އިންޓަވިއު ފެށުމުގެ ކުރިން އަހުމަދު ސަލީމަށް ކިޔަވާ ސަލީމު ކިޔަނީ ކީއްވެތޯ އަހާލީމެވެ. މާމޮޅަށް ކިޔެވީތޯވެސް އަހާލެވުނެވެ. ނަމަވެސް ހިނިގަނޑަކަށްފަހު "ވަން" ގެ ނޫސްވެރީން ގޮވައިގެން އޭނާ ދިޔައީ 80ގެ އަހަރުތަކުގެ ތެރެޔަށެވެ.
ސްކޫލު ނިންމައި, އަޑިޕާކު ސަރަހައްދުގައި ފުޓްބޯޅަ ކުޅެން އުޅުނު ދުސްވަރަށެވެ. އެތަނުގައި އޭރުވެސް އަމިއްލަ ކުލަބެއް ހެދުމުގެ ސައްލާތަކެއް ކުރެވުނެވެ. ނަމަވެސް އެ ހިޔާލު އުފަންވީ މަރުހޫމް މުހައްމަދު ޒާހިރު ނަސީރު ހިންގެވި ނާސިރު ސްޕޯޓްސް އެކެޑަމީންނެވެ. އެތަނުގައި އުޅުނު ކުދިންތަކެއްގެ ތެރެއިން ކުޅިވަރު ކުލަބެއް ހިންގުމުގެ ވިސްނުން ފުޅާވެ, ކުޅިވަރު ދަނޑުން ފުރުސަތު ހޯދުމުގެ އުއްމީދު އާވިއެވެ. އެހެންވެ އެކަމުގެ އަމަލީ މަސައްކަތް ގ. ފަހިވާގެ ތެރެއިން ފަށައިގަތެވެ. އެކަން ފެށުމާއެކު އެ ގުރޫޕުގައި އުޅޭ ކުދިން ގެންދަން އޭރު ކުޅިވަރު ދަނޑުތަކުގައި އެންމެ ނަގައި ކިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީން ސްޕޯޓްސް ކުލަބުން މަސައްކަތްވެސް ކުރިއެވެ. ނަމަވެސް އެއިން ކުލަބަކަށް ނުކުޅޭން ވެގެން, އަމިއްލައަށް ކުލަބެއް ހަދައިގެން ކުޅިވަރުގެ ދަނޑަށް ނުކުތީއެވެ. އެއީ ވެލެންސިއާއެވެ.
ޒުވާނުންގެ ކުލަބެއްގެ ގޮތުގައި ވެލެންސިއާ ވުޖޫދެ, ފަހުން އެއީ ފުޓްބޯޅައިގައި ގަދަ ބާރަކަށްވިއެވެ. ނަމަވެސް ކިޔަވާ ސަލީމު ކިޔުނު ގޮތް އަދި މި އަންނަނީއެވެ. ވެލެންސިއާ ކުޅޭ މެޗުތަކުގައި ރޭޑިއޯ ކޮމެންޓޭޓަރު މޫމިނާ އިބްރާހިމް އެންމެ ގިނައިން ގޮވަން ޖެހެނީ ސަލީމަށެވެ. އޭރު ވެލެންސިއާގައި ތިން ސަލީމެއް ކުޅުނެވެ. ހުސް އަހުމަދު ސަލީމެވެ. އެކަން އުނދަގޫވެ, ސަލީމުތައް ވަކިކުރަން ގޭގެ ނަން ކުރިއަށް ގެންނަން ޖެހުނެވެ. އެގޮތުން އުފަންވީ ކިޔަވާގެ, ކިޔަވާ އަހުމަދު ސަލީމެވެ.
އެކަމަކު ދައްކަން މިއުޅެނީ ސަލީމްގެ ކުޅިވަރުގެ ހަޔާތުގެ ވާހަކައެއް ނޫނެވެ. އެއަށްވުރެ ދިގު މާޒީއެއް އޮތް, ތަފާތު ވާހަކައެކެވެ. މިހާރު ފުޓްބޯޅައާ ދުރުގައި ހުރި ނަމަވެސް, އޭނާއަކީ މިއަދު ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ކާގޯ ޓީމުގެ ވެރިޔާއެވެ. އެ ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރެވެ. މި ވާހަކަ ތަފާތުވާ ސަބަބަކީ އެއާ މޯލްޑިވްސް އިން ފެށިގެން އޭނާ މަސައްކަތް ކުރައްވާތާ މިހާރު 42 އަހަރުވުމެވެ. އެއީ ލައްކަ ދުވަހެވެ.
ސަލީމް ވިދާޅުވި ގޮތުގައި, އޭރު ސްކޫލް ނިންމާ ގޮތަށް ސަރުކާރުގެ ކޮންމެވެސް ތަނަކަށް ވަޒީފާއަށް ވަންނަންޖެހެއެވެ. ފުރަތަމަ ވިސްނެވީ ސިފައިންގެއަށް ވަންނާށެވެ. ނަމަވެސް އޭރު ވެލެންސިއާއަށް ކުޅޭތީއާއި ފުޓްބޯޅައަށް ހުރި ލޯތްބަކުން އެ ހިޔާލު ދޫކޮށްލެއްވީއެވެ. އެހެން ހުއްޓާ ވަޒީފާއެއް ލިބުނީ މުހައްމަދު ވަހީދުއްދީން ހިންގަވާ ބަނޑޮހުންނެވެ.
ނަމަވެސް އެތަނުގައި ހުންނެވުނީ އެންމެ ތިން މަހެވެ. އޭރު އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސެއިން ގުޅުއްވާފައި އެ މިނިސްޓްރީއަށް ވަޒީފާއަށް އައުމަށް އެދިވަޑައިގަތެވެ. ސަރުކާރުން އެދިވަޑައިގަތުމުން ނޫނެކޭ ބުނެވޭކަށް ނެތެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ސަލީމު ހަވާލުވެ ހުންނެވީ އިމްތިހާން ޕޭޕަރުތަކުގެ މަސައްކަތްތަކާ ކަމުގައި ވިޔަސް, އެއީ ރަނގަޅު އަދި އޭނާއާ ގުޅޭ ދާއިރާއެއް ނޫންކަން އެނގިވަޑައިގަތެވެ. އެހެންވެ އިތުރު ގޮތެއް ހޯއްދަވަން ފެއްޓެވިއެވެ.
"ޖެހިގެން ހުރީ އެއާ މޯލްޑިވްސް އޮފީސް. އެތަނަށް ވަންއިރު އެތަނުގައި މަސައްކަތް މިކުރަނީ އަޅުގަނޑާ އެއްކޮށް ސްކޫލް ނިންމި މީހުން. ވެލެންސިއާވެސް އުފެއްދި މީހުން. އަޅުގަނޑު އަހާލީ މިތަނުގަ ވަޒީފާއެއް އެބައޮތްތޯއޭ. ބުނީ ވަޒީފާގެ ފުރުސަތު މިތަނުގަ އެބަ އޮތޭ. ވަރަށް ގިނަ މީހުން ބޭނުންވެސް ވެއޭ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެޑިއުކޭޝަންގަ ހުރެފަ އެއާ މޯލްޑިވްސްއަށް ބަދަލުވާން ބެލި އިރު ވާގޮތަކީ ބޮޑު މުސާރައަކުން ކުޑަ މުސާރައަކަށް ބަދަލެއް ނުވެވޭ," އެއާ މޯލްޑިވްސްއަށް ވެންނެވުނު ގޮތް ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި, އޭރު އެޑިއުކޭޝަން މިނިސްޓްރީން ލިބިވަޑައިގަތީ 120ރ. އެވެ. އެއާ މޯލްޑިވްސް އިން ދޭ މުސާރައަކީ 115ރ. އެވެ. އެހެންކަމުން ވަޒީފާ ބަދަލުކުރެވިދާނެ ކަމުގެ އުއްމީދު ގެއްލުނެވެ. ނަމަވެސް އެއާޕޯޓް މުވައްޒަފުންނަށް އެލަވެންސްތައް ދޭތީ, މުސާރަ ބޮޑުވެ, ވަޒީފާ އޭނާއަށް ލިބުނީއެވެ. މިއީ ގައުމީ އެއާލައިންގެ ދަތުރު ސަލީމް ފެއްޓެވި ހިސާބެވެ.
އެއާޕޯޓުގައި ސަލީމު އެންމެ ފުރަތަމަ އަދާކުރެއްވީ ޓްރެފިކް އެސިސްޓަންޓެއްގެ މަގާމެވެ. އެ ޒަމާނަކީ ހުރިހާ ކަމެއް މެނުއަލްކޮށް ކޮށް އުޅުނު ޒަމާންކަމުން, އެއާ މޯލްޑިވްސް ހުރިހާ ލިޔެކިޔުމަކާއި ބިލު ފޮތްތަކާއި މެނިފެސްޓުތައް ލިޔަން ޖެހެނީ އަތުންނެވެ. އެ ލިޔެކިޔުންތައް އަޅާފައި ހުންނަނީވެސް ބްރީފްކޭސްއަކަށެވެ.
ދެ ޝިފްޓަކަށް ބަހައިގެން ކޮންމެ ޝިފްޓެއްގައި ހަ މުވައްޒަފުން އޭރު މަސައްކަތް ކުރަމުންދިޔަ އިރު, މާލެއިން ހުޅުލެއަށް ބްރީފްކޭސް އުފުލުމުގެ ޒިންމާ އޮންނަނީ ސަލީމަށެވެ. ނަސީބަކުން އޭރު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީވެސް އެއާ ސިލޯނުން އެކަންޏެވެ. ދުވާލަކު ދެ ފްލައިޓު އަޅާއިރު, އެވްރެޖްކޮށް ކޮންމެ ފްލައިޓެއްގައިވެސް އަންނަނީ 35 ވަރަކަށް ފަސިންޖަރުންނެވެ.
އޭރު ހުޅުލޭ އެއާޕޯޓްގެ ހުރިހާ ހޭންޑްލިން ކަންތައް ކުރާނީ އެއާ މޯލްޑިވްސް އިންނެވެ. ޓާމިނަލަކަށް ހުންނާނީ ޗެކިން ކައުންޓަރުތަކެއް ލާފައި ހުންނަ ދަގަނޑު ގެއެކެވެ. ކާގޯ ޑިޕާޓްމަންޓް ހުންނާނީ ގަހެއްގެ ދަށުގައެވެ. ފްލައިޓުން ފޭބުމަށްފަހު އޮންނާނީ އެމީހަކާ އެމީހެކެވެ.
ދުނިޔޭގެ ހުޅަނގާއި އިރަށް އުދެހުމުން ދަނިކޮށް, އެއާ މޯލްޑިވްސް ބަނގުރޫޓުވެ, ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލީ 2000 ވަނަ އަހަރެވެ. އޭރު ސަލީމް ހުންނެވީ ޓްރިވެންޑްރަމްގެ ސްޓޭޝަން މެނޭޖަރަކަށެވެ. އެތަނުގައި ހުންނަވާތާ އޭރު ތިން އަހަރުވެއްޖެއެވެ.
"އެއާ މޯލްޑިވްސް ހުއްޓާލާފަ އަޅުގަނޑަށް ގުޅާފަ ބުނީ މާލެ އަންނާށޭ. އެއީ ހަޔާތުގަ އެންމެ ދެރަވި ދުވަސް. ވަރަށް ދެރަވި ދުވަހެއް. އެހާ ކުރިއަރާފަ އޮތް ކުންފުންޏެއް ހުއްޓާލާފަ އަންނަން ޖެހުނީމަ، އޭރު ސަރުކާރުން އެންގީ އެކަން ހުއްޓާލާފަ މާލެ އަންނަން،" ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, ކުންފުނި އުވާލުމުން ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވެ, ނާއުއްމީދުވެސް ވި ކަމަށެވެ. ނަމަވެސް ކުންފުނި އުފެއްދުމަށްފަހު އެމްޑީއަކަށް އައްޔަން ކުރެއްވި ބަންދު އިބްރާހިމް ސަލީމާ ބައްދަލުކޮށް އެވާހަކަ ދެންނެވުމުން, ވަޒީފާގެ ޔަގީންކަން ދެއްވިއެވެ.
އެއާ މޯލްޑިވްސްއާއި މޯލްޑިވިއަންގައި ސަލީމް ހޭދަކުރެއްވި 42 އަހަރުގެ ތެރެއިން 20 އަހަރު އޭނާ ހޭދަކުރައްވައިފައިވަނީ މޯލްޑިވިއަން ކާގޯގައެވެ. އެތަނުގެ އިސްވެރިޔާގެ މަގާމަށް އޭނާ އައްޔަންކުރީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ.
މިހެން އުޅުއްވުމުގެ ތެރޭގައި ވަޒީފާގެ ދޫކޮށްލުމުގެ ވިސްނުމެއްވެސް އައެވެ.
"ރިޓަޔަމަންޓް ޕެކޭޖްތަކެއް އައި. އޭރު ހިތަށްއެރި ދެން ދޫކޮށްލަންވީއޭ. އެކަމުވެސް ހިތަށް އެރި އަދި ދޫކޮށްލާކަށް ނުވެއޭ. އަޅުގަނޑަކީ އެކްޓިވްކޮށް އުޅޭ މީހެއްވީމަ ހިތަށް އަރައިފި އުމުރަކުން އަދި ނޭނގޭނޭ. އަޅުގަނޑުގެ މަސައްކަތް އަބަދުވެސް ބަލައިގަނޭ." ސަލީމް ވިދާޅުވިއެވެ.
ވަޒީފާގައި ދެމިހުރުމުގެ ސިއްރަކީ ކޮބައިތޯ އަހައިލުމުން ސަލީމް ދެއްވީ ކުރުނަސޭހަތެކެވެ.
"ތެދުވެރިކަން. ވަޒީފާގައި ތެދުވެރިކަމާއެކު މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެ. ތެދުވެރިކަމާއެކު ބުނާ ކަމެއް ބުނާ ގޮތަށް ކުރީމަ ރަނގަޅުވާނެ،" ސަލީމު ވިދާޅުވިއެވެ.
އެއަށްފަހު ވެސް އޭނާ ދެއްވީ ނަސޭހަތަކެވެ. އެއީ އޭނާގެ ދަރީންނަށާއި އެކުގައި އުޅޭ ޒުވާނުންނަށްވެސް އޭނާ ދެއްވި ނަސޭހަތެވެ.
"ގަޑިއަށް ފަރުވާތެރިވުން. އެއީ ނަންބަރު 1... ގަޑިއަށް ފަރުވާ ބަހައްޓައި ވަޒީފާއަށް ކަމޭހިތާށޭ! ހިތްހަމަނުޖެހޭ ކަންތައް ހުންނާނެ. އެއީ އަޅާލާ ކަމެއް ނޫން. ފަހުން އެކަންތައް ރަނގަޅުވާނެ. އަޅުގަނޑަށްވެސް ދިމާވެފަ އެބަހުރި އެކަހަލަ އެތައް އެތައް ކަމެއް. އެކަމަކު އޭރު ހިތްވަރުކޮށްފަ ހުރީމަ މި މަގާމަށް އާދެވިފަ މިހުރީ," ސަލީމް ވިދާޅުވިއެވެ.
އިންޖިނިއަރިން އާއި ޕައިލެޓުކަން ނޫން ހުރިހާ ކަމެއް ކުރަން މިއަދު ދެނެވަޑައިގަންނަވާ ސަލީމު މުސްކުޅިކުރަން އޮތީ ބާކީ ފަސް އަހަރެވެ. ނަމަވެސް އޭނާ އެ ގޮތެއް ބޭނުމެއް ނޫނެވެ. ވިދާޅުވީ, ގައިގައި ވަރަށް ވަރު އެބަހުރި ކަމަށާއި ދެމި ހުރެވިދާނެ ކަމަށެވެ.
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް