ލައިފް ސްޓައިލް

ބަތްޕެން: ދިވެހީންގެ ދެގޮތެއްނުވާ ރޯދަމަހުގެ އެކުވެރިޔާ

ކުޑައިރުއްސުރެވެސް އާންމުކޮށް ބައްޔެއްވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރިޔަސް، ނުވަތަ ގޭގައި ބަލިތަންމަތީގައި އޮތަސް ކާން ގެންނާނީ ދެވައްތަރެއްގެ އެއްޗެކެވެ. އެއީ އެއްވެސް ކުޅިރަހައެއް ނުދޭގޮތަށް ހަދާފައި ހުންނަ ނޫޑުލްސް ސޫޕް ނޫނީ ބަތާއި ފެނާއި ހަކުރު އަޅައިގެން ގެންނަ ބަތްޕެނެވެ. ހަނދާން ހުންނަން ފެށިއްސުރެވެސް ބަތްޕެން އެގޮތަށް ފެނި އަދި ފަހުން ބަތްޕެން ތައްޔާރުކުރުމުގެ ތެރޭގައި އުޅުމުގެ ސަަބަބުން ބަތްޕެނޭ ބުންޏަސް ހިތަށް ސިފަ ވަނީ ބަލިކެއުމެކެވެ. އަމިއްލައަށް ކާއެއްޗެހި ހަދައިގެން ކެވޭނެހެން އަމިއްލައަށް އުޅެން ފެށިފަހުން ގޭގެ ބަދިގޭގައި ބަތްޕެން ދުވަހަކުވެސް ނުކައްކަމެވެ. ވަސްޖެހުނަސް އުނދަގޫވާތީއެވެ.

ރޯދަމަހުގެ ހާރަށް ވަރަށް ގިނަ ފަހަރު ބަތްޕެނާއި ގެރިކިރާއި މާމުއި ފަދަ ބާވާތްތަކާއެކު ބަތްޕެން ހުންނަތަން ފެނެއެވެ. ކޯހެއްގައި އުޅުނު ފަހަރަކު އުޅެން ޖެހުނީ އަމިއްލަ ގޭގައި އަމިއްލަ ބާރުގައި ނޫންކަމުން އެތަނުން ލިބެން ހުންނަ އެއްޗެއް ކާންޖެހެއެވެ. ދިމާވީ ރޯދަަމަހާއެވެ. ހާރު ކެއުމުގެ ވަގުތުގައި ވަރަށް ފާޑުފާޑުގެ ވައްތަރުތައް ހުރެއެވެ. ފުރަތަމަ ރޭ ވީމަ އާވައްތަރުތަކުންވެސް ރަހަ ބަލައިލީމެވެ. އެކަމަކު ބަތްޕެން ތަށްޓަކާ ކައިރިއެއް ނުވަމެވެ.

އަނެއްދުވަހު އުޅުނީ ވަރަށް ހާލުގައެވެ. މެއިންދިލަ ނަގައި ބަނޑަށްވީ އުނދަގޫ ބޮޑެވެ. ހޮނޑުލަވާ ގޮތަކަށް މޭބޮޑުކޮށްފައި ހުންނާތީ ކުޑަކޮށް ހަށިގަނޑު ދަމާލާ ސްޓްރެޗިންވެސް ހެދީމެވެ. ކުޑަކޮށް ލުއިވެލިހެން ހީވިއެވެ. އެކަމަކު އެއްވެސް ވަރަަކަށް ރަނގަޅު ނުވާކަން މިއެނގުނީ ދެން ވާންފެށިވަރު ބޮޑުކަމުންނެވެ. މުޅި ދުވަހު އުޅެން ޖެހުނީ އެހާލެއްގައެވެ. ހޮނޑު ލެވުނީކީ ނޫނެވެ. ކަރާ ހަމައަށް ކާތަކެތި އަރަނީހެން ހީވެފައި ހުންނަނީއެވެ، ބޭރަށް ހިންގާކަހަލަ ރޯގާއެއްނޫނެވެ. އެކަމަކު ހީވަނީ ހަމަ ފާހާނާއަށް ދާން ޖެހިދާނެހެނެވެ. މިކަހަލަ ހާލެއްގައި ގޮސް އިރުއޮއްސުމުން އަވަހަށް ރޯދަވީއްލީއެވެ. ހަށިގަނޑަށް ކިރިޔާވެސް ލުޔެއް ލިބުނީ ރޯދަވީއްލައިގެން ކިރުތަށްޓަކަށް ދެސައިސަމުސާ މާމުއި އަޅައިގެން ބުއިމުންނެވެ. ހަށިގަނޑަށް ވަގުތީ ލުޔެއް ލިބުނަސް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުއްޓެވެ. މާބޮޑު ކަމަކަށް ނުހަދައި ރޭގަނޑުގެ ކެއުން ތަންކޮޅެއް ލުއިކޮށް ގެންދިޔައިމަ އަނެއްދުވަހު މިފަދަ ކަމަކާ ލައިނުގަނެ ހަމަޖެހޭ ފަސޭހަ ގޮތަކަށް އުނދަގުލެއް ނުވާ ރޯދަ ގަދަ ދުވަހަކަށް ވެދާނެކަމަށް ހީކުރީމެވެ. އަސްތާ ކަންދިމާވީ އިދިކޮޅަށެވެ. މާބޮޑަށް ހާލުދެރަ ރޯދައަކަށްވީއެވެ.

އެރޭ ހާރުކެއި ގަޑީގައި ކޯހުގައި އެކީގައި އުޅުނު ތަންކޮޅެއް ހަރުފާޑުގެ ބައިވެރިޔަކު ބަތްޕެން ތަށްޓަކަށް ކުޑަސަމުސަލެއްގެ ދިޔާހަކުރާއި ހަމަ އެވަރަށް މާމުއި އަޅައިގެން ގެނެސް ދީފައި ބިސްމި ކިޔާފައި ބުއިމަށް ބުނެލިއެވެ. އަހަރެން ވަރަށް ގަދަ ހެދީމެވެ. އެކަމަކު ހަށިގަނޑަށް ކުރާ ބާރު ހިތަށް އަރާފައި ލޯމަރައި ބާރުކޮށްގެން ހުރެ ދެނޭވާގެ ބޮޑު ކޯވަރަކުން، އޭގައި ހުރި ބަތާއެކީ ދަމާލައިފީމެވެ.

ހަމަ ސަތޭކައިގެ މުޖައްރިބު ބުއިމެކެވެ. އަނެއް ދުވަހު މެއިން ދިލަނުނެގީ އެކަންޏެއް ނޫނެވެ. ރޯދަ ވަރުބަލިކަމެއްވެސް ނެތީއެވެ. ކަރުހިއްކުމެއް، އަރުތެރެ ހިކުމެއްވެސް ނެތެވެ. ހަމަ ތެދެކެވެ. ބަތްޕެނުގެ ޖާދޫ މަސައްކަތްކޮށްފިއެވެ. ދެން ބޭނުންވީ މިޖާދޫގެ ސިއްރަކީ ކޮބައިތޯ ބަލާށެވެ.

ބަތް މަޑުވެފައި ފެނުގައި މަޑުގިނީގައި ގިނައިރު ކެކިފައި ހުރުމާއި މިއަށް އެޅޭ ކުޑަކުޑަ ކާށިކިރުފޮދުން އިތުރުވާ ނިއުޓްރިޝަންސްގެ މުއްސަނދިކަމުން ހަށިގަނޑަށް އެތައް ކެލޮރީސްއަކާއެކު ފެން ލިބެއެވެ. ހަޖަމުކުރާ ނިޒާމަށް ލުއިވެ، ފިނިވެ މަސައްކަތް އަވަހަށް އޮމާންކޮށް ނިމެއެވެ. ފައިބަރު ގިނަ އެއްޗަކަށް ބަތް ވެފައި ކާށިކިރުގައިވެސް ފައިބަރު ހުރެއެވެ. ވިޓަމިންސާއި މިނެރަލްސްއިން މުއްސަންޖެވެ. އެންމެ ބޮޑު ފައިދާއަކީ ބަތުގައި ހުންނަ ފައިބަރާއި ކެލޮރީސްގެ ސަބަބުން މީހާގެ ގައިގައި ހަކަތަ ހުރުމާއެކު ކިޑްނީއަށްވެސް ފައިދާވުމެވެ. އަދި ބަތްޕެން ބުއިމަށް މާމުއި ފޮދެއް އެޅުމުން އެއިތުރު ކުރެވުނީ އިތުރު ކެލޮރީސްއާއިއެކު މެއަށް ފިނިކޮށްދޭނެ ބާރެކެވެ. އަދި ވަރަށް ބޮޑު މަސައްކަތެއް ބަތްޕެން ކޮށްދެއެވެ. ބަނޑުހަރުވުމާއި ފާހާނާއަށް ދިއުމުގައި (ބޮޑުކަމުދިއުމުގައި)ވާ ދަތިތައްވެސް ބަތްޕެނުން ފަސޭހަކޮށް ވައިގެ މައްސަލައަށްވެސް މިއީ އެއްވަނައިގެ ހައްލެކެވެ.

އޭގެ ފަހުން މިއަދާއި ހަމަޔަށްވެސް ރޯދައަށް ތައްޔާރުވުމުގަ އެންމެ ހާއްސަ އެއްޗަކީ ބަތްޕެނެވެ. ރޯދަމަހުގެ ހިތްހެޔޮ މިތުރަކީ ބަތްޕެނެވެ.