"ބައިބަލާ އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ފިތުރު ޢީދާއި ގުޅިވައިގެން ބާއްވާ ބައިބަލާ މުބާރާތް ދެއަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު “ބައިބަލާ ޗެލެންޖް 1443” ގެ ނަމުގައި ބޭއްވުމަށް މިއެސޯސިއޭޝަން އިން ނިންމި ވާހަކަ އުފަލާއި އެކު އިއުލާން ކުރަމެވެ." މި ޕޯސްޓާއެކު ބައިބަލާ އަނެއްކާވެސް އެނބުރި އައި ކަމުގެ ފެހި ސިގްނަލް ބައިބަލާ އެސޯސިއޭޝަނުން ވަނީ ދީފައެވެ.
އެކިއެކި ކުޅިވަރު ކްލަބުތަކުގެ މެދުގައި ފޯރިއާއެކު މީގެ ކުރިންވެސް ބާއްވަމުން އަންނަ ބައިބަލާ މުބާރާތަކީ ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެކެވެ. ކޮވިޑް 19ގެ ހާލަތާހެދި މިދިޔަ ދެ އަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް، މިއަހަރު އަލުން ފެށުމާއެކު އެތައް ކުޅުންތެރިންނަކަށް ހިތްހަމަ ޖެހުން ލިބިގެން ދިޔަ ކަމަށް އެސޯސިއޭޝަންގެ ނައިބު ރައީސް ޢަލީ ޝާން(ސަޓޯ) "ވަން" އަށް ވިދާޅުވިއެވެ.
"ވަރަށް ގިނަ ޓީމުތަކުން ތައްޔާރުވާން ފަށައިފި. ބައެއް ޓީމުތަކުން ރިންގް އަޅަންވެސް ފަށައިފި. ކޮވިޑްގެ މެދުކެނޑުމަށްފަހު އަލުން މިފެށީ. މިދިޔަ ދެއަހަރުވެސް މަޑުކޮށްލީ ލިބެން ޖެހޭ ހުއްދަތަކާއެކު މުބާރާތް ބާއްވަން ވެގެން. މިހާރު ދެން އެހުރިހާ ކަމެއް ހަމަޖެހިގެން ގޮސްފަ މިއޮތީ. އަސްލު ހުރިހާ ކްލަބުތަކަކުންވެސް ވަރަށް ސަޕޯޓިވް. ކުޅުންތެރިންވެސް. ކުޅުންތެރިން ވަރަށް ކިކްގަ ތިބީ. އަސްލު ހުރިހާ ކުޅުންތެރިންވެސް ދިޔައީ މި މުބާރާތަށް އިންތިޒާރުކުރަމުން. ބަލަމުން ދިޔައީ އަބަދުވެސް މުބާރާތް ބޭއްވޭނެ ގޮތެއް ހޯދޭތޯ. އެހެންވީމަ އަލުން ބޭއްވުން މިއީ ވަރަށް ބޮޑު ހިތްވަރެއް،" ސަޓޯ ވިދާޅުވިއެވެ.
ބައިބަލާ މުބާރާތް އިއުލާން ކޮށްލުމާއެކު ބައެއް ކްލަބުތަކުން ވަނީ ޓްރައިލްއަށް ހުޅުވައިވެސްލައިފައެވެ. އެގޮތުން މަސްއޮޑި ސްޕޯޓްސް ކްލަބުން ވަނީ ކްލަބަށް ކުޅުންތެރިން ހޯދަން އިއުލާން ކޮށްފައެވެ. މިފަހަރުގެ މުބާރާތުގައިވެސް ބައިބަލާގެ ވަރުގަދަ ނަންތައް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އެންމެފަހުން ކޮވިޑް 19ގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ކުޑަހެންވޭރު ޔުނައިޓެޑެވެ.
މީގެ ކުރިން ބައިބަލާ އެސޯސިއޭޝަނުން ވަނީ މާލޭގެ އިތުރުން ބައެއް އަތޮޅުތަކުގައިވެސް ބައިބަލާ މުބާރާތްތައް ހޯސްޓްކޮށްފައެވެ. އެގޮތުން ލ. ގަމާއި ކުޅުދުއްފުށި ސިޓީ ފަދަ ސަރަހައްދުތަކަކީ ބައިބަލާގެ ފޯރިގަދަ ސަރަހައްދުތަކެވެ. ސަޓޯ ވިދާޅުވީ ފިތުރު އީދާ ދިމާކޮށް ބާއްވާ މުބާރާތަށްފަހު މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ބާއްވާނެ މުބާރާތްތަކަށް އެސޯސިއޭޝަނުން ވިސްނާނެ ކަމަށާއި، އަތޮޅު ތެރޭގެ އިތުރުން މުބާރާތްތައްވެސް ފެނުން އެކަށީގެންވާ ކަމަށެވެ.
ސަޓޯ އިތުރަށް ވިދާޅުވީ މެދުކެނޑުމަކަށްފަހު އައުމާއެކު ފޯރީގެ މިންވަރު ވަޒަންކޮށްލަން އިނގޭނީ މުބާރާތް ފެށިގެން ކުރިއަށްދާން ފެށުމުން ކަމަށެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާއަށް ބަލައިލުމުން، ޓީމުތައް ފޯރިގައި ތިބި ކަން ސާފެވެ. ހާއްސަކޮށް ކުޅުންތެރިން ތިބީ އުންމީދާއެކު "ކިކް" ގައެވެ. ބައިބަލާ ކިކްގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު