ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ މިރޭ ކުއްލި ގޮތަކަށް ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެ ހާލަތު އިއުލާން ކުރައްވަން ޖެހިވަޑައިގަތީ ރައްޔިތުންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި މުޖުތަމައުގެ ފަރުދުން ދިރިތިބުމަށްޓަކައި ލިއްބައިދޭންޖެހޭ ޒަރޫރީ ބޭނުންތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ކުއްލި ހާލަތު އިއުލާނުކޮށްފައިވާ މުއްދަތެއް ވިދާޅުވެފައެއް ނުވެއެވެ.

ލަންކާގައި މިރޭ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ އިރު، ރޭ ގޮތާބަޔާގެ ގެކޮޅު ކައިރީ އާއްމުންގެ ގިނަބަޔަކު އެއްވެ ހިނގި ހަމަނުޖެހުމުގެ ސަބަބުން ކާފިއު އިއުލާނުކުރިއެވެ. އެ ހަމަނުޖެހުން ފުލުހުން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށް، ކާފިއު އުވާލިކަން އިއުލާނުކުރީ މިއަދު ފަތިހެވެ.