ޕާޓީން މިހާރު މަސައްކަތް ކުރަމުންދަނީ ރައީސް ގޮތާބަޔަ އާއި ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނެގުމަށެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ހަފުތާއެއް މުހުލަތު ދިނުމަށްފަހުއެވެ.