ފާއިތުވި ދެ ހަފުތާގައި ރާއްޖެއިން 2،342 ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ، މި މަހުގެ 14 އިން މިދިޔަ 26 ވަނަ ދުވަހުގެ ނިޔަލަށް 2،342 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ ހަފުތާއަކަށް ބަލާ ނަމަ 178 މީހުން ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި މާލެ ސަރަހައްދުން 184 މީހުން އަދި އަތޮޅުތަކުން 1،938 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 176،993 އަށް އަރައިފަވެ.
އެޗްޕީއޭއިން ބުނީ، މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މި މަހުގެ 16 އިން ފެށިގެން 22 ވަނަ ދުވަހާ ހަމައަށް ހުރީ ހަތަރު ޕަސަންޓުގައި ކަމަށެވެ. އޭގެ ކުރީ ހަފުތާގައި އެ އަދަދު ހުރީ ހަތް ޕަސެންޓުގައި ކަމަށެވެ.
އަތޮޅުތެރޭ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް އަދި ވެސް ހުރީ މަތީގައެވެ. އެޗްޕީއޭއިން ބުނީ މިމަހުގެ 16 އިން ފެށިގެން 22 ވަނަ ދުވަހާ ދެމެދު ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 38 ޕަސެންޓުގައި ކަމަށެވެ. އޭގެ ކުރީ ހަފުތާގައި އެ އަދަދު ހުރީ 37 ޕަސެންޓުގައެވެ.
އަތޮޅުތެރެއިން ޕޮޒިޓިވްވާ ރޭޓް މަތިނަމަވެސް ޖުމްލަ ގޮތެއްގައި ރާއްޖޭގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް އަންނަނީ ދަށްވަމުން ކަމަށް އެޗްޕީއޭއިން ބުންޏެވެ. މިމަހުގެ 16 އިން ފެށިގެން 22 ވަނަ ދުވަހާ ދެމެދު މުޅި ރާއްޖޭގެ ސާމްޕަލް ޕޮޒިޓިވް ރޭޓު 11 ޕަސެންޓުގައި ހުރިއިރު، އޭގެ ކުރީ ހަފުތާގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 15 ޕަސެންޓުގައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 298 އަށް އަރާފައިވާ ކަމަށެވެ. އެންމެފަހުން ކޮވިޑު ޖެހިގެން މީހަކު މަރުވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ.
ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިމަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު