ގޮޓާބެ ދެން ރަށަށްދޭ"

ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަން އަވަސްކަމާއެކު ސިޔާސީ އަދި އިޖުތިމާއީ ގަޑުބަޑަކަށް ބަދަލުވަމުންދާ ކަމުގެ ކުލަވަރުތައް މިހާރު ދަނީ ފެންނަމުންނެވެ. ހުރިހާގޮތަކުންވެސް މަސްރަހު ބަނަވެ ނާމާންވަމުންދާ ކަމުގެ ބިރުވެރިކަން ވަނީ އިހުސާސްކުރެވެން ފަށައިފައެވެ. ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް ވެރިރަށް ކޮޅުނބުގައި ވަރުގަދަ ހަޅުތާލުތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ރޭގައިވެސް ކޮޅުނބުގައި ވަރުގަދަ ގަޑުބަޑެއް ވަނީ ހިނގައިފައެވެ. މި ގަޑުބަޑުގެ ތެރޭގައި ރައީސް ގޮޓާބަޔާ ރާޖަޕަކްސާގެ ގެޔަށް ވަދެގަންނަންވެސް އާއްމުން ވަނީ މަސައްކަތް ކޮށްފައެވެ. މިއީ ހަޅުތާލެއްގެ ތެރޭގައި ރައީސްގެ ގެޔަށް އަމާޒު ކުރެވިގެން އާއްމުން ހަރަކާތްތަކެއް ހިންގި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން އިރުއަރަންދެން ކޮޅުނބުގައި އޮތީ ކާފިޔުވެސް ހިންގާފައެވެ.

އިރުއެރުމާއެކު ކާފިޔު އުވައިލެވުނު ކަމަށްވިޔަސް ހަޅުތާލުތައް ގިނަވަމުން، އާއްމުންގެ ބައިވެރިވުން އިތުރުވަމުން، ރައީސް ގޮޓާބަޔާގެ އިސްތިއުފާއަށް ގޮވުމުގެ އަޑު ވައިގެތެރޭގައި ގުގުމަމުންދާ މިންވަރަށް ބަލާއިރު މިއީ އަދި ނިމުމެކޭ ދެންނެވޭކަށް ނެތެވެ. މިއީ ފެށުމެކެވެ. މިއީ ކާފިޔުތަކުގެ ވެސް ފެށުމެކެވެ. އެހެންވީމާ ކާރފިޔުތަކާއި ހައްޔަރު ކުރުންތަކާއި އަދި މީހުން މެރުމުގެ ހަރަކާތްތަކެއްވެސް ހިނގާނޭކަމުގެ ބިރުވެރިކަން ވަރަށް ބޮޑެވެ. އެ ބިރުވެރިކަން އެހައި ބޮޑުވުމަށް މެދުވެރިވެފައިވާ ސަބަބަކީ ގާނޫނުއަސާސީއަށް ދާދިފަހުން ގެނެވިފައިވާ ބަދަލުތަކެއްގެ ސަބަބުން ރައީސް ގޮޓާބަޔާއަށް ހައްދެއްނެތްހައި ބާރުތަކެއް ލިބިވަޑައިގެންފައިވުމާއި ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ރާޖަޕަކްސާއިންގެ ހަރުކަށިކަން ކިތަންމެހައިވެސް ބޮޑަށް ރައްޔިތުންނަށް އިހުސާސްކުރެވިފައިވުމެވެ.

ދާޚިލީ ހަނގުރާމައިގެ އެންމެ ފަހު އަހަރުތަކުގައި ދިފާއީ ވުޒާރާ ބެލެހެއްޓެވީ މިހާރުގެ ރައީސް ގޮޓާބަޔާއެވެ. އޭރު ރައީސަކީ ގޮޓާބަޔާގެ ބޭބެ މަހިންދައެވެ. ގޮޓާބަޔާގެ އަަމުރަށް ސިފައިންނާއި ސިއްރު ފުލުހުން ހިންގި ކަމަށް ބުނެވޭ ޖަރީމާތައް ގިނަގުނައެވެ. އެތައް ސަތޭކަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. އެތައް ހާސްބަޔަކު މަރާލާފައިވެއެވެ. އެއީ އަދި ހަނގުރާމައިން ބޭރުގައެވެ. މިކަންކަމާ ގުޅިގެން ގޮޓާބަޔާއާ ދެކޮޅަށް ތަހުގީގެއް ހިންގުމަށް ހުޅަނގުގެ ގައުމުތަކުން ބާރުއެޅިއެވެ. މިހާރުވެސް އިންސާނީ ހައްގުތަކުގެ ވާހަކަ ދެކެވޭ ކޮންމެ ފޯރަމެއްގައި ގޮޓާބަޔާގެ ވާހަކަ ދެކެވެމުންދެއެވެ. އެހެންވީމާ އޭނާގެ ރައީސްކަން ނިންމާލަން ބަޔަކު ނުކުތީމާ ދެން ކަންތައް ކުރައްވާނޭ ހަރުކަށިކަމަކީ އެޔާދޭތެރޭ ވިސްނައިލިޔަސް ގައިން ހީބިހިނަގާނޭ ވަރުގެ ހަރުކަށި ކަމެކެވެ.

ހަޅުތާލު ކުރި މީހުން ވަދެގަތުމަށް މަސައްކަތްކުރީ ކޮޅުނބުގެ މިރިހަނައޭ ކިޔުނު ސަރަހައްދުގައި ރައީސް ގޮޓާބަޔާ ބޭނުންފުޅު ކުރައްވާ އޭނާގެ އަމިއްލަފުޅު ގެޔަކަށެވެ. އެވަގުތު އެގޭގައި ރައީސް ގޮޓާބަޔާ ހުންނެވިކަން ނުވަތަ ނޫންކަން ކަށަވަރެއް ނޫނެވެ. އެގޭގެ ކައިރިޔަށް އެއްވެ އާއްމުން ގޮވަމުންދިޔައީ "ގޮޓާބެ" ރަށަށް ދިއުމަށެވެ. އަމިއްލަ ވަޒަނަށް އެނބުރި ދިޔުމަށެވެ. ގެޔަށް ވަދެގަންނަން ދިމާކުރީ އޭގެ ފަހުންނެވެ. ބައެއް މީހުން ހަޅުތާލުގައި ބައިވެރިވީ ޓީވީތަކުން ވަގުތުން ހަޅުތާލުގެ ކަންކަން ފެނިގެން މިކަން މިނިމެނީ ކަމަށް ހީކޮށްފައެވެ. ހަޅުތާލު މައިތިރިކުރެވުނީ ސިފައިންނާއި ފުލުހުން އާދަޔާ ޚިލާފު ބާރުގެ ބޭނުންކޮށްގެންނެވެ. ގާތްގަޑަކަށް ސަތޭކައެއްހައި މީހުން ހައްޔަރުކޮށް ތަނުން އުފުރާލައިގެންނެވެ. ބާރުގެ ބޭނުން ކުރާނޭ ގޮތުގެ ހިލަން މި ހަޅުތާލުގެ ތެރެއިންވެސް ވަނީ ފެނިފައެވެ.

"ގޮޓާބެ" ގެޔަށް ދާށޭ ނުވަތަ ވަޒަނަށް ރުޖޫއަވާށޭ އެވަރަކަށް ގޮވުމުގެ ފަހަތުގައި ސަބަބުތަކެއްވެސް އެބަހުއްޓެވެ. ގޮޓާބަޔާއަކީ އެމެރިކާގެވެސް ރައްޔިތެކެވެ. އޭނާއަށް އެމެރިކާގެ ޕާސްޕޯޓްވެސް އޮވެއެވެ. އެހެންވީމާ ސްރީލަންކާއަށް އުފަން ބޭފުޅަކަށް ވިޔަސް އޭނާއަކީ ބިދޭސީއަކަށް ބައެއް މީހުން ބަލަނީއެވެ. ގޮޓާބަޔާ އާއި ރާޖަޕަކްސާގެ އާއިލާ ނިސްބަތްވަނީ ވެރިރަށް ކޮޅުނބަކަށް ނޫނެވެ. އެ އާއިލާ ނިސްބަތްވަނީ ސްރީލަންކާގެ އެންމެ ދެކުނުގެ މަތާރާއަށެވެ. ގޮޓާބަޔާ އުފަންވެވަޑައިގަތީވެސް އެތާގައެވެ. އެހެންވީމާ ކޮޅުނބަކީ އެމީހުން އެކިޔާ ގޮޓާބެ ހުންނަވަންވީ ތަނެއް ނޫންކަމަށް ބައެއް މީހުންނަށް ފެންނަނީއެވެ. ގަބޫލުވެސް ކުރެވެނީއެވެ. މިހާރު ގޮޓާބަޔާއާ ދެކޮޅަށް މި ރުޅިވެރިކަމުގައި ހަޅުތާލުކުރާ ބައެއް މީހުންނަކީ އެންމެފަހުގެ އިންތިޚާބުގައި އޭނާއަށް ވޯޓުވެސް ދީފައިވާ މީހުންނެވެ.

ގޮޓާބެ ދެން ރަށަށްދާށޭ ގޮވައި ރައްޔިތުން ކޮންމެ ރެޔަކު އެއްވެ ކިތަންމެ ގިނައިން ހަޅުތާލު ކުރިއަސް ގޮޓާބެ ރަށަކަށް ނުދާނެއެވެ. އެކަން ކަށަވަރެވެ. ރަށަށް ދެވޭނީ އިސްތިއުފާދީގެން އޭގެފަހުންތާއެވެ. ރައީސް ގޮޓާބެ އިސްތިއުފާއެއް ނުދެއްވާނެއެވެ. ހަޅުތާލުތައް މައިތިރި ކުރުމަށް ކުރެވެންހުރި ކޮންމެ ކަމެއް ކުރައްވަންވެސް އޭނާ ޖެހިލުމެއް ނުވާނެއެވެ. އެކަން ޔަގީނެވެ. ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާގެ އިރުމައްޗާއި އުތުރުގެ ހިސާބުތަކުގައި ގޮޓާބެގެ އަމުރަށް ސިފައިން އެކިއެކި އޮޮޕަރޭޝަންތައް ހިންގި ދުވަސްވަރު އެހިސާބުތަކުގެ އާއްމުންވެސް ގޮޓާބެ ރަށަށް ދާށޭ ގޮވިއެވެ. އެހެން ގޮވައި އަޑުގަދަކުރި މީހުންނަށް ވީގޮތެއް އަދިވެސް ނުހޯދެއެވެ. ޔޫރަޕާއި އެމެރިކާއިން އުޅެނީ އެމީހުންނަށް ވީގޮތެެއް އަދިވެސް ނޭނގިގެންނެވެ.

އެހެންވީމާ މިހާރު ސްރީލަންކާގެ ރައްޔިތުން ކޮންމެ ދުވަހަކު ތޭރަގަޑިއިރު ކަރަންޓާނުލައި އުޅެން ޖެހުނަސް، ކަރަންޓު ނެތިގެން ހަސްފަތާލުތަކުގައި އޮޮަޕަރޭޝަން ނުކުރެވުނަސް، ސްކޫލްތަކުގައި އިމްތިހާނެއް ނުބޭއްވުނަސް، ތެޔޮނެތިގެން އުޅަނދުތައް ނުދުއްވުނަސް، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ހައިހޫނުކަމުގައި އުޅޭން ޖެހުނަސް ގޮޓާބެ ރަށަކަށް ނުދާނެއެވެ. ގާނޫނީ އިމުގެ ތެރެއިން ގޮޓާބެގެ ވެރިކަން ނިމުމަކަށް ގެނެސް ރަށަށް ފޮނުވައިލުމުގެ ފުރުސަތެއްވެސް ނެތީއެވެ. އެންމެފަހުގެ ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބުގައި ރައްޔިތުން ވޯޓުދިންގޮތުން މުޅި އޮޑީގައި އޮތީ ގޮޓާބެގެ ދެފަޔެވެ. ސަރުކާރުގައިވެސް ގޮޓާބެއެވެ. ޕާލަމެންޓްގައިވެސް ގޮޓާބެއެވެ. ކަމެއްކުރެވޭނޭ ވަޒީފާއެއް އޮތިއްޔާ އެވަޒީފާއެއްގައި ހުރީ ގޮޓާބޭގެ މީހެކެވެ. ނުވަތަ ރާޖަޕަކްސާއެކެވެ.