ގދ. ތިނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.
ފުލުހުން ބުނީ ތިނަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އެރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެކްސިޑެންޓުވި ގަޑިއެއް އަދި އެކްސިޑެންޓުވީ ކިހިނެތް ކަމެއް ފުލުހުންނަކަށް ނޭނގެއެވެ.
އެނގިފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލެއް ޖެހިގެންނެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު 'ވަން' އަށް މިރޭ ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވެގެން ދިވެހި ފިރިހެނަކާއި މާބަނޑު އަންހެނަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އަންހެން މީހާގެ އަތާއި ތަންތަން މަށައިގެން ގޮސް ކުދިކުދި އަނިޔާތަކެއް ލިބިފައިވާ އިރު، ފިރިހެން މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އަދި އިތުރު ފަރުވާއަށް ފިރިހެން މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު