ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރާނެ ކަމަށް ބުނެ އެ ވާހަކަ ފުރަތަމަ ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ އެ ޕާޓީއަށް ނިސްބަތްވާ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީނެވެ. މުބީން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަނުކުރާނެ ކަމަށާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަން ޖެހޭ ކޮންމެ ބަޔަކާ މަޝްވަރާ ކުރާނެ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީއާ ގުޅޭ ގޮތުން މުބީން ދެއްކެވީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕާޓީގެ ކައުންސިލްގައި އަދި ލީޑާޝިޕް ލެވެލްގައިވެސް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"ޖޭޕީގެ ކޮންގްރެސް ނުވަތަ ޕާޓީގެ ކައުންސިލް އިން އެހެން ގޮތެއް ނުނިންމާހާ ހިނދަކު ޕާޓީގެ ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ. ޖޭޕީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމަވާހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް،" އިލްހާމް ވިދާޅުވިއެވެ.
ޖޭޕީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް ވަނީ މިދިޔަ އަހަރު އިއުލާނުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު