ހިޔާ ފުލެޓު ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތަތްކުން ބަހައްޓާފައިވާ ތަކެތި ނަގަން އިތުރު ފުރުސަތެއް ދީފިއެވެ.

ހިޔާ ފުލެޓު ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދިނުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކުރީ އިއްޔެއެވެ.

އެޗްޑީސީން އިއްޔެ ބުނީ ހިޔާ ފްލެޓް ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެފައި، އެފަދަ ތަންތަނުންދޭ ހިދުމަތްތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ އެތަންތަނުގެ ހިދުމަތް ދެމުންދަނީ ކަމާބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި، ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، ހިޔާ ފުލެޓުތައް ހިމެނޭ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގައި ސާފުކޮށް އެފަދަ ހިދުމަތްތައް ދިނުން ހުއްޓާލަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިއަދުގެ ނިޔަލަށް އެތަކެތި ނެގުމަށް އެންގި ނަމަވެސް އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކޯފަރޭޝަނުން އެތަކެތި ނަގާނީ މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް އެތަކެތި ނުނަގާނަމަ ކަމަށެވެ. އަދި އެ މުއްދަތުގައި އެތަކެތި ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.