ހިންގުމުގެ ދާއިރާގެ އިސް މަގާމުތަކަށް އައްޔަނުކޮށްފައިވާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ވިޝަނިން ފޯ މޯލްޑިވްސް ލީޑަޝިޕް ޑައިލޮގްސްގެ ނަމުގައި ސެޝަނެއް ބާއްވައިފިއެވެ.

މި ޝެޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓްއާ ގުޅިގެން ކުރިއަށްގެންދާ "އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް 2021-2023" ގެ ދަށުން "ވިޝަނިން ފޯ މޯލްޑިވްސް ލީޑަޝިޕް ޑައިލޮގްސް"ގެ ނަމުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން ކުރިއަށްގެންދިޔަ ވެބިނާއެކެވެ.

މި ވެބިނާގެ ފުރަތަމަ ސެޝަން ކުރިއަށްގެންގޮސްފައިވަނީ ޒޫމް މެދުވެރިކޮށް މިއަދު ހެނދުނު 9:00 އިން 10:30 އަށެވެ.

ވެބިނާގެ ފުރަތަމަ ސެޝަން ފޯކަސްކޮށްފައިވަނީ "Leading through uncertainty: Strategic Foresight" މި މައުލޫއުގެ މައްޗަށެވެ.

ސަރުކާރުގެ އިސްމަގާމުތަކަށް އައްޔަންކޮށްފައިވާ ފަރާތްތަކާއި، ދައުލަތުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުން 300 އަށްވުރެ ގިނަ ބައިވެރިން ހިމެނޭގޮތަށް ކުރިއަށްގެންދިޔަ ވެބިނާ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދެއްކެވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި ވެބްނާ ފެސިލިޓޭޓް ކޮށްދެއްވީ ޔޫއެންޑީޕީން ކަނޑައެޅުއްވި ކަމާބެހޭ ދާއިރާގެ ފަންނީ މާހިރުންނެވެ. ޑައިލޮގް ޑިސްކަޝަންގެ ސެޝަން މޮޑަރޭޓް ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ އެވެ.