ޚަބަރު

އެގްރޯނެޓުން ބާޒާރަށް ކަރާ ނެރެފި

މުހައްމަދު އިޝާން

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބާޒާރަށް ކަރާ ނެރެން ނިންމައިފިއެވެ.

އެގްރޯނެޓުން މިއަދު ބުނީ، ކޮންމެ އަހަރެއްގެ ރޯދަ މަހުގައި ރާއްޖޭގެ ބާޒާރުގައި ކާބޯތަކެއްޗަށް އޮންނަ ޑިމާންޑު އިންތިހާއަށް ބޮޑުވެ، ކަރާ ފަދަ ބާވަތްތަކުގެ އަގު އުފުލެމުންދާކަމުގެ ޝަކުވާ މީހުން ކުރާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނީގެ ހައިސިއްޔަތުން، މިއަހަރުގެ ރޯދަ މަހަށް އަމާޒުކޮށްގެން ގިނަ އަދަދެއްގެ ކަރާ ހެއްދުމަށްފަހު ބާޒަރަށް ނެރެން ފަށާފައިވާ ކަމަށެވެ. އެގޮތުން ކަރާ ކިލޯއެއް ހޯލްސޭލްކޮށް 15.63 ރުފިޔާއަށް ލިބޭނެ ކަމަށް އެގްރޯނެޓުން ބުންޏެވެ.

އެގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހު ފަސް ޓަނު ކަރާ، ދެވަނަ ދުވަހު 1.5 ޓަނު ކަރާ އަދި ތިންވަނަ ދުވަހު ތިން ޓަނު ކަރާ ބާޒާރަށް ނެރެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ހަފުތާގެ ތެރޭގައި އިތުރު ދިހަ ޓަނު ކަރާ ބާޒާރަށް ނެރުމަށް މިހާރު ތައްޔާރުކުރެވިފައިވާ ކަމަށާއި އެކި ދުވަސްތަކަށް ބަހާލައިގެން ޖުމުލަ 117 ޓަނު ކަރާ މި ރޯދަ މަހު ބާޒާރަށް ނެރެވޭނެ ކަމަށް ވެސް އެގްރޯނެޓުން ބުންޏެވެ.

އެގްރޯނެޓުން ބުނީ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އުފެއްދުންތެރިކަން އިތުރުވެފައިވާތީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރޯދަ މަހުގައި ބާޒާރުގައި ކަރާގެ އަގު އާދަޔާ ހިލާފަށް ބޮޑުނުވެ ހިފެހެއްޓިފައިވާކަން ފާހަގަކުރާ ކަމަށާއި އެ ކުންފުނީގެ އުންމީދަކީ ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެވިގެން ދިއުން ކަމަށެވެ. އަދި ރޯދަ މަހުގެ ހުރިހާ ހިސާބެއްގައިވެސް އެތަކެތި ބާޒާރުގައި ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އުންމީދުކުރާ ކަމަށް އެކުންފުނިން ބުންޏެވެ.

ކަރާގެ އިތުރުން ބަރަބޯ، ބަޓާނާ، ތޮރާ، ކިއުކަންބާ، ފަޅޯ އަދި ފަތްކޭލުގެ ބާވަތްތައް ވެސް ބާޒާރަށް ނެރޭނެ ކަމަށް އެގްރޯނެޓުން ބުންޏެވެ.

ރާއްޖޭގެ އަތޮޅުތައް ފަސް ސަރަހައްދަކަށް ބަހާލެވިގެން މުޑުވައްކުރާ ދުވަހުން ފެށިގެން ތަކެތި ބާޒާރަށް ނެރުމާ ހަމައަށް ދުރާލާ އިންތިޒާމުކުރެވިގެން ހިންގޭ ދަނޑުވެރިކަމުގެ އާ މޮޑެލްގެ ދަށުން ދަނޑުވެރިކަން ކުރުމަށްޓަކައި 707 ފަރާތަކުން ވަނީ ދަނޑުވެރިކަން ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ފަރާތްތަކަށް ދަނޑުވެރިކަން ފެށުމަށްޓަކައި ދޭ ސްޓާޓާޕެކް 277 މީހަކަށް ވަނީ ދޫކޮށްފައެވެ. އަދި 273 ފަރާތަކުން މިހާރު ވެސް އަމަލީގޮތުން ދަނޑުވެރިކަން ކުރަމުން ގެންދެއެވެ.

އެގްރޯނެޓުގެ އުފެއްދުންތައް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން އޯޑަރުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް އެގްރޯނެޓުގެ ހޮޓްލައިން ނަމްބަރު 3030490 އަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުގެ ދަށުން ވިޔަފާރީގެ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީކުރުމަށްޓަކައި އެގްރޯނެޓް އުފެއްދީ 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.