އަންނަ މަހު ކިއުބާއިން 26 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހޮސްޕިޓަލުތަކަށް ޑޮކްޓަރުން ހަމަނުވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ކިއުބާއިން ގެންނަ ސްޕެޝަލިސްޓުންނަކީ އެކި ދާއިރާތަކަށް ހާއްސަ ބައެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރަހައްދުން ޑޮކްޓަރުން ލިބުން ވަރަށް ދަތި ކަމަށެވެ.
"ކިއުބާ އިން އަންނަ ޑޮކްޓަރުން އަޅުގަނޑުމެން އުއްމީދުކުރަނީ މެއި މަހުގެ ކުރީކޮޅު އަންނާނެ ކަމަށް. އެއީ 26 ޑޮކްޓަރުން، އެ ޑޮކްޓަރުން އައީމާ ވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އާއްމުކޮށް ރާއްޖެއަށް ގެންނަ އިންޑިއާ އާއި ސްރީ ލަންކާ ފަދަ ގައުމުތަކުގެ ޑޮކްޓަރުންގެ މުސާރަ ވެސް މާ ބޮޑު ކަމަށެވެ. އެކި ދިމާލުން ޑޮކްޓަރުން ގެނެސްގެން ހޮސްޕިޓަލުތަކަށް ޑޮކްޓަރުން ހަމަކުރަން މަސައްކަތްކުރެއްވި ކަމަށާއި، ނަމަވެސް ބޭނުންވާ ވަރަށް ޑޮކްޓަރުން ހަމަނުވެގެން އުޅޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކިއުބާއިން ވަގުތީގޮތުން ތިން މަސް ދުވަހަށް ގެންނަ ޑޮކްޓަރުންނަށް ދޭން ނިންމާފައިވަނީ 4،000-5،000 ޑޮލަރުގެ މުސާރައެއް ކަމަށެވެ. އަދި އެމީހުން އެސެސްކޮށް ތިން މަސް ދުވަހަށް ފަހު، ދާއިމީ ކުރަންޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު