ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލެއް އަތުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ފަސްމުގު ހިފަހައްޓައިދޭ ހަގީގީ ސިއްރަކީ ފުލުހުންގެ އާއިލާތައް ކަމަށާއި މުޅި ދިވެހި އާންމު މަސްލަހަތަށްޓަކައި އެ އާއިލާތަކުން ގުރުބާން ކުރަނީ ހިދުމަތުގައި ދެމިތިބި އެބޭފުޅުންގެ ހިތުގެ އަނެއްބައި ކަމަށެވެ.
ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރާ ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފުލުހުންގެ ހިދުމަތައް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަަށެވެ.
"އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ، މިވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ހިދުމަތަށް، ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. ތަސްވީރުގެ ކުލަ ރީތިވެއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ފުލުހުން ގާއިމުވެތިބޭ ހުރިހާ ރަށެއްގައި އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ ތަމްރީނު ފެށި ހިނގަމުން އަންނަ ކަމަށެވެ. އަދި އެއީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާއެކު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭ މޮޑެލެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާ، ފުލުހުންގެ ގާނޫނާ އެއްގޮތަށް ރިފޯމްވާން ޖެހޭ ކަމަށެވެ. އަދި ފުލުންގެ މުއައްސަސާއަށް 89 އަހަރުވީއިރުވެސް ވަސީލަތުގެ ގޮތުން ފުލުހުން ތިބީ ފަހަތުގައި ކަމަށް ވިދާޅުވިއެވެ.
"ހާއްސަކޮށް، ތިޔަބޭފުޅުންގެ ބެރެކްސްތަކާއި މަސައްކަތްކުރާ މާހައުލުގައި ހުންނަންޖެހޭ ފަސޭހަކަން، އޭގެ ގާތަކަށްވެސް ފުރިހަމަވެފައެއް ނެތް. ލިބޭ ހުނަރާއި ތަމްރީނާ އެކުއެކީ، ފުލުހުންނަށް ބޭނުންވާ އުޅަނދުފަހަރާއި ވެހިކަލްތަކާއި އެހެނިހެން ވަސީލަތްތައްވެސް މުހިންމު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މުޖުތަމައުގެ ކަންކަމާ މުއާމަލާތުކޮށް ހައްލު ހޯދައިދޭ އެއްފަރާތަކީ ފުލުހުން ކަމަށާއި މުޖުތަމައުގެ އިހްސާސްތައް ދެނެގަތުމުގައި އަންހެނުންގެ ރޯލް ވަރަށް ބޮޑު ކަމަށެވެ. އަދި ފުލުހުންގެ ލީޑާޝިޕްގައި އަންހެނުން ނެތުމުގެ ފަޅުކަން އޮތްކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު