މަރާލާނެ ކަމަށް ބުނެ ލޯބިވެރިޔާއަށް އިންޒާރުދިން މީހަކު 18 މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ އެޕްރީލް މަހުގެ ތިން ވަނަ ދުވަހު ފިރިހެނަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ ދިރިއުޅޭ ގެއަށް ގޮސް "ކަލެއަށް ހިމާޔަތް ލިބޭނީ މިގޭގައި އުޅޭމީހުން ގޭގައި ތިބޭ ވަގުތުގައި ނޫންހޭ، ބޭރަށް މަގުމައްޗަށް ނުކުމެއްޖެއްޔާ ޖަލަށްދާން ޖެހުނަސް ކަލޭ މަރާލާނަމޭ" ބުނެ އިންޒާރު ދީފައިވާތީ ދައުލަތުން ވަނީ ފިރިހެން މީހާގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާކޮށްފައެވެ.
ދައުލަތުން ކޯޓަށް އެ ދައުވާ ހުށަހެޅިއިރު ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލުކުރަން ނުފަށައެވެ. އެހެންވެ އިބްތިދާއީ އަޑުއެހުން ބާއްވާފައިނުވެއެވެ. އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމުގައި ފިރިހެން މީހާ ވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ގާނޫނީ ވަކީލަކާ ނުލައި އަމިއްލައަށް ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ އަންހެން ކުއްޖާ ކުރިން އުޅުނު ގެއަށްދާން އިންކާރު ކުރުމުން ބިރު ދައްކައި އަނިޔާކޮށް ނުވަތަ މަރުގެ އިންޒާރުދީފައިނުވާނެ ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ.
ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އެހާދިސާ ހިނގި އިރު އެތަނުގައި ތިބި ބައެއް މީހުން ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ.
އެގޮތުން އެތަނުގައި އެވަގުތު ހުރި އެއް ހެކިވެރިޔަކު ބުނީ އެ ފިރިހެން މީހާ އެގެއަށް ވަނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އަދި މަސްތުގެ ހާލަތުގައި ހުރެގެން ގެއަށް ވަނުމުން، އެގެއިން ނުކުތުމަށް ހެކިވެރިޔާ އޭނާ ގާތުގައި ބުނި ކަމަށާއި ނަމަވެސް އެގެއިން ނުކުމެގެން ދާނީ އަންހެން މީހާ ގޮވައިގެން ކަމަށް ފިރިހެން މީހާ ބުނި ކަމަށެވެ.
ނަމަވެސް އެއަންހެން މީހާ އެގެއިން ދާން ދެކޮޅު ހެދުމުން ފިރިހެން މީހާ ވަރަށް ބާރަށް އަންހެން މީހާގެ ކަންފަތްމަތީގައި ޖެހި ކަމަށާއި އަދި އެއަށްފަހު މަރާލާނެ ކަމަށް އިންޒާރުދިން ކަމަށް ހެކިވެރިޔާ ބުންޏެވެ.
މި މައްސަލައިގައި މަރުގެ އިންޒާރު ލިބުނު އަންހެން މީހާގެ ހެކިބަސް ނަގަން ކޯޓުން މަސައްކަތް ކުރިނަމަވެސް ދައުލަތުން އޭނާ ހާޒިރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ ޝަރީއަތުން ނިންމީ އޭނާގެ ހެކިބަސް ނުނެގުމަށެވެ. އެހެންވެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ އަންހެން މީހާގެ ހެކިބަހާ ނުލައެވެ.
ދައުވާލިބޭ ފިރިހެން މީހާގެ ފަރާތުން ދިފާއުގައި ހެއްކެއް ހުށަހަޅާފައެއްނުވެއެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖަލު ހުކުމުން އުނިކޮށް ދިނުމަށް އޭނާ ވަނީ އެދިފައެވެ. ހެކިވެރިންގެ ހެކިބަހަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ އޭނާ 18 މަސް ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އޭގެކުރިން އޭނާ ބަންދުގައި 28 ދުވަސް ހޭދަ ކޮށްފައިވާތީ އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭނީ 17 މަހާއި ދެ ދުވަހެވެ.
ހުކުމުގައި ބުނެފައިވަނީ ފިރިހެން މީހާ، އަންހެން މީހާއަށް އިންޒާރުދީ ބިރު ދެއްކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށެވެ. އަދި އަންހެން މީހާއަށް އިންޒާރުދިނީ އޭނާއާއެކު އެހެން ގެއަކަށް ބަދަލުވާން ދެކޮޅު ހެދުމުންކަން ވެސް ހެކިވެރިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
ހުކުމުގައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ފިރިހެން މީހާގެ ފުރިހަމަ ކޮންޓްރޯލް އަންހެން މީހާގެ މައްޗަށް އޮންނަ ޖެހޭ ސަބަބެއް ނޫން ކަމަށާއި ފިރިހެން މީހާ ބޭނުންވާގޮތަކަށް އަންހެންމީހާ ކަންތައްކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ވިސްނުމަކީ އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތަކާއި ގެވެށި އަނިޔާއަށް ވެސް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި ފިރިހެން މީހާ ބޭނުންވާ ގޮތަކަށް އަންހެން މީހާ ކިޔަމަންތެރިކުރުވުމަށް އިންޒާރުދީގެން ނުވާނެ ކަމަށްވެސް ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު