ލައިފް ސްޓައިލް

ނިޒާމް: ހުނަރުން ފުރިފައިވާ ބައްޕައެއް، އަމާޒަކީ އެހުނަރާއި ގާބިލުކަމާއެކު އަންހެންދަރިފުޅު މުޖުތަމައަށް ނެރެދިނުން

މަރިޔަމް ޝަފާ އިބްރާހިމް

ފޭސްބުކުން ފެންނަ ލަވައެކެވެ. ބެލިވަރަކަށް އެލަވަ އިތުރަށް ރީތިވެއެވެ. އެނިމޭޝަން ލަވައެކެވެ. "މޫނުތީ ހިތް އެދޭ ނޫރު ބަބުޅާ ވިދާ" ލަވައިގެ ރިމިކްސް ހަދާފައި ވާއިރު އެނިމޭޝަނަށް ލާފައިވާ މަންޒަރާއި ހަދާފައިވާ ގޮތް ތަފާތުވެފައި ފުރިހަމައެވެ. މިފަދަ ފުރިހަމަ މަސައްކަތެއް އުފެއްދޭނީ ލައްކަ ހުނަރާއި ގާބިލުކަން ހުރެގެންނެވެ.

ރ. އިނގުރައިދޫއަށް އުފަން 41 އަހަރުގެ މުހައްމަދު ނިޒާމަކި ނަމޫނާ ބައްޕައެކެވެ. ނުހަނު ބޮޑު، ވަރުގަދަ ހުނަރެއްގެ ގާބިލިއްޔަތުކަން ހުރުމާއެކުވެސް އެކަމަށް ވަގުތު ދީ އެކަމުން އާމްދަނީ ހޯދައި މިފަދަ އެއްވެސް ކަމެއް ކުރުމަކަށް ނިޒާމު ބޭނުމެއް ނޫނެވެ. އެކަމަކު އޭނާ އެމަސައްކަތް ކުރަނީ އޭނާގެ ހުސްވަގުތުގެ ހިތްހަމަޖެހުމަކަށްޓަކައެވެ.

2006 ވަނަ އަހަރު އެންމެ ފުރަތަމަ ލަވަތަކުގެ ރިމިކްސް ހަދަން ފެށި އިރުވެސް، ގްރެފިކްސް އެނގުނަސް އެނިމޭޝަންގެ ބައި ދަސްކުރީ ވަރަށް ފަހުން ކަމަށް ނިޒާމު "ވަން" އަށް ބުންޏެވެ. އެންމެ ފުރަތަމަ ބޭބެ ކޮމްޕިއުޓަރެއް ހޯދައިދޭން އެއްބަސްވީ ކޮމްޕިއުޓިން ކޯހެއް ހެދުމުން ކަމަށް ބުނެފައި އޮތުމުން ނިޒާމު ވިންޑޯސް 98 އޮޕަރޭޓިން ސިސްޓަމް ކޯހެއް ހެދީ ހަމަ އަމިއްލަ އެއްޗެއް ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ކޮމްޕިއުޓަ އިލެކްޓްރޯނިކް ހާޑްވެއަރ އިންޖިނިއަރިން ކޯހެއް ހެދިކަމަށްވެސް ނިޒާމް ބުންޏެވެ.

2001ވަނަ އަހަރު އެންމެ ފުރަތަމަ ރާއްޖެތެރޭގެ ރަށެއްގައި ކޮމްޕިއުޓާ ޕަވާޕޮއިންޓް އެނިމޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ އޭރުގެ ގޮތަށެވެ. ފުރަތަމަ ކިޔަވައިދޭން ފެށީ މަލްޓިމީޑިއާ ޓީޗަރެއްގެ ގޮތުގައެވެ. "އޭރަކު 3ޑީ އެއްޗިއްސެއް ނާންނާނެ. އެވަރުގެ ސިސްޓަމްތަކެއްވެސް ނުހުންނާނެ. ފޫހިވާގަޑިގަޑީގަ ދަސްކުރުމާއި ޓީޗަރެއްގެ ގޮތުގަ އުޅެމުންގޮސް މިކަންތައް ދަސްވީ."

"މިދާއިރާއަށް އަޅުގަނޑެއް ނުނުކުންނާނަން. މިދާއިރާއިން ކުރިއަށް ދާނީ އަޅުގަނޑުގެ ލޯބިވާ ދަރިފުޅު."
މުހައްމަދު ނިޒާމު

މިފަދަ ގާބިލުކަމެއް ހުރުމުން މިދާއިރާއިން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ނާދޭތޯ ސުވާލުކުރުމުން ނިޒާމު ބުނީ އޭނާއަކީ ކާކުކަން ހޯދައިގެން ގްރެފިކްސްއާއި އެނިމޭޝަން އެއްޗެހި ހަދައިދިނުމަށް ބޮޑު މުސާރަވެސް ހުށަހަޅާކަމަށެވެ. އެހެންނަމަވެސް އެކަންތައް ކުރާކަށް ނިޒާމް ބޭނުމެއް ނުވެއެވެ.

"އަޅުގަނޑު މިދާއިރާއަށް ނުކުމެ އެއްވެސް މަންފާއެއް ހޯދާކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ ދޮށީ އަންހެން ދަރިފުޅަކީ އޭނާގެ އަމިއްލަ ކުރެހުމުގެ ޓެލެންޓު ގެންގުޅޭ ކުއްޖެއް. މިހުރިހާ އެނިމޭޝަނާއި ގްރެފިކްސް މިހުރިހާ މަސައްކަތަކީވެސް ހަމަ ހޮބީ. މިދާއިރާއިން ކުރިއަށްދާނީ އަޅުގަނޑެއް ނޫން. އަޅުގަނޑުގެ ދަރިފުޅު. އޭނާއަށް މަގުކޮށައިދީ އަލިމިކޮށްދެނީ. ސުކޫލުގަ ރަށުގަ މިހާރު އުޅެނީ. ދަރިފުޅު މިދާއިރާއަށް ނެރެގެން ކުރިއަށް ގެންދިއުން އުއްމީދަކީ."

ނިޒާމުގެ ދަރިފުޅަކީވެސް ހުނަރުވެރި ޑިޖިޓަލް ކުރެހުންތަކާއި އެނިމޭޝަން މަސައްކަތަށް ގާބިލު ކުއްޖެކެވެ. ދަރިފުޅު މިދާއިރާއިން ކިޔަވައިގެން ކުރިއަށް ދާން ބޭނުން ހިސާބަކަށް ފޮނުވުމަށް ނިޒާމު ހުރީ ތައްޔާރަށެވެ.