އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއިން ކްރިސްޓަލް ޕްލެސް ކައިރީ 3-0 ގެ ނަތީޖާއަކުން ބަލިވެ، އެޓީމުން ޗެމްޕިއަންސް ލީގަށް ކުރަމުން އައި އުންމީދަށް އުނދަގޫތަކާ ކުރިމަތިވެއްޖެއެވެ.
ރޭ ރަށުން ބޭރުގައި އާސެނަލް ބަލިވި މެޗުގައި އެޓީމު ކޮޅަށް ގޯލުތައް ޖެހީ ޖީންފިލިޕް މަޓޭޓާގެ އިތުރުން ޖޯޑަން އަޔޫއާއި ވިލްފްރީޑް ޒަހާއެވެ. ރަނގަޅު ފޯމެއްގައި އޮތް އާސެނަލް ރޭގެ މެޗަށް ނުކުތް އިރު، ގަދަ ހަތަރަކަށް ވަނުމަށް ފުރުސަތު އޮތެވެ. ރޭގެ މެޗުން މޮޅުވެ، މިހާރު ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ފަހަތަށް ޖައްސާލުމަށް އާސެނަލްއަށް ލިބުނު މުހިއްމު ފުރުސަތު އެޓީމުން ގެއްލުވައިލުންވީ މާޔޫސް ކަމަށެވެ.
މިވަގުތު ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއަށް 30 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، އާސެނަލް ފަސްވަނައިގައި އޮތީ 29 މެޗުން 54 ޕޮއިންޓް ހޯދައިފައި އޮވެގެންނެވެ. ޓޮޓެންހަމްއަށް މިވަގުތު ހަތަރުވަނަ ލިބެނީ ފައިދާ ގޯލުންނެވެ.
ރޭގެ މެޗަށްފަހު ކޯޗު މިކޭލް އާޓެޓާ ވަނީ މައާފަށް އެދިފައެވެ. އާޓެޓާ ބުނެފައި ވަނީ ޓީމުގެ ފަރާތުން ފެނިފައި ވަނީ އެންމެ އެކަށޭނެ ހިތްވަރު ނޫން ކަމަށެވެ.
"މިއީ ފާޑުކިޔުންތައް ބަލައިގަނެ، ދެއަތް މައްޗަށް ނަގައި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން ޖެހޭ ނަތީޖާއެއް. މެޗުގެ ކުޅުމާމެދު އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހޭ. އެއީ އާސެނަލްގެ ޖާޒީގައި ފެންނަން ޖެހޭ ކުޅުމެއް ނޫން،" އާޓެޓާ ބުންޏެވެ.
މިވަގުތު ޕެލެސްގެ ކޯޗުކަމުގައި ހުރި އާސެނަލްގެ ލެޖެންޑް ޕްޓްރިކް ވިއެރާއަށް ރޭގެ ނަތީޖާއަކީ ބޮޑު ހިތްހަމަ ޖެހުމެކެވެ. އޭނާ މެޗަށްފަހު ބުނެފައި ވަނީ މި ސީޒަންގެ ބައެއް މެޗުގަތަކުގައި ޕެލެސްއިން ރަނގަޅަށް ކުޅެ، މުހިއްމު ފުރުސަތުތަކެއް ބޭނުން ނުކުރެވި ދިޔަ ކަމަށެވެ. އެހެން ނަމަވެސް ރޭގެ މެޗަކީ ފުރިހަމަ މެޗެއްގެ ގޮތުގައި ވިއެރާ ސިފަކޮށްފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު