ރައްޔިތުންނަށް ހައްގު ހޯދައިދެވޭނީ ފަނޑިޔާރުންނަކީ ނަޒާހަތްތެރި ބަޔަކަށް ވެގެން ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤަޟާއީ އަހަރުގެ މި އަހަރުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް މިރޭ ވިދާޅުވީ ފަނޑިޔާރުންގެ އެންމެ މަތީ މަސްއޫލިޔަތަކީ ގާނޫނީ ވެރިކަން ދެމެހެއްޓުން ކަމަށާއި އެކަމަށް މިނިވަން ފަނޑިޔާރު ގެއެއް ބޭނުންވާ ކަމަށެވެ.
"ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ ގާނޫނު ނެގެހެއްޓުން. ފަނޑިޔާރުގެ ހަގީގަތުގައި މިނިވަންނުވެ މި މަސްއޫލިއްޔަތު އަދާކުރުމަކީ މުސްތަހިއްލު ކަމެއް. ގައުމުގެ ހަމަޖެހުމާއި އަމަން އަމާންކަން، މިނިވަން ޖުޑީޝަރީއެއް ނެތި ގާއިމް ނުކުރެވޭނެކަމީ ތާރީހު ހެކިދޭ ކަމެއް،" މުއުތަސިމް ވިދާޅުވިއެވެ.
އިންސާފުން ޝަރީއަތް ކުރުމަކީ ކޮންމެ މީހަކަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން ނިންމާ ކޮންމެ ނިންމުމަކީ މުޖުތަމައަށް އޭގެ ސަބަބުން ކޮންމެވެސް އަސަރެއް ކުރާނެ ނިންމުމެއްކަން ފަނޑިޔާރުން ހަނދާންނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ ވާޖިބު ތެދުވެރިކަމާއެކު އަދާކުރަން ޖެހޭ ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިމާގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ތިން ވަނަ ފަރާތަކުން އިނގިލި ދިއްކޮށްފާނެ މައްސަލައަކާ ބައިވެރިނުވެ ފަނޑިޔާރުކަމުގެ ޒިންމާ އަދާކުރުމުގައި ފަނޑިޔާރުގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ސުވާލު އުފައްދަން ފުރުސަތު ނުދިނުން. އަދުލުވެރިކަމާއި ހަމަހަމަކަމާއި ހާމަކަމާއި އިންސާފުވެރިކަމާއެކު ވަކިފަރާތަކަށް ބުރަނުވެ ޒާތީ ތައައްސަބުން އެއްކިބާވެ ތިބެ ގާނޫނު އަސާސީގައިވާ ހައްގުތަކުގެ މަތީން ފަނޑިޔާރުންގެ ޒިންމާ އަދާކުރަން ގެންދިއުން،" މުއުތަސިމް ވިދާޅުވިއެވެ.
ކޮވިޑްގެ ދަތި ދަނޑިވަޅުގައި ޝަރުއީ ދާއިރާއަށް އައި ހެޔޮ ބަދަލުތައްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީއާ އަހުލުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުން ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ ޝަރުއީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމެއް ތަރައްގީކުރުމާއި ޖުޑިޝަލް ޑޭޓާ ބޭސްއެއް ގާއިމުކުރުމާއި ޝަރިއަތްތަކުގައި ދައްކާ ވާހަކަ ލިޔެވޭ ގޮތަށް "ސްޕީޗް ޓު ޓެކްސް" ޓެކްނޮލޮޖީ މެދުވެރިކޮށް ބަޔާންތައް ލިޔުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ޤަޟާއީ އަހަރު 2022" އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު