ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަޝްރޫއުގެ ސާވޭ ކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެލްސީ) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އިން ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގަ ސޮއިކުރެވުނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އޯސީއެމްއިން ބުނީ، ސަބްމެރިން އެޅުމުގެ މަޝްރޫއު ވެގެންދާނީ، ރާއްޖޭގެ ޑިޖިޓަލް ބެކްބޯން ވަރުގަދަކުރުމަށްޓަކައި، ހަލުވި ދުވެއްޔެއްގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ރާއްޖެއަށް ގެނައުމަށް ބާރުއަޅާ މަޝްރޫއަކަށް ކަމަށެވެ. އެ ކޭބަލް ހުޅުމާލެ ފޭސް ދޭއްގައިގައި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ޖައްސާނެ ކަމަށާއި އޭރަށް އެ ކޭބަލްގެ ހިދުމަތް ލިބޭނެ ކަމަށް ލަފާކުރެވޭކަމަށް އޯސީއެމްއިން ބުންޏެވެ.

އޯޝަން ކަނެކްޓް މޯލްޑިވްސް އިން ލޯކަލް އައިއެސްޕީތަކާ ގުޅިގެން މަސައްކަތް ކޮށް، މިހާރު ހުރި އިންޓަނެޓް ކެޕޭސިޓީ ޕާޗޭސް ސޮލިއުޝަންތަކަށް ވުރެ ރަނގަޅު އަގުތަކުގައި ހޯލްސޭލް އިންޓަނެޓް އެ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށާއި، އަގުހެޔޮ ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތުގެ ސަބަބުން ގާބިލް އަދި ޓެކް އަހުލުވެރި ޒުވާނުންނަށް އައު އީޖާދުތައް ތައާރަފުކުރުމުގެ ފުރުސަތުތައް އިތުރުވެގެން ދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އޯސީއެމްއިން ބުނީ، މިއީ ވިޔަފާރިއާއި ކޮންސިއުމާސްގެ ޑިމާންޑްތަކަށް ފެތޭ، ޑިޖިޓަލް އިގްތިސޯދެއް ރާއްޖޭގައި ފެށުމަށް ޓަކައި ކޮންމެހެން އަޅަން ޖެހޭ މުހިންމު އަދި ބޭނުންތެރި ކޭބަލެއް ކަމަށެވެ.

ރިލަޔަންސް ޖިއޯ އޯޝަން ކަނެކްޓް މޯލްޑިވްސްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، މިއީ ރާއްޖޭގެ ކަނެކްޓިވިޓީ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، ރާއްޖޭގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ފުރުސަތުތައް ހުޅުވާލުމުގެ ފުރަތަމަ މަސައްކަތް ކަމަށެވެ. އަދި އަތްފޯރާ ފަށުގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށާއި ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައިކޮށް، ދެކުނު އޭޝިޔާގެ މުހިންމު މުވާސަލާތީ ހަބެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަކީވެސް އިކޮނޮމިކް މިނިސްޓްރީގެ އަމާޒުކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިގްތިސޯދީ ތަރައްގީގެ އިތުރުން، އެކަމުގެ ސަބަބުން، މުޅި ރާއްޖޭގައި ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް މެދުވެރިކޮށް، އިޖްތިމާއީ ތަރައްގީ ހަލުވިވެގެންދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، ސަބްމެރިން ކޭބަލް އެޅުމުގެ މަޝްރޫއުގެ ސަބަބުން ލިބޭ އިޖްތިމާއީ އަދި އިގްތިސޯދީ ފައިދާތައް ދެނެގަނެ، އެ މަޝްރޫއު އަވަސްކުރުމަށް ސަރުކާރުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި އަދި މި މަޝްރޫއު އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ސަބްމެރިން ކޭބަލް އެޅުމުގެ ފުރަތަމަ މަރުހަލާއަކީ ސާވޭކުރުން ކަމަށާއި އެކަން ކުރުމަށް ހަތަރު މަހާއި ހަ މަހުގެ މުއްދަތެއް ނަގާނެކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް ސާވޭ ކުރުމުގެ މަސައްކަތްކުރާ އޯސީއެމްއިން އަމާޒު ހިފާފައިވަނީ ރެކޯޑް ވަގުތުގައި ކޭބަލް އެޅުމަށް ކަމަށާއި، ސާވޭގެ މަސައްކަތް އެއް މަސް ދުވަހުން ނިންމާލުމަކީ ސަރުކާރާއި އެ ކުންފުނިން އެ މަޝްރޫއަށް ދޭ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ސަބްމެރިން ކޭބަލް އެޅުމުގެ މަޝްރޫއުގެ ސާވޭކުރާ ބޯޓުގެ ނަމަކީ" އޯޝަން ސާވޭޔާ" އެވެ. އެ ބޯޓުން މިހާރު ކުރަމުންދާ ސާވޭގެ މަސައްކަތް އަންނަ މަހުގެ 11 ވަނަ ދުވަހަށް ނިމޭނެއެވެ. އެ ސާވޭއަކީ ސަބްމެރީން ކޭބަލް އެޅުމުގެ މަސައްކަތް ފެށުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށްވުމް އެއީ ކޭބަލް އަޅާނެ މަގު ޗެކްކޮށް، އެ މަގުން ކޭބަލް އެޅޭނެ ގޮތް ބެލުމަށް ކުރިއަށް ގެންދާ ސާވޭއެކެވެ.

އެ ސާވޭގައި އިންސްޓޯލްމަންޓް ޕްލޭނާއި ޕްރޮސީޖާތައް ފައިނަލް ކުރުމަށް ބޭނުންވާ އިންޓަގްރޭޓެޑް ޖިއޯފިޒިކަލް އަދި ޖިއޯޓެކްނިކަލް ޑޭޓާ ފޯރުކޮށްދޭނެއެވެ. އެއީ ކޭބަލްގެ އެންމެ އެކަށޭނަ މަގު ދެނެގަތުމަށް ސީބެޑްގެ ގުދުރަތީ ގޮތުން ޑެޕް ޕްރޮފައިލްތަކާއި ފޮޓޮގްރަފީ މެޕްތައް ހިމެނޭ ބަތީމިޓްރީ ޑޭޓާގެ ސިފައިގައި އަންނަ އެއްޗެކެވެ.