ފަގީރުކަމާއި ހައިހޫނުކަމާ ދުރަށް ދިޔުމަށްޓަކައި ގައުމުދޫކޮށް ހިޖުރަކުރުމަކީ ފަހަކަށް އައިސް ސްރީލަންކާއަށް ބީރައްޓެހި ކަމެކެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ ސަބަބުން ގައުމުގައި ދެމިތިބުމަށްވުރެ ރެފިއުޖީންގެ ގޮތުގަައި ގައުމުން ނުކުތުމުގެ ހެޔޮކަންވެސް ބޮޑުކަމަށް ގަބޫލުކުރެވޭ ހިސާބަށް ކަންކަން ހިނގައްޖެއެވެ. ހުސްވި ހަފުތާ ތެރޭގައި ސްރީލަންކާ ދޫކޮށް އެތައް ބަޔަކު އަވަށްޓެރި އިންޑިޔާއަށް ހިޖުރަކުރި ވާހަކައިން ކަންކަން ގޯސްވަމުންދާ އަވަސްކަން މޭރުންވެއެވެ. ގައުމުގެ ތަދުމަޑުކަން ގުޅިފައިވާ ކަމަށް ގިނަބަޔަކު ބަލަނީ ރާޖަޕަކްސާ އާއިލާގެ ހަތަރު ބެއިންނާއެވެ. އެކަކީ ރައީސް ގޮތަބަޔާ ރާޖަޕަކްސާއެވެ. އަނެކަކީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއެވެ. ތިންވަނައީ މާލީ ވަޒީރު ބަސިލް ރާޖަޕަކްސާއެވެ. ހަތަރުވަނައީ ދަނޑުވެރިކަމާއި ވިޔަފާރިއާބެހޭ ވަޒީރު ޗަމާލް ރާޖަޕަކްސާއެވެ.

ރާޖަޕަކްސާ އާއިލާގެ އިތުރު އެތައް ބޭފުޅުން އަދިވެސް ސަރުކާރުގެ ބޮޑެތި ބޮޑެތި މަގާމުތަކުގައި އެބަތިއްބެވިއެވެ. އޭގެތެރެއިން އެއްބޭފުޅަކީ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސައެވެ. އެކަމަކު އެއީ ކުރިން ދެންނެވި ހަތަރު ބެއިންގެ ބޭފުޅުންނެވެ. އާއިލާގެ ސީނިއަރ ބަޔަކީ މި ހަތަރު ބެއިންނެވެ. ސަރުކާރުގެ އެންމެހައި ބާރުތަކެއް ވަނީ މި ހަތަރު ބެއިންގެ މުށުތެރޭގައެވެ. ދައުލަތުގެ މުޅި ބަޖެޓުގެ 75 އިންސައްތައަށް ގޮތްގޮތް ހަދަނީ ރާޖަޕަކްސާއިންގެ މިނިސްޓްރީތަކުންނެވެ. އެހެންވީމާ ސްރީލަންކާއަށް މިއަދު ކުރިމަތިވެފައިވާ ދެރަ ހާލަތުގެ ޒިންމާ ހުރިހާ ގޮތަކުންވެސް އެ އާއިލާގެ ބޮލުގައި އެޅެއެވެ. ބާރުގަދަ ހަތަރު ބެއިން މުޅި ގައުމުގެ ދުވަސް ދުއްވާލައިފިޔޭ ބުނެވޭ ބުނުންތަކަށް ކޮންމެވެސްވަރެއްގެ ބާރެއް ލިބެއެވެ.

އެއް އާއިލާއެއްގެ އާރާއި ބާރު މިވަރަށް ގަދަކޮށް ފެންނާނީ އާއްމުގޮތެއްގައި ޚުދުމުޚުތާރު ރަސްކަން ހިނގާ ތަންތާގައެވެ. ޑިމޮކްރަސީގެ ކުލަޔާއި ރަހަޔާއި ވަސްވެސް ނޯންނަ ތަންތަނުގައެވެ. ސްރީލަންކާއަކީ ޑިމޮކްރަސީއެކެވެ. ރައީސަކު ހޮވަނީ ރައްޔިތުންނެވެ. ޕާލަމެންޓަށް މެންބަރުން ހޮވަނީވެސް ރައްޔިތުންނެވެ. ކެބިނެޓް އެކުލަވައިލެވެނީ ޕާލަމެންޓްގެ ތެރެއިންނެވެ. ރައްޔިތުންގެ މަންދޫބުންގެ ތެރެއިންނެވެ. އެހެންވީމާ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އެމަނިކުފާނުގެ އާއިލާގެ ތެރެެއިން ބޮޑުވަޒީރަކާއި ކެބިނެޓެއް ގެންނެވީއެކޭ ބުނެވޭކަށް ނެތެވެ. އެހެން ނުބުނެ ފަރުޖެއްސޭކަށްވެސް ނެތެވެ. ކޮންމެއަކަސް ސްރީލަންކާއަކީ ޑިމޮކްރަސީގެ ތެރެއިން ޚާންދާނީ ވެރިކަމެއް ބައްޓަންކުރުމުގެ ނަމޫނާއަކަަށް ބަލަންޖެހޭ ގައުމެކެވެ. ގައުމުގައި މަގާމަކަށްވާ ކޮންމެ މަގާމަކުން ފެންނަނީ ރާޖަޕަކްސާއެކެވެ.

ސްރީލަންކާގެ ސިޔާސީ ފޯރަމްތަކުން ރާޖަޕަކްސާގެ ނަން މެދުނުކެނޑި އިވެމުން އަންނަތާ 18 އަހަރު ވެެއްޖެއެވެ. އެންމެ ފުރަތަމަ 2004 ވަނަ އަހަރު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. އެ މަގާމުގައި ދެ އަހަރު ހުންނެވުމަށްފަހު ދެން ވަޑައިގަތީ ރައީސް ކަމަށެވެ. ރައީސްކަން ކުރެއްވީ 2005 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށެވެ. އެދުވަސްވަރު ގޮތަބަޔާ ރާޖަޕަކްސާއަކީ ޑިފެންސް ސެކްރެޓަރީއެވެ. މައިތިރިޕާލާ ސިރިސޭނާގެ ރައީސްކަމާއި ރަނިލް ވިކްރަމަސިންހާގެ ބޮޑުވަޒީރުކަން ނިމި ރައްޔިތުންގެ ވޯޓާއެކު ގޮތަބަޔާ ރާޖަޕަކްސާ ރައީސްކަމަށް ވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ. އެއަށްފަހު ބޮޑުވަޒީރުކަމަށް އައްޔަންކުރެެއްވީ ބޭބޭފުޅު މަހިންދަ ރާޖަޕަކްސާއެވެ. މާލީ ވަޒީރުކަމަށް ކޮއްކޯފުޅު ބަސިލް ރާޖަޕަކްސާއެވެ.

ރާޖަޕަކްސާގެ ހަތަރު ބެއިންގެ ތެރެއިން މީސްތަކުންނަށް ތަންކޮޅެއް ކުރިން އެނގުން އެންމެ ކުޑައީ ބަސިލް ރާޖަޕަކްސާއެވެ. ސަބަބަކީ އޭނާއަކީ އެމެރިކާގެ ސިޓިޒަންޝިޕް އޮވެފައި އެމެރިކާގައި އުޅުއްވާ ބޭފުޅަކަށް ވުމުންނެވެ. އޭނާ މާލީ ވަޒީރުކަމަށް އައްޔަން ކުރެވުނީ 2021 ވަނަ އަހަރުގައެވެ. ޕާލަމަންޓުގެ ގޮނޑިއެއް އޭނާއަށް ހޯދައިދިނުމަށްޓަކައި ރާޖަޕަކްސާގެ އާއިލާއިން ވަނީ ގާނޫނުއަސާސީއަށް ވެސް ބަދަލު ގެނެސްފައެވެ. ކުރިން އޮންނަ ގޮތުން އެހެން ގައުމެއްގެ ސިޓިޒަންޝިޕް އޮންނަ މީހަކަށް ކުރިމައްޗެއް ނުލެވެއެވެ. އެ މާއްދާ ބަދަލުކުރީ ބަސިލް ކެބިނެޓަށް ގެނައުމުގެ ގޮތުންނެވެ. ޖޫނިއަރ ރާޖަޕަކްސާއިންގެ ތެރޭގައި ދެންވެސް މިހާލަތުގައި ތިއްބެވި ބޭފުޅުންނަށް މަގު ކޮށައިދިނުމުގެ ގޮތުންނެވެ.

ކޮންމެއަކަސް ހުރިހާ ބާރުތަކެެއް ރާޖަޕަކްސާއިންނަށް އޮވެފައި ސްރީލަންކާގެ އިގްތިސާދީ އަދި މާލީ މައްސަލަތަކަށް ހައްލެއް ނުހޯދި ގޯހުން ގޯހަށް ބަދަލުވުމަކީ ރާޖަޕަކްސާއިންގެ ސިޔާސީ ކުރިމަގު ބަނަވެގެންދާނޭ ކަމެކެވެ. ރައްޔިތުންގެ ރުޅިވެރިކަން އަށްޑިހަޔަށް އެރިޔަސް މިދަނޑިވަޅުގައި ސަރުކާރު ވެއްޓުމުގެ މާކަބޮޑު ބިރުވެރިކަމެއް ނެތެވެ. ޕާލަމެންޓުގައި ރާޖަޕަކްސާމެންނަށް ވަރަށްވެސް ތަނަވަސް އަޣުލަބިއްޔަތެެއް އެބައޮތެވެ. ރިޔާސީ އިންތިޚާބު އޮތީ އަދި ދެއަހަރު ފަހުން 2024 ގައެވެ. އާއްމު އިންތިޚާބު އޮތީ 2025 ގައެވެ. އެހެންވީމާ އެހިސާބަށް ވެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މިހާރު މަންޒަރު ފެންނަގޮތުން އޭގެފަހުން އެއްވެސް ރާޖަޕަކްސާއަކަށް އެއްވެސް ފުރުސަތެެއް ރައްޔިތުން ދޭނޭކަމަށް ނުފެނެއެވެ. ގަބޫލެއް ނުކުރެވެއެވެ.