ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ އަނދަވަޅުން ގައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެ ކެބިނެޓުގެ މަގާމުތަކާ ހަވާލުވުމަށް ރައީސް ގޮޓާބެ ވަނީ މި ހަފުތާގައި އިދިކޮޅު ޕާޓީތަކަށް ދައުވަތު ދެއްވައިފައެވެ. ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް މަގުފަހި ކުރުމުގެ ގޮތުން ރައީސް ގޮޓާބެގެ އެންގެވުމަކަށް 26 މިނިސްޓަރުންގެ ކެބިނެޓް ވަނީ އިސްތިއުފާދީފައެވެ. އެ އިސްތިއުފާއަށް އެއްދުވަސް ނުވަނީސް ކުރީގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ހަތަރު މިނިސްޓަރަކު އަނެއްކާވެސް ވަނީ ކެބިނެޓަށް ގެންނަވައިފައެވެ. ރައީސް ގޮޓާބެ މިއުޅުއްވަނީ ގައުމުގެ މައްސަލަތައް ހައްލުކުރައްވަން ބާވައެވެ. ނުވަތަ އެކި ކަހަލަ އުކުޅު ބޭނުން ކުރައްވައިގެން ވެރިކަމުގައި އަދިވެސް ހުންނެވުމަށް ބާވައެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމަކީ 4 ފެބްރުއަރީ 1948 ގައި އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނުފަހުން މިހާތަނަށް ފާއިތުވި 74 އަހަރުގެ ތެރޭގައި ސްރީލަންކާއަށް ތަޖުރިބާކުރަން ޖެހުނު އެންމެ ބޮޑު ތަދުމަޑުކަމެވެ. ސްރީލަންކާގައި 1983 ވަނަ އަހަރުގެ ޖުލަައިމަހުން ފެށިގެން 2009 ވަނަ އަހަރުގެ މެއިމަހާ ހަމަޔަށް 26 އަހަރުވަންދެން ވަރުގަދަ ދާޚިލީ ހަނގުރާމައެއް ހިނގިއިރުވެސް މިވަރެއް ނުވެއެވެ. މިހާބޮޑު އިގްތިސާދީ ވެއްޓުމަކާ ކުރިމައްޗެއް ނުވެއެވެ. ގައުމަށް މިވަރުގެ ބޮޑު ވެއްޓުމެއް މިއައީ ހުރިހާ އާރަކާއި ބާރެއް ރާޖަޕަކްސާ އާއިލާއަށް އޮވެ ހިނގަންވާ ރަނގަޅު މަގުން ނުހިނގުމުގެ ސަބަބުންނެވެ. ރާޖަޕަކްސާއިންގެ ކިބައިގައި ހުޝިޔާރުކަމާއި ގާބިލްކަން ނެތުމުގެ ސަބަބުންނެވެ.

ރައީސްކަމުގައި ހުންނެވީ ރާޖަޕަކްސާއެކެވެ. ބޮޑުވަޒީރުކަމުގައި ހުންނެވީ ރާޖަޕަކްސާއެކެވެ. މާލީވަޒީރުކަމުގައިވެސް ރާޖަޕަކްސާއެކެވެ. މުޅިއޮޑީގައި ހަސަނުގެ ދެފަޔޭ ބުނެވޭ އުސޫލުން މުޅި ސަރުކާރުގައިވެސް ރާޖަޕަކްސައިންނެވެ. ކަންކަން ކުރުމުގެ ހިކުމަތްތެރިކަމާއި ރޭވުންތެރިކަން ނެތުމުގެ ސަބަބުން މިހިސާބަށް ސްރީލަންކާގެ ހާލަތު ގޯސްވުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ރާޖަޕަކްސާ އާއިލާއެވެ. ސްރީލަންކާގެ ހުރިހާ ކަންކޮޅުތަކެއްގައި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް ގޮވަމުން އެދަނީ ސަރުކާރު އިސްތިއުފާ ދިނުމަށެވެ. ރައީސް ގޮޓާބެ އާއި ބޮޑުވަޒީރު މަހިންދަ ވެސް އިސްތިއުފާ ދެއްވުމަށެވެ. ކެބިނެޓުވެސް އިސްތިއުފާ ދިނުމަށެވެ. މި ހަޅުތާލުތަކާއި ގޮވުންތަކުގެ ސަބަބުން ރާޖަޕަކްސާއިންގެ ނިދިވެސް ގެއްލިއްޖެއެވެ. ވެރިކަން ދެމެހެއްޓުމަށް އައު ވިސްނުންތަކެއް ގެންގުޅެން ޖެހިއްޖެއެވެ.

ރައްޔިތުން ގޮވަނީ ގޮޓާބެ އިސްތިއުފާ ދެއްވުމަށެވެ. ހަމައެކަނި ކެބިނެޓުގެ އިސްތިއުފާއަކަށް ނޫނެވެ. އެކަމަކު ގޮޓާބެ ނިންމެވީ އޭނާވެސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާވެސް އެތިއްބެވި މަގާމުތަކުގައި ތިއްބަވާފައި ކެބިނެޓް ބަދަލުކޮށްލެއްވުމަށެވެ. އިދިކޮޅު ޕާޓީތަކުގެ ވެރީންނަށް ދިދަޖެހިކާރާއި ވަޒީރުކަމާއި ލިބުނީމާ ދެން ސަރުކާރުގެ އިސްތިއުފާއަށް ގޮވަން އިދިކޮޅު ޕާޓީތަކުން މަގުމައްޗަށް ނުނިކުންނާނޭ ކަމަށް ހީފުޅުކުރެއްވީ ކަމަށް ވެދާނެއެވެ. ގޮޓާބެގެ ދެބެއިން އެންގެވީމާ އެންގެވި ކަމެއް ކުރަން އޮންނަ ކެބިނެޓުގެ މޫނުތައް ބަދަލުކޮށްލީމާ ރައްޔިތުން ރުހިގެން މައިތިރިވެދާނޭ ކަމަށް ހީފުޅު ކުރެއްވީ ކަމަށް ވެދާނެއެވެ. މޮހޮނަށް އޮޑިދޭ ބީދައިން އިދިކޮޅު ޕާޓީތަކަށް މިނިސްޓްރީތައް ދީގެން މިކަން ހަމަޖައްސައިލެވިދާނޭ ކަމަށް ހީފުޅުކުރެއްވީ ކަމަށް ވެދާނެއެވެ.

އެންމެ ބޮޑު އިދިކޮޅު ޖަމާއަތް ކަމުގައިވާ ޔުނައިޓެޑް ޕީޕަލްސް ޕަވަރ ކޯލިޝަނުގެ ފަރާތުން ބުނެފައިވަނީ ރައްޔިތުން ގޮވަމުން އެދަނީ ރައީސާއި ބޮޑުވަޒީރު މަގުން އެކަހެރިވުމަށް ކަމަށެވެ. ރާޖަޕަކްސާއިންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ކަމުގައެވެ. އެހެންވީމާ ރާޖަޕަކްސާއިންނަށް އެހީވުމަށްޓަކައި ކެބިނެޓްގެ މަގާމުތަކަށް އައުމަކީ އެ ކޯލިޝަނުން ނުކުރާނޭ ކަމެއްކަމަށާއި މަގްސަދަކީ ހުރިހާ ރާޖަޕަކްސާއިން ބޭރުކުރުން ކަމަށްވެސް ބުނެފައިވެއެވެ. އިދިކޮޅު ޖޭވީޕީންވެސް އަދި ޓެމިލް ނެޝަނަލް އެލަޔަންސުންވެސް ބުނެފައިވަނީ ހަމަ މިހެންނެވެ. ރާޖަޕަކްސާއިންގެ ފަރާތުން އަންގާ އެންގުން ތަންފީޒުކޮށް ހުތުރުނަން ބޮލުގައި އަޅަން ބޭނުން ނުވާކަމަށްވެސް ބުނެފައިވެއެވެ. މޮހޮނަށް އޮޑިދޭ ބީދައިން ރާޖަޕަކްސާއިންގެ ފަރާތުން ލިބޭ މިނިސްޓަރުކަން ބޭނުމެއް ނުވާކަމަށްވެސް ބުނެއެވެ.

އިދިކޮޅު ޕާޓީތައްވެސް ހިމެނޭގޮތުން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެެއްގެ ވާހަކަ ރައީސް ގޮޓާބެ އެވިދާޅުވަނީ ސިޔާސީގޮތުން އަނދުނެއް އެޅުވުމުގެ ގޮތުންނެވެ. ރައީސްކަމުގައި ދެންވެސް ގޮޓާބެ ހުންނަވާފައި ބޮޑުވަޒީރުކަމުގައި ދެންވެސް މަހިންދަ ހުންނަވައިފައި މާލީވުޒާރާޔާއި އިގްތިސާދާއި ގުޅުންހުރި އެނޫންވެސް ވުޒާރާތައް ދެންވެސް އާއިލާގެ ކޮންޓްރޯލް ދަށުގައި ބާއްވައިފައި އެމްޕްލޯއިމަންޓް މިނިސްޓްރީޔާއި ކުޅިވަރު މިނިސްޓްރީ ކަހަލަ ހަޔެއްކަ ވުޒާރާޔަށް އިދިކޮޅު ލީޑަރުން ގެނައީމާ އެއޮތީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ބާވައެވެ. ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް އެހިސާބުން ހައްލުވާނޭ ބާވައެވެ. ނޫނެކެވެ. ނުވާނެއެވެ. މައްސަލަ ހައްލުވާނީ މައްސަލައިގެ އަސްލު އުފުރާލެވިގެންނެވެ. މައްސަލައިގެ އަސްލަކީ ރައީސް ގޮޓާބެއާއި ބޮޑުވަޒީރު މަހިންދައެވެ.