އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ، ފުލުހުންގެ ހިދުމަތް ފުޅާކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެގޮތުން، ރާއްޖޭގައި ފުލުހުންގެ ހިދުމަތް މިހާރު ދެމުން އަންނަ ހުރިހާ ރަށެއްގައި ނެއިބާހުޑް ޕޮލިސްގެ ހިދުމަތް ދެމުން އަންނަ ކަމަށާއި މިއަހަރުގެ ތެރޭގައި އިތުރު 25 ރަށުގައި ޕޮލިސް ސްޓޭޝަން އަޅާނެ ކަމަށް ވިދާޅުވިއެވެ.
"..،އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުން މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި. އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް އިރާދަކުރެއްވިއްޔާ ގާއިމުކޮށް ނިމޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ވަސީލަތްތައް އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައި އެކަން ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީއަށް ފުލުހުން އަހުލުވެރިކުރުވައި ތަހުގީގީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން ދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯރސްމެންޓަކީ އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި އެއީ ދިވެހިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު