ދިވެހި ފުލުހުންގެ ހިދުމަތުގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.

މި އެޕް އިފްތިތާހުކޮށްދެއްވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ދިވެހި ފުލުހުންގެ ހިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި އެޕްލިކޭޝަނަކީ، އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

އެގޮތުން، މި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު، އެމީހެއްގެ ޑްރައިވިން ލައިސެންސްގެ މައުލޫމާތާއި އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތާއި އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ބެލުމާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެއެވެ.

މީގެ އިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް، އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ވެސް ކަށަވަރު ކުރެވޭނެއެވެ.

މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަލާތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށެވެ. އަދި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބާހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަންތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ބަލައިލެވޭ ގޮތަށެވެ.