ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ކުޅެމުން އަންނަ މުސްލިމް ކުޅުންތެރިންގެ އަދަދު އަންނަނީ ގިނަ ވަމުންނެވެ. އެ ކުޅުންތެރިންނާއެކު ލީގުތަކުގެ ސަގާފަތަށްވެސް ބަދަލުތައް އަންނަމުން ދެއެވެ. މުސްލިމް ކުޅުންތެރިންގެ ސާބިތުކަމާއެކު ލީގުގެ ބައެއް ކަންކަން ބަދަލުކުރަން ޖެހޭ ފަހަރުވެސް ފެނިގެން ދެއެވެ. މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި މުސްލިމް ކުޅުންތެރިންގެ ސަބަބުން ޕްރިމިއާ ލީގުގެ ގިނަ ކަންތައްތަކެއް ބަދަލު ކުރަން ޖެހުނުތަންވެސް ފެނިގެން ދިޔައެވެ. އެ ވާހަކަތަކަށް ހަނދާން އާކޮށްލުންވެސް މުހިއްމެވެ.
ޕްރިމިއާ ލީގުގެ މެޗަކުން މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭ ކުޅުންތެރިޔާއަށް ދޭ ޝެމްޕޭން ފުޅި، ހަނދާނީ ކުޑަ ފިލައަކަށް ބަދަލުވީ މުސްލިމް ކުޅުންތެރިން ޝެމްޕޭން ފުޅީގައި ހިފަން ދެކޮޅު ހެދުމުންނެވެ. އަނެއްކޮޅުން ޖާޒީތަކުގައި ރާ ވިއްކާ ކުންފުނިތަކުގެ ސްޕޮންސާ ނުޖަހަންވެސް ޕްރިމިއާ ލީގުން އެންގީ މުސްލިމް ކުޅުންތެރިޔަކު އެފަދަ އިޝްތިހާރެއް ޖެހި ޖާޒީގައި ކުޅެން އިންކާރު ކުރުމުންނެވެ. މިދިޔަ އަހަރު އާ މަންޒަރެއްވެސް ފެނިގެން ދިޔައެވެ.
މިދިޔަ ސީޒަންގައި ލެސްޓާ ސިޓީގެ ދަނޑުގައި ލެސްޓާއިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ލެސްޓާގެ ވެސެލޭ ފޯފާނާއާއި ޕެލެސްގެ ޗެކޯ ކަޔޯޓޭ ރޯދަ ވީއްލަން ހާއްސަ ވަގުތު ކޮޅެއް ރެފްރީ ދިނީ، ފޯފާނާ އާއި ކަޔޯޓޭ މެޗު ނުހުއްޓައި އެއް އަރިމައްޗަށް ޖެހި ރޯދަ ވީއްލަން އުޅެނިކޮށެވެ. އެ ވަގުތުކޮޅުގެ މަންޒަރާއެކު ލީގަށް އާ އުސޫލެއް ހެދިއެވެ. ޓީމުތަކުގައި މެޗު ތެރެއިން ރޯދަ ވީއްލަން ޖެހޭ ކުޅުންތެރިއެއް ހުރި ނަމަ، އެ ޓީމެއްގެ ކެޕްޓަން މެދުވެރިވެ މެޗު ފެށުމުގެ ކުރިން އެކަން ރެފްރީއަށް އަންގަން ލީގުން އެންގިއެވެ. އެއީ މުސްލިމް ކުޅުންތެރިޔާ ރޯދަ ވީއްލަން ހާއްސަ ވަގުތު ކޮޅެއް ދިނުމަށެވެ.
އެފަހަރު އެ އުސޫލު އެކުލަވައިލައި ރަސްމީކޮށް ނޫން ނަމަވެސް، މިފަހަރު އެކަން ވަނީ ރަސްމީކޮށްފައެވެ. އެގޮތުން ރޯދަ ވީއްލަން ޖެހޭނެ ކުޅުންތެރިއެއް ޓީމުގައި ހުރިނަމަ، ކެޕްޓަނުންނާއި ރެފްރީން މެޗުތަކުގެ ކުރިން ބާއްވާ ބައްދަލުވުމުގައި އެކަން އަންގަން ލީގުން ވަނީ އެދިފައެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށިފައިވާއިރު، އިނގިރޭސިވިލާތުގައި ކުޅޭ މުސްލިމް ކުޅުންތެރިން ގާތްގަނޑަކަށް 15 ގަޑިއިރަށްވުރެ ގިނަ އިރު ރޯދަ ހިފަން ޖެހޭނެއެވެ. ރަމަޟާން މަސް ތެރޭގައި ލީގުގެ 52 މެޗެއް ކުޅެން ހަމަޖައްސާފައިވާ އިރު، އޭގެ ތެރެއިން ނުވަ މެޗެއްގެ ތެރެއިން މުސްލިމް ބައެއް ކުޅުންތެރިން ރޯދަ ވީއްލަން ޖެހޭނެ ކަމަށް ބެލެވެއެވެ.
މުސްލިމް ކުޅުންތެރިންގެ ރަމަޟާން މަހުގެ ރޫޓީން އެންމެ ރަނގަޅަށް ގެންދިޔުމަށް ލީގުންވަނީ ހާއްސަ ބައެއް ފަރާތްތަކުގެ ލަފާ ހޯދައިފައެވެ. އެގޮތުން މެޗުތަކުގެ އޮފިޝަލުކަން ކުރާ ހުރިހާ ފަރާތްތަކުންވެސް ނުޖޫމް ސްޕޯޓްސްގެ ހާއްސަ ވޯކްޝޮޕެއް ފުރިހަމަ ކުރުމަށްވެސް ވަނީ އަންގާފައެވެ. ނުޖޫމްއަކީ މުސްލިމް ކުޅުންތެރިންގެ ޔޫނިއަންއެއްގެ ގޮތަށް ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. ނުޖޫމުން ވަނީ ޕްރިމިއާ ލީގުގެ އިތުރުން ލީގު ސިސްޓަމްގައި ހިމެނޭ އެހެން ލީގުތަކުގައި ކުޅޭ މުސްލިމް ހުރިހާ ކުޅުންތެރިންނަށް ރޯދަ ހަދިޔާވެސް ދީފައެވެ.
އެ ހަދިޔާ ޕެކްގައި ކަދުރާއި، ޒަމްޒަމް ފެން އަދި ނަމާދު މުސައްލައިގެ އިތުރުން ސެންޓާއި އަތަރު ހިމެނެއެވެ.
ނުޖޫމްގެ އިތުރުން ޕްރިމިއާ ލީގުގައި ކުޅޭ މުސްލިމް ކުޅުންތެރިންގެ ކަންކަން ގާތުން ބެލުމަށް، ލީގުން ފަންޑުކޮށް ހިންގަމުން އަންނަ މުސްމިލް ޗަޕްލައިންސް އިން ސްޕޯޓްސް (އެމްސީއެސް) 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އިނގިރޭސި ލީގު ސިސްޓަމްގެ ތެރެއިން ޕްރިމިއާ ލީގާއި ދެވަނަ ޑިވިޝަންގެވެސް ޓީމުތައް ހިމެނޭހެން 92 ކްލަބެއްގެ ތެރޭގައި އެމްސީއެސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމްސީއެސްއިން ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަކޮށް، އިސްލާމް ދީނުގެ ކަންކަން އޮޅުން ފިލުވައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ލެކްޗާތަކާއި ސެމިނާތައްވެސް އަންނަނީ ބާއްވަމުންނެވެ.
"މުސްލިމް ކުޅުންތެރިންނަށް ރޯދަ ދޫކޮށްލެވޭނެ ހާއްސަ ގޮތެއް، އުސޫލެއް ދީނުގައި ނޯންނާނެ. އެއީ ރޯދަ ދޫކޮށްލުމުގެ ޝަރުތެއް ކުޅުންތެރިންގެ ދިރިއުޅުމުގައި ނާންނަހާ ހިދަކު ކުޅުންތެރިން ރޯދަ ހިފަން ޖެހޭނެ. ދަތުރުކުރާއިރުވެސް ރޯދަ ދޫކޮށްލާނީ އަޅުގަނޑުމެންގެ ލަފަޔާއެކު. ކްލަބުތަކުން މުސްލިމް ކުޅުންތެރިންނަށް އިހުތިރާމު ކުރާނެ. އަޅުގަނޑުމެން މުސްލިމް ކުޅުންތެރިންގެ ރޯދައާ ގުޅޭ ކަންކަން ކިޔައިދެން. ރޯދައިގެ ތެރެއިން ތަމްރީނުތަކަށް ފުރިހަމައަށް ފުރުސަތު ހޯދޭނެ ގޮތްތައްވެސް ކިޔައިދެން،" އެމްސީއެސްގެ ޑިރެކްޓަރު އިސްމާއީލް ބާމްޖީ ބީބީސީ ސްޕޯޓްސްއަށް ބުނެފައިވެއެވެ.
މުސްލިމް ކުޅުންތެރިންގެ ސަބަބުން ލީގުގެ އެކިއެކި ކަންކަމަށް ހެޔޮ ބަދަލުތަކެއް އައުން އެއީ އުފާވެރި ކަމެކެވެ. މުސްލިމް ކުޅުންތެރިންގެ ނުފޫޒު ސަޕޯޓަރުންގެ މެދުގައިވެސް މިހާރު ބޮޑެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހަކީ މުޅި އިނގިރޭސި ލީގުގައިވެސް އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއަށްވީ އިރު، އޭނާ ޝުކުރުގެ ސަޖިދަ ޖަހައި އުފާފާޅުކުރުން ކޮޕީކޮށް، އެތަކެއް ކުދިންނެއް ޕާކުތަކުގައިވެސް ވަނީ ޝުކުރުގެ ސަޖިދަވެސް ޖަހައިފައެވެ. އެފަދަ ކަންކަމާއި ސަލާމް ގޮވުން ފަދަ ކަންކަންވެސް ކުޅުންތެރިން ފަރާތުން ފެނުމުން އެކަމުގެ އަސަރު ޒުވާން ޖީލުގެ ސަޕޯޓަރުން ފަރާތުން ވަނީ ފެނިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު