ދިވެހިތާރީޚު ހާވައި ބެލީމާ ވަރަށް ގިނަ ދޮށިމޭނާކިލެގެއިން ފެންނާނެއެވެ. ޚާއްސަކޮށް ހުރަވީ ޚާންދާނުގެ ރަސްކަމުގެ ދައުރުގައެވެ. މިދެންނެވި ދައުރުގައި ދޮށިމޭނާކަމަކީ ރަސްކަމުގެ އެންމެ ބާރުގަދަ އެންމެ ނުފޫޒުގަދަ މަގާމެވެ. ހުރަވީންގެ ރަސްކަން 194 އަހަރަށް ދެމިގެން ދިޔައިރު ދޮށިމޭނާކަމަކީ އަތިރީގެއަށް ވަގުފުވެފައި އޮންނަ މަގާމެކެވެ. ދަރަޖައެކެވެ. ކޮއްޔެކެވެ. އެމަގާމު ފުރުއްވާފައިވަނީ މުޅިންވެސް އަތިރީގޭ ބޭފުޅުންނެވެ. ދޮށިމޭނާކިލެގެ ކަމަކީ ހަތްދޮށު ކޮލީގެ ތެރެއިން ކޮއްޔެކެވެ. ދޮށިމޭނާކިލެގެ ކަމަށް ކޮލިލެވޭ މީހަކީ އިހުޒަމާނުގައި ރަސްކަމުގެ އެންމެ އިސް ފަސް ވަޒީރުންގެ ތެރެއިންވެސް އެންމެ އިސްވަޒީރެވެ. އެއީ އިހުގެ ބަހުރުވައިންނަމަ ފަންސަފުރަދާނަކަން ލިބިގެންވާ އަދި ބޮޑުފުރަދާނަކަންވެސް ލިބިގެންވާ ކިލެގެބޭކަލެކެވެ.
ދޮށިމޭނާކަމަކީ މިޒަމާނުގެ ގޮތަށް ބަޔާންކުރާނަމަ ގައުމީ ސަލާމަތާއި އެތެރޭގެ ރައްކާތެރިކަމާއި ރަސްކަން ދިފާއު ކުރުމުގެ އެންމެހައި މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާއެވެ. އަތިރީގޭ ފުރާޅުގެ ދަށަށް މިޒިންމާ ދިޔައީ ކޮންގޮތަކުންކަން ބަޔާން ކުޅައުމަކީ މި ލިޔުމުގެ މަގްސަދެވެ. އަތިރީގޭގެ ފެށުމަކީ ހުރާ ބޮޑުމުރީދުގެ ހުސައިން މަނިކެވެ. ދޮންބަންޑާރައިންގެ ދެވަނަ ދަރިކަލުން ސުލްތާނު ހަސަން ނޫރައްދީނު އެއްވަނަ ކައިވެނި ބެއްލެވީ މި ހުސައިން މަނިކާއި އެއްބަފައި ދޮންމަނިކެޔާއެވެ. މީލާދީން 1799 ގައި ނޫރައްދީނު ބަންޑާރައިން މައްކާގެ އިމާމާއި ހަނގުރާމަ ކުރެއްވުމުގެ ނިޔަތުގައި މާލެއިން ހަނގުރާމައިގެ ލަޝްކަރަކާއެކު ފުރާވަޑައިގެންނެވީ އެރަދުންގެ ތުއްޕުޅު ދަރިކަލުން ސުލްތާނު މުހައްމަދު މުއީނުއްދީނު އެއްވަނަ ތަޚުތުގައި ބައިންދަވައިފައެވެ.
ތުއްޕުޅު ރަދުންނާއި އެރަދުންގެ ރަސްކަން ހިމާޔަތްކޮށް ރަށުތެރެ އަމާންކޮށް ބޭއްވުމުގެ ޒިންމާ މަތިކުރެއްވީ ތުއްޕުޅު ރަދުންގެ ބޮޑުބޭބެ ހުސައިން މަނިިކާއެވެ. ދޮށިމޭނާކިލެގެ ކަމަށް ކޮލިލެވުމުން އެއީ އަތިރީގޭ ހުސައިން ދޮށިމޭނާކިލެގެއެވެ. އެދަތުރުފުޅުގައި ފުރާވަޑައިގެން ޖިއްދާގައި ނޫރައްދީނު ބަންޑާރައިން އަވަހާރަވީއެވެ. އެހެންވީމާ ހުސައިން ދޮށިމޭނާކިލެގެ ހިމެނުނީ ހުރަވީ ރަސްކަން ހިމާޔަތްކުރުމުގެ އައްޑަނަ ކަމުގައެވެ. ރަސްގެފާނަށްވުރެވެސް މި ދޮށިމޭނާގެ ބާރުގަދައެވެ. މީނާގެ އައުލާދުންގެ ތެރެއިން ފަހުން ދޮށިމޭނާކަން ކުރި ކޮންމެ މީހެއްގެ ބާރުވެސް ހަމަ އެބީދައިން އޮތީ ގަދަފަދަކޮށެވެ. ދޮށިމޭނާކިލެގެ ރުޅިގަދަވީމާ ރަސްގެފާނު ގަތުލުކުރަން ޚަންޖަރު ހިފައިގެން ބޮޑު ގަނޑުވަރަށްވެސް ވަދެވެއެވެ.
އަތިރީގޭ ހުސައިން ދޮށިމޭނާކިލެގެ އަވަހާރަވުމުން ދެން އެމަގާމު ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން އަތިރީގޭ ދޮން އަހުމަދުދީދީއަށެވެ. އަހުމަދު ދޮށިމޭނާކިލެގެ ނަންފުޅުގައެވެ. މި ދޮން އަހުމަދުދީދީ އަކީ ބޮޑުވަޒީރުވެސްމެއެވެ. އެކަމަކު އެދުވަސްވަރު ބޮޑުވަޒީރުކަން އޮތީ އަތިރީގެޔާއި ކަކާގެޔާއި ދެމެދު ދެމެމުން އައި ރަބަރެއްހެންނެވެ. އެއްފަހަރަކު ކަކާގެޔަށް އޮތިއްޔާ އަނެއްފަހަރު އޮންނަނީ އަތިރީގެއަށެވެ. ބޮޑުވަޒީރުކަން ގެއްލުނު ފަހަރެއްގައި ރަސްކަމުގައި އިންނެވި މުސްކުޅި ބަންޑާރައިން ގަތުލުކުރެއްވުމަށް ދޮން އަހުމަދު ދޮށިމޭނާކިލެގެފާނު ޚަންޖަރަކާއެކު ބޮޑުގަނޑުވަރަށް ވަދެވަޑައިގެންނެވި ވާހަކަޔަކީ ވަރަށްވެސް މަޝްހޫރު ވާހަކައެކެވެ. މިދެންނެވި މުސްކުޅި ބަންޑާރައިންނަކީ މުއީނުއްދީނު އެއްވަނައަށްފަހު ރަސްކަމަށް އިސްވި އެރަދުންގެ ދަރިކަލުންނެވެ.
ރަސްކަމަށް އިސްވީއިރު ކިޔާންފެށުނު މުސްކުޅި ބަންޑާރައަކީއެއް ނޫނެވެ. ރަސްކަން ކުރައްވަމުން ކުރައްވަމުންގޮސް މުސްކުޅިވީއެވެ. ޖުމްލަ 47 އަހަރު ރަސްކަން ކުރެެއްވިއެވެ. އެއީ ދިވެހި ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ކުރެެއްވި ރަސްކަމެވެ. ހުރަވީ ޚާންދާނުގެ ރަސްކަން 194 އަހަރަށް ދެމިގެން ދިޔައިރު އޭގެތެރެއިން 103 އަހަރު ރަސްކަން ކުރެއްވީ މުސްކުޅި ބަންޑާރައިންނާއި އެރަދުންގެ ބައްޕާފުޅު މުއީނުއްދީނާއި ކާފާފުޅު ހަސަން ނޫރައްދީނެވެ. މުއީނުއްދީނު 36 އަހަރަށެވެ. ނޫރައްދީނު 20 އަހަރަށެވެ. މުސްކުޅި ބަންޑާރައިންގެ އަރަބި ނަންފުޅަކީ ސުލްތާން މުހައްމަދު އިމާދުއްދީން ހަތަރުވަނައެވެ. އެރަދުން އަވަހާރަވުމަށްފަހު ހުރަވީ ރަސްކަމަށްވެސް އެގޮތް މިގޮތްވެ ގަޑުބަޑުވެ ޚާންދާނުގެ ތެރެއިން ބޮޑެތި ކޯޅުންތަކެއް ފެށުނެވެ.
ދޮން އަހުމަދުދީދީއަށް ފަހު ދެން ދޮށިމޭނާކިލެގެކަން ލިބިވަޑައިގަތީ އޭނާގެ ދަރިކަލުންނަށެވެ. އަލީދޮށިމޭނާކިލެގެފާނަކީ އެއީއެވެ. ބޮޑުވަޒީރުކަންވެސް ކުރެއްވިއެވެ. ފަހުން ދިރިއުޅުއްވީ ސިލޯނުގެ ގާލީގައެވެ. މުޅި ސިލޯނުގައިވެސް ހުންނެވި އެންމެ ބޮޑު މަހުޖަނަކީ މިދެންނެވި އަލީދޮށިމޭނާއެވެ. ރާއްޖެ ދޫކުރައްވައި ސިލޯނަށް ވަޑައިގަތީ މާލޭގައި ވިޔަފާރިކުރުމުގެ ހުއްދަ ބުންބާ ވިޔަފާރިވެރިން ނުވަތަ ވޯރާއިންނަށް ދެވުނީމާ އެކަމާ ހިތްޕުޅާ ނުވެގެންނެވެ. މި ކިލެގެފާނު އަވަހާރަވީވެސް ގާލީގައެވެ. އެއަށްފަހު ދެން ދޮށިމޭނާކިލެގެކަން ލިބިވަޑައިގަތީ އަލީދޮށިމޭނާގެ ދަރިކަލުން އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނަށެވެ. މިއީ މަޝްހޫރު ބޮޑުހުޅުގެ މޭސްތިރިއެވެ. ހުރިހާ ދޮށިމޭނާއިންގެ ތެރެއިންވެސް އެންމެ މަޝްހޫރު ދޮށިމޭނާޔަކީ މިއީއެވެ. އެތަކެއް ފަހަރު ބޮޑުވަޒީރުކަންވެސް ކުރެއްވިއެވެ.
އިބްރާހިމް ދޮށިމޭނާކިލެގެފާނަށް އޮތް ދޮށިމޭނާކަން އޭނާއަށްފަހު ލިބިވަޑައިގަތީ އޭނާގެ ދޮށީ ދަރިކަލުން އަހުމަދު ދީދީއަށެވެ. ކުރިން އަހުމަދު ކުޑަދޮށިމޭނާގެ ނަމުގައެވެ. ފަހުން އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނެވެ. އިނގިރޭސީންނާއެކު މާލެ އަރާވަޑައިގެން ރަދުންނަށް މަޖުބޫރުކުރުވައިގެން ހިމާޔަތުގެ އެގްރީމަންޓުގައި ސޮއިކުރުވީ މި ދޮށިމޭނާއެވެ. އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނަށް ފަހު ދެން އަތިރީގޭ ޚާންދާނުން މި މަގާމު ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން މުހައްމަދު އަމީނަށެވެ. އެއީ އަތިރީގޭ މުހައްމަދު އަމީނު ދޮށިމޭނާކިލެގެފާނެވެ. މީލާދީން 1799 ގައި އަތިރީގޭ ހުސައިން މަނިކު ފެއްޓެވި ދޮށިމޭނާކަމުގެ ސިލްސިލާ ބައްޕައިން ދަރިފުޅަށް ނަގުލުވަމުން އައިސް މުހައްމަދު އަމީނާ ހަމަޔަށް ހަބޮޅު ހަމަވީފަހުން 1954 ގައި ވަނީ ނިމިގެން ގޮސްފައެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު