ޅ. ނައިފަރުގައި ފެން ލިބުން ދަތިވެ، ވާރޭ ވެއްސަވާތޯ ދުއާކޮށް އިސްތިސްޤާ ނަމާދުކޮށްފިއެވެ.
ނައިފަރުގައި އިސްތިސްޤާ ނަމާދުކޮށްފައިވަނީ މިއަދު ހެނދުނު 7:00 ޖެހި އިރު، އެރަށުގެ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް ތަގުވާގައެވެ. އިމާމުކަން ކޮށްދިނީ އައްޝައިހް އަހުމަދު ނާޒިލް މުހައްމަދެވެ.
ނައިފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު މިއަދު "ވަން" އަށް ވިދާޅުވީ، އެރަށުގައި ކެއްކުމަށާއި ބުއިމަށްވެސް އާންމުކޮށް ބޭނުންކޮށް އުޅެނީ ވާރޭފެން ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އަދި އެރަށަށް ވާރޭ ފެން ނެގޭ ވަރަށް ވާރޭ ވެހިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ރަށު ރައްޔިތުން މިހާރު ބޭނުން ކުރަނީ މިނެރަލް ފެން ގަނެގެން ކަމަށާއި އެކަމަށް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހިފައިވާ ކަމަށް ސާޖިދު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ނައިފަރަށް ފެން ނުލިބި އިސްތިސްޤާ ނަމާދެއް ކުރިތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، މީގެ ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ކުރިން ފެން ލިބުން ދަތިވެ، އެރަށުގައި އިސްތިސްޤާ ނަމާދެއް ކުރި ހަނދާނެއްވާ ކަމަށެވެ.
ނައިފަރުގައި އަދި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުވެފައެއް ނެތެވެ. އެ މަސައްކަތް މީގެ ކުރިން އެހެން ކުންފުންޏަކާ ހަވާލުކުރި ނަމަވެސް ސަރުކާރުން ބޭނުންވާ ހަލުވި ސްޕީޑުގައި މަސައްކަތް ކުރިއަށް ނުދާތީއާއި ނިންމަން އެއްބަސްވި ތާރީހަށް ނުނިމުމުން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކުރިއެވެ.
އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތް ނިންމަން މިހާރު ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ އޮގަސްޓް 2020ގައެވެ. އަދި އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް ފެން ކުންފުނިން ވަނީ ފަށައިފައެވެ.
ސާޖިދު ވިދާޅުވީ، ނައިފަރަށް ދިމާވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެރަށުގައި ފެނުގެ ނިޒާމު ގާއިމުކޮށް ނިމުމުންނެވެ. އަދި އެ މަސައްކަތް މި ރޯދަމަހުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދޭ ކަމަށް ވިދާޅުވިއެވެ.