ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރުން ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ބީއެމްއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަމީނީމަގުގައި ހުންނަ އެ ބޭންކުގެ ކަސްޓަމާ ސާވިސް ސެންޓަރުން ހިދުމަތް ހޯދުމުގައި މާދަމާ އިން ފެށިގެން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ސެންޓަރުގެ ހިދުމަތް ހޯދުމަށް މީގެ ކުރިން "ކިއުބީ" އެޕުން ނަމްބަރެއް ނަގަން ޖެހުނު ނަމަވެސް, މާދަމާ އިން ފެށިގެން އެ ސެންޓަރުން ކާޑާއި ސްޓޭޓްމަންޓާއި ޗެކް ފޮތް ނުވަތަ އިންޓަނެޓް ބޭންކިންގެ ޓޯކަން ނެގުމަށް ނަމްބަރު ނަގާކަށް ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ރޯދަމަހު ބީއެމްއެލުން ހިދުމަތްދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވައިގެން ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.

ބީއެމްއެލުން ބުނީ ހިދުމަތްދޭ ގަޑި މަދުކުރި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ރޯދަ މަހު ލިބިގެންދާނެ ކަމަށާއި އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށްވެސް ބޭނުންވާ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ ޗެކް ޕްރޮސެސް ކުރުމާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް ހެދުމާއި އަދި މުސާރަ ޖަމާކޮށްދިނުން ފަދަ ހިދުމަތްތައް ރޯދަ މަހު ދުވަހުން ދުވަހަށް ދެވޭނީ ހެނދުނު 11:00ގެ ކުރިން އެ ހިދުމަތްތައް ހޯދަން ހުށަހެޅުމުން ކަމަށެވެ. އަދި އެހެން ބޭންކުތަކުގެ ޗެކް ހެނދުނު 9:00ގެ ކުރިން ޖަމާކޮށްފި ނަމަ އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބުންޏެވެ.

ކަސްޓަމާ ސާވިސް ސެންޓަރަށް ހާޒިރުވާ ކަސްޓަމަރުންނަށް ކިއުބީ ނަންބަރާ ނުލައި ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައިވާ އިރު, މެއިން ބްރާންޗް އަދި ބީއެމްއެލް އިސްލާމިކުން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަންޖެހެއެވެ. އޭގެ އިތުރުން އެކައުންޓް އޯޕެނިން ސެންޓަރާއި ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ރޯދަމަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.