ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރު ޖައިޝަންކަރަށް މަރުހަބާ ދެންނެވީ މިނިސްޓަރު ޝާހިދާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ އެކި ދާއިރާތަކުގެ މެންބަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމުކުރާ އެއްބަސްވުމެއްގައި ސޮއިކޮށް، ދެ ވަޒީރުން އެ ނެޓްވޯކް ލޯންޗުކޮށްދެއްވާނެއެވެ. އަދި ދެގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރާނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދާ އެކު އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ދެގައުމާ ގުޅުން ހުރި އެކި ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ޖައިޝަންކަރު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެެވެ.

މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖައިޝަންކަރު ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

އަދި އައްޑޫ ސިޓީގެ ހުޅުމީދޫގައި އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމުގެ އެހީގައި ގާއިމުކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރާއި ޓޫރިޒަމް ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އިފުތިތާހުކުރުމުގެ ރަސްމިއްޔާތާއި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން އިންޑިއާގެ އެހީގައި ގާއިމުކޮށްފައިވާ އެކްސްޕޭންޑަޑް ކޯސްޓަލް ރޭޑާ ސިސްޓަމްވެސް އިފުތިތާހުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއީ ޖައިޝަންކަރު އިންޑިއާގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އަދި އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޖައިޝަންކަރު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.