ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރު އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، ފަގީރުންގެ ދަފްތަރު އެކުލަވާލައި ނިމުނު އިރު، 9،041 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާ އިރު، 1،263 މީހުންގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 7778 މީހުންނެވެ.
ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 7،245 މީހުންނަކީ އަތޮޅުތެރެއިން ރެޖިސްޓްރީކުރި މީހުންނެވެ. މިދިޔަ އަހަރު އަތޮޅުތެރެއިން ރަޖިސްޓްރީކުރީ 6،258 މީހެކެވެ. މިއީ 987 މީހުންގެ އިތުރުވުމެކެވެ. އަދި މިއަހަރު މާލެ ސަރަހައްދުން 1،796 މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި އިރު، މިދިޔަ އަހަރު މާލެ ސަރަހައްދުން ރަޖިސްޓްރީ ކޮށްފައި ތިބީ 1،520 މީހެކެވެ. އެހެންކަމުން މިއީ 276 މީހުންގެ އިތުރުވުމެކެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އަހަރު ރާއްޖޭގައި 42 ރަށަކުން އެއްވެސް މީހަކު ފަގީރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ފަގީރެއްގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީ ނުކުރާ 45 ރަށެއް އޮތެވެ.
މިނިސްޓަރު ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިއަހަރު ޒަކާތް ބަލައިގަންނާނީ އެއް ރޭޓުތަކެއްގައި ކަމަށެވެ. އަދި މިއަހަރު ފިތުރު ޒަކާތުގެ ނިސާބުވެސް މިނިސްޓަރު މިއަދު އިއުލާންކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލު ތައްޔާރުކުރަމުންދާ އިރު، އެތަނުން ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަމަހުގެ ދެވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ފިތުރު ޒަކާތް ގޮވާމުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިން ފެށިގެން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެހެން އަހަރުތަކާއި ކުޑަކޮށް ތަފާތުކޮށް، މިފަހަރު ފިތުރު ޒަކާތް ދައްކާ މީހާއަށް އެމީހަކު ބޭނުންވާ ރަށަކަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތަކެއްވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.
"މިސާލަކަށް ވަކި ރަށެއްގެ ބޭފުޅަކު މާލޭގައި ހުންނަވާފަ އެބޭފުޅަކު ބޭނުންވަނީ އެބޭފުޅެއްގެ ރަށަށް ފިތުރު ޒަކާތް ދައްކަން، އެހެންވެއްޖިއްޔާ އެ ރަށެއް އިހްތިޔާރުކުރެވޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމު މި ހަމަޖައްސަނީ. އެރަށަށް ދައްކާ ފައިސާ އެރަށަކަށް ފޯރުކޮށްދޭނަން،" ޒާހިރު ވިދާޅުވި އެވެ.