އައްޑޫ ސިޓީގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފިއެވެ.

އައްޑޫ ސިޓީގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އަންހެނަކު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ބުނެ ނުރުހުންފާޅުކުރަމުންދާތީ އެ މައްސަލައިގެ ހަގީގަތަށް ވާސިލުވުމަށް އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން ރޮޒެއިނާ ވިދާޅުވީ، އެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށާއި އެކަމުގެ މައުލޫމާތު ސާފުކުރުމަށް މިހާރު ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސިޔާސީކޮށް، އެ މައްސަލައިގައި ދައުލަތުގެ ވަޒީރުންނާ ދިމާލަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތު ކުރާއިރު، ކަމާގުޅޭ ބޭފުޅުން ހާޒިރުކޮށް ވީހާވެސް އަވަހަކަށް އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވަން ޖެހޭ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އެކި މީހުންނަށް އިނގިލި ދިއްކުރަމުންދާ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރުކުރީ ދުވަސްވީ އަންހެނެއް ކަމަށްވާތީ އޭނާ ހައްޔަރުކުރީ ކިހާ ވަރެއްގެ ހެއްކެއް ހުރެގެންތޯ ސާފުކުރަން ބޭނުންވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ކޮމިޓީގައި ރޮޒައިނާ އެދިވަޑައިގެންފައި ވަނީ އައްޑޫ ސިޓީ ކައުންސިލާއި ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަންނަ ބުދަ ދުވަހު އެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ 59 އަހަރުގެ އަންހެނެކެވެ.

އެ އަންހެން މީހާގެ އާއިލާއިން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ އެ ދުވަހު ކުއްޖާ ފާހާނާއަށް ގެންދިޔައީ އެ މީހާ ކަމަށްވާތީ ކަމަށެވެ. އާއިލާއިން ބުނީ ކުއްޖާ ގޮވައިގެން ފާހާނާއަށް ދިޔައިރު ވެސް ކުއްޖާ އުޅުނީ ބަނޑުގައި ރިއްސާތީ ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށެވެ. އެ އަންހެން މީހާއަކީ އެރަށު ސްކޫލެއްގައި މަސައްކަތު މީހެއްގެ މަގާމު އަދާކުރާ މީހެކެވެ. އެ ކުއްޖާ ގޮވައިގެން އަންހެން މީހާ ގޮސްފައިވަނީ ސްކޫލު ފާހާނާއަށެވެ.

އެ މައްސަލައިގައި އަންހެން މީހާގެ އާއިލާއިން ކުއްޖާގެ ކާފައަށް ތުހުމަތުކުރިޔަސް ފުލުހުން ބުނެފައި ވަނީ އިތުރު އެހެން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް މިހާތަނަށް ހެކި ލިބިފައި ނުވާ ކަމަށެވެ. އެކަމަކު އެއީ ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އިތުރު މީހަކާ މެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުޑަކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމުގެ ތުހުމަތު އަޅުވައި އޭނާގެ ގޭގެ ދޮރުމަތީގައި ގިނަ ބަޔަކު ވަނީ މިދިޔަ ހަފުތާގައި އިހުތިޖާޖުކޮށް އަޑުއުފުލައިފައެވެ. އެ އެއްވުން ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ކުރުމުން ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށްކަމަށް އެރަށު މީހުން ތުހުމަތުކުރާ ކާފައަކީ ފައްޔާޒުގެ ކެމްޕޭން މެނޭޖަރު ޝާފިއު ޖަމީލުގެ ބައްޕައެވެ. އެރަށު މީހުން ތުހުމަތުކުރާ ގޮތުގައި ޝާފިއު ވަނީ ނުފޫޒު ބޭނުން ކޮށްގެން އަންހެން މީހާ ފްރޭމްކޮށް އެ ފިރިހެން މީހާ އިންޑިއާގެ ކޮޗިން އަށް ފުރުވާލައިފައެވެ.