ޑޮލަރު ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ އަތުލި މައްސަލައިގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ވަނަވަރު ހާމަކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ގަން ޕޮލިސްޓޭޝަނުން ތަހުގީގު ކުރާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ނ. މިލަދޫ، ކަންމަތީގެ، އަލީ ސަބާހު (30އ) ހޯދަން ބޭނުންވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ. އަދި އޭނާގެ ވަނަވަރު އާންމުކުރީ ތަހުގީގަށް ހާޒިރުކުރުމަށް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހަށެވެ.

މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަ މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.