ދިއްގަރު ރިހާކުރަކީ މިއަދު "ބްރޭޑް" އެކެވެ. އެ ރިހާކުރުގެ އޮލަކަމާއި މީރުކަމުގެ ވާހަކައަކީ ދިވެހިން އިއްޔެއަކު މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ. މަސްވެރިކަމަށް މަޝްހޫރު ދިއްގަރުގައި ހާނާ ރިހާކުރަކީ މީގެ އެތައް އަހަރެއް ކުރިންވެސް ހަމަ އެ މީރުކަމުގައި ދިވެހިން "ކުޅުދިޔާ" ކުރުވާފައިވާ ރިހާކުރެކެވެ. ދިއްގަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ރިހާކުރު ހޭނުމުގައި ހަރަކާތްތެރިވާ އެކަކީ، އެރަށު ބީޗުވިލާގެ، އުމުރުން 65 އަހަރުގެ އާރިފާ ހުސައިންނެވެ.
ހިތްހެޔޮ ސަކަ މިޒާޖެއްގެ އާރިފާ ރިހާކުރު ހޭނުމުގެ މަސައްކަތުގެ ތެރެއަށް ވަނީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައެވެ. މަންމަމެން ރިހާކުރު ކެއްކުމުގެ މަސައްކަތުގައި އުޅޭއިރު، އާރިފާވެސް އެއިރު އެ މަސައްކަތުގައި އެހީތެރިވުމަށް އުޅުނެވެ. ރިހާކުރު ހާނާ ގޮތާއި އެކަމުގެ އުކުޅުތައް އާރިފާ ދަސްކުރީ އޭނާގެ މަންމަމެންގެ ފަރާތުންނެވެ.
"އެއިރު ކައްކާނީ ގެންނަ ކުޑަމަސްކޮޅު. މަސްބައިގެން އައިސް ކޮންމެ ގެއަކަށްވެސް ދޭ މަސްކޮޅު ކައްކައިގެން އޭގެން ގަރުދިޔަ މި ހަދަނީ. އެއިރު ގެންނާނީ 100 ކިލޯއިން 200 ކިލޯއިން" އާރިފާ ބުންޏެވެ.
އާރިފާ ބުނި ގޮތުގައި ޖަވާޒީ ހަޔާތެއް ފެށުމަށް ފަހުވެސް އާމްދަނީ ހޯދުމުގެ ގޮތުން ކޮށްއުޅުނީ މަސް ކެއްކުމާއި ރިހާކުރު ހޭނުމުގެ މަސައްކަތެވެ. އާރިފާގެ ފިރިމީހާ، ހަސަން އިދުރީސަކީ، ދިއްގަރުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްކެއްކުމުގެ މަސައްކަތް ކުރަމުން އަންނަ އެކަކެވެ. އާރިފާ ބުނި ގޮތުގައި، މިހާރު އޭނާ ކުރަމުން އަންނަ މަސައްކަތަކީ ފިރިމީހާގެ މަސައްކަތްތަކުގައި ބައިވެރިވުމެވެ. އަދި މަސް ކެއްކުން ފިރިހެނުންނަށް ދޫކޮށްލާފައި، އޭނާ މިހާރު ހާއްސަވެ ހުންނަނީ ރިހާކުރި ހޭނުމަށް އެކަނި ކަމަށް ބުންޏެވެ.
އާރިފާ ބުނި ގޮތުގައި ދިއްގަރުގެ ރިހާކުރުގެ މީރުވުމުގެ ސިއްރަކީ، އެ ރިހާކުރު ކައްކާ ގޮތެވެ. އެގޮތުން، ރިހާކުރު ހޭނުމުގެ ހުރިހާ މަރުހަލާއެއްވެސް ފުރިހަމަ ކުރަނީ، ސާފުތާހިރުކަން އިސްކޮށް، ސީދާ އާރިފާގެ ބެލުމުގެ ދަށުންނެވެ. އަދި މަސްލާފައިވާ ފެންގަނޑު ކެއްކުމަށް ގިނައިރު، ބަހައްޓައި ގަރުދިޔަ އެއްކޮށް ހިނދެން ބެހައްޓުމަކީ އެ ރިކާހުރު މީރުވުމުގެ ސިއްރުކަމުގައި އާރިފާ ބުންޏެވެ.
"ދައްތަމެން ވަރަށް ރީއްޗަށް ގަރުދިޔަ މަސް ކައްކައިފައި އޮއްސައިފައި، ގަރުދިޔަތައް އޮއްބާލަން ބަހައްޓަނީ. އެއަށް ކިޔާނީ ކިސަޑު އޮއްބަނީއޭ. ދެން އޮއްބައިގެން ފުރޭނި ލައިގެން ދެން އުދަނީ ރިހާކުރު ކައްކަން ދެން ފިއްލެޔޮ ނަގަން ތަތްވީމާ ނިމުނީ ކަމަށް ނިންމައި ބަހައްޓާނީ." ރިހާކުރު ހޭނުމުގެ މަސައްކަތްތަކުގެ ކުޑަ މިންވަރެއް ހިއްސާކުރަމުން އާރިފާ ކިޔައިދިނެވެ.
އާރިފާ ބުނި ގޮތުގައި ރިހާކުރު ހޭނުމަކީ ބުރަ މަސައްކަތެކެވެ. އާރިފާގެ ނަޒަރުގައި ރިހާކުރު ހޭނުމުގެ މަސައްކަތަކީ "ނުނިމޭ" މަސައްކަތެކެވެ. އަޅުކަންތައް ކުރުމަށް ވަގުތު ދިނުމަށް ފަހު ދުވަހުގެ ބޮޑުބައެއް ހޭދަވަނީ އެކަމަށެވެ.
"މި މަސައްކަތުގެ ބުރަމިން ބުނަން އުނދަގޫވާހާވެސް ބޮޑު. އެ ދުވަހެއްގެ ކުރަން ހުންނަ ދީނީ ކަންކަން ކުރުމަށް ގޮސް އައިސް އެކަން ކުރަނީ. ދެން ފެންވަރައިގެން އައިސް ނިދި އައީމާ ނިދަންވީ، ނޫނީ އެ މަސައްކަތުގައި އުޅެނީ." ދިއްގަރުގައި ރިހާކުރު ހޭނުމުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ އާރިފާ ހުސައިންގެ ދުވަސް ހޭދަވާ ގޮތާ ބެހޭ ގޮތުން އޭނާ "ވަން" އަށް ކިޔައިދިނެވެ.
ރިހާކުރު ހޭނުމުގެ މަސައްކަތަކީ ބުރަ މަސައްކަތެއް ނަމަވެސް ހަލާލު ގޮތުގައި ރަނގަޅު އާމްދަނީއެއް ހޯދުމަށް އެއީ ރަނގަޅު މަސައްކަތެކެވެ. އާރިފާ، އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 20 ނުވަތަ 30 ރިހާކުރު ފުޅި ހާނާއިރު، ފުޅިއެއް ވިއްކަނީ 300 ރުފިޔާއަށެވެ. އެހެންކަމަށްވާ ނަމަ، އެންމެ މަދުވެގެންވެސް ދުވާލަކަށް 6،000 ނުވަތަ 7،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ 180،000 އެއްހާ ރުފިޔާއެވެ. ހަރަދުތަކަށް ކެނޑުމަށްފަހުވެސް ރަނގަޅު އާމްދަނީއެއް އެކަމުން ލިބޭނެއެވެ.
"ހާނާ ހުރިހާ ރިހާކުރެއް ވިކޭ، ވަރަށް ޑިމާންޑް އޮވޭ. ހަރަދުތަކަށް ކަނޑާފައިވެސް ފައިދާކޮޅެއް އޮވޭ. މިއީ ކުރަން ރަނގަޅު މަސައްކަތެއް" ކުރެވޭ މަސައްކަތާމެދު ހިތްހަމަޖެހިގެން ހުރި އާރިފާ ބުންޏެވެ.
އެއްވެސް މަސައްކަތަކީ ހަލާލު މަސައްކަތެއް ނަމަ ހަޑި މަސައްކަތެއް ނޫނެވެ. އާރިފާ ބުނި ގޮތުގައި މުޅި ދުވަހު މަހު ލެޔާއި ތަތްތެޅިގެން ކުރިނަމަވެސް މި މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެެވެ. އާރިފާ ސިފަކުރާ ގޮތުގައި އެއީ އެންމެ ހަލާލުކަން ބޮޑު އެއް މަސައްކަތެވެ. ދާ އޮހޮރުވައިގެން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަސައްކަތެކެވެ.
އާރިފާގެ މަސައްކަތުގައި އޭނާގެ ގާތްތިމާގެ މީހުންނާއި އަވަށްޓެރީންނާއި ދަރީންގެ އެހީތެރިކަން ލިބޭއިރު، ރިހާކުރު ހޭނުމުގެ މަސައްކަތް ކުރި އެރުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އާރިފާ ފާހަގަކުރިއެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އާރިފާ ފާހަގަކުރީ އެ މަސައްކަތް ކުރާ މީހުން މަދުވެފައި ޒުވާނުން އެ މަސައްކަތް ކުރަން ބޭނުން ނުވުމެވެ.
"ޒުވާނުންނަކަށް ނުކެރޭ މިކަމަށް ހިތްވަރުކުރާކަށެއް. މިހާރުގެ ކުދިން ބޭނުންވަނީ ތަންކޮޅެއް ލުއިކޮށް، މިނިވަންކޮށް އުޅެން. އެއީ ދެންމެ މި ބުނީ މި މަސައްކަތަކީ ނުނިމޭ މަސައްކަތެއް. ދުވާލުދާ ހަތަރުދަމު ލޭތަކާއި ތަތްތެޅި ކަރުގޮހޮރުގައި ހޭކި މިއުޅެން ޖެހެނީ. ޒުވާނުންނަކަށް ނުކެރޭ ޒިންމާ ނަގައިގެން ގިނައިރު އުޅޭކަށެއް" އާރިފާ ބުންޏެވެ.
އާރިފާގެ ޖުމްލަ އަށް ދަރީން ތިބެއެވެ. އެއީ ހަތް އަންހެނުންނާއި ފިރިހެނެކެވެ. އެ ހުރިހާ ދަރީންގެ އެއްބާރުލުމާއެކު އާރިފާގެ ވިސްނުން ހުރީ އެންމެ 15 އަހަރުގައި ފެށި ރިހާކުރު ހޭނުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް