ރޯދަމަސް ފެށެން ތިން ދުވަހަށް ވެފައިވާއިރު ބާޒާރުމަތީގައި ލުނބޯ ކިލޯއެއްގެ އަގު 140 ރ އަށް އުފުލިއްޖެއެވެ.

ރޯދަމަސް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، ބާޒާރުމަތީގައި ލުނބޯ މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެސް ވެފައެވެ. މިއަދު ދަތުރުވެރިންގެ މާރުކޭޓުގެ ވަރަށްވެސް މަދު ގޮޅިއެއްގައި ނޫނީ ލުނބޯ ވިއްކާކަށް ނެތެވެ. ބާޒާރުމަތީގައިވެސް ލުނބޯ ވިއްކަން ހުރީ ދެ ފިހާރައެއްގައެވެ. އަދި ލޯކަލް މާރުކޭޓުގައިވެސް ލުނބޯ ލިބެން ހުރީ މަދު ގޮޅިއެއްގައެވެ.

ލުނބޯ ލިބުން ދަތިވެފައިވާއިރު މިއަދު ލިބެން ހުރި ލުނބޯގެ ސައިޒުވެސް ކުއްޖެވެ. ބާޒާރުމަތީ ފިހާރަތަކުން މިއަދު ލުނބޯ ކިލޯއެއް 140ރ އަށް ވިއްކަމުން އަންނައިރު ލޯކަލް މާރުކޭޓުގެ ގޮޅިތަކުންވެސް 100ރ އަށް ވުރެ ދަށް އަގެއްގައި ލުބޯ ލިބޭކަށް ނެތެވެ.

"ލުނބޯ މިހާރު ގެންނަން މިޖެހެނީ އެއާ ފްރައިޓްކޮށްގެން. އެހެންވީމަ އަގު ބޮޑުވަނީ. ފްރައިޓްގެ އަގުވެސް ބޮޑީ." ބާޒާރުމަތީގައި ލުނބޯ އެތެރެކޮށްގެން ވިއްކާ ފިހާރައެއްގެ ވިޔަފާރިވެރިޔަކު "ވަން" އަށް ބުންޏެވެ.

ރޯދައަށް އެންމެ ޑިމާންޑް އޮންނަ ދިވެހި މިރުހުގެ އަގުވެސް ބާޒާރުގައި މިހާރު ވަނީ އުފުލެން ފަށައިފައެވެ. އެގޮތުން ކަނޑޫދޫ މިރުސް ކިލޯއެއް މިއަދު ބާޒާރުގައި ވިއްކަން ހުރީ 500ރ އާއި 600ރ އާ ދެމެދުގައެވެ. އަދި ލ މިރުސް ކިލޯއެއްގެ އަގުވެސް މިއަދު ވަނީ 700ރ އަށް އުފުލިފައެވެ. ނަމަވެސް މިދިޔަ ހަފުތާގައި ބާޒާރުގައި ލ މިރުހުގެ އަގު ހުރީ ކިލޯއެއް 200ރ އަށެވެ. އަދި ކަނޑޫދޫ މިރުސްވެސް ވިއްކަން ހުރީ ކިލޯއެއް 350ރ އިން ދަށުގައެވެ.

ބާޒާރުމަތީ ފިހާރަތަކުގެ ވިޔަފާރިވެރިން ބުނާގޮތުން ލުނބޮއާއި މިރުހުގެ އަގު މައްޗަށް ދިޔައީ، އެ ތަކެތި ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުންނެވެ. އެއީ ރާއްޖެއިން ބޭރުން ލުނބޯ ގެނައުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވާތީ ކަމަށާއި ބޭރުން ގެންނައިރު ބައެއް ފަހަރަށް ލުނބޯ ހަލާކުވެފައި ހުންނަކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

"މިރުސް މި ލިބެނީ މީހަކަށް(ގޮޅިއަކަށް) ގޯންޏެއް. އެވެސް މަދު ބަޔަކަށް މިދުވަސްކޮޅު ލިބެނީ." އެހެން ވިޔަފާރިވެރިޔަކު ބުންޏެވެ.

ބާޒާރުމަތީ ގިނަ ވިޔަފާރިވެރިން ލަފާކުރާގޮތުން ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު އަދިވެސް އިތުރަށް އުފުލޭނެ އެވެ. ގިނަ ވިޔަފާރިވެރިން ބުނާ ގޮތުގައި ތަކެތީގެ އަގު ބޮޑުވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާތީ އެވެ. އަދި ރާއްޖެއަށް މުދާ ގެންނަން ކުރާ ހަރަދު ވެސް ބޮޑު ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.