ކ. ގާފަރު ގެސްޓުހައުސްއެއްގެ ތެރޭގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މަރުވެފައި އޮއްވައި ފެނުނު އަންހެން މީހާގެ މަރުގައި މިހާތަނަށް ބެލިބެލުމުން އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

މަރުވެފައި އޮއްވައި ފެނުނީ އއ. ބޮޑުފުޅުދުއަށް އުފަން އުމުރުން 27 އަހަރުގެ އާމިނަތު ނާޖިލާ ލުތުފީއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ތަހުގީގު މުޅިން ނުނިމޭތީ، އަދި ވަކި އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ބެލި ބެލުމުން މި މައްސަލައިގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިސަރު ވިދާޅުވީ މި މައްސަލަ އޭނާގެ އާއިލާއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު އެނގޭ ފަރާތަކުން މީގެ ކުރިން "ވަން" އަށް ބުނީ، އެ އަންހެން މީހާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ހުރި "އޯލް ޓައުން އިން" ގެސްޓްހައުސްގެ ފާހާނާ ތެރެއިން ކަމަށާއި އޭނާ ކައިރީގައި ވަޅިއެއް ވެސް އޮތް ކަމަށެވެ.