ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާ ކުރުމަށްޓަކައި އަންހެނުން ކުރާ މަސައްކަތަކީ ކޮބައިހޭ އަހައިފިނަމަ އޭގެ ޖަވާބަކަށް އަމިއްލަ ދިރިއުޅުމުން މިސާލު ނަންގަވައި ދިގު ލިސްޓެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެދެއްވައިފި އެވެ.
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ފޭސްބުކަށާއި އިންސްޓަގުރާމަށް ދޫކޮށްލެވޭ ހޭޝްޓެގަކަށް ވެގެން ނުވާނެ ކަމަށާއި އެކަން ވާން ޖެހޭނީީ އެކަމާ ދޭތެރޭ ވިސްނައި ފިޔަވަޅު އަޅައި ނަތީޖާ ނެރެވޭނެ އެއްޗަކަށް ކަމަށެވެ.
ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާ ކުރުމަށްޓަކައި އަންހެނުން ކުރާ މަސައްކަތަކީ ކޮބައިހޭ އަހައިފިނަމަ އަމިއްލަ ދިރިއުޅުމުން މިސާލު ނަންގަވައި އެކި އުުރުފުރައިގެ އެކި މަސައްކަތް ކުރާ ބުރަކޮށް އުޅޭ މީހުންގެ ދިގު ލިސްޓެއް އެކަމަނާ ވަނީ ރޭގެ ޖަލްސާގައި ހިއްސާކުރައްވައިފައެވެ.
"ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާ ކުރުމަށްޓަކައި އަންހެނުން ކުރާ މަސައްކަތަކީ ކޮބައިހޭ އަހައިލައިފިއްޔާ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑުމެންގެ މަންމަ އާއި މާމަ އާއި މައިދައިތަ އާއި، ތުއްތަ އާއި އަޒިއްތަ އާއި ކާފަގޭ މަންމަ އާއި ދައްތަ އާއި މިފަދަ އެތައް އަންހެނުން. ބޯކިބާ އަޅަމުން، ތެޔޮ ހާނަމުން، އެ ތަކެތި ވިއްކަމުން، ކެއިންބުއިމުގެ ކަންތައް ހަމަޖައްސަމުން، ދަރިން ތަރުބިއްޔަތުކުރަމުން އަންނަ އެކި ބުރަ މަސައްކަތްތައް. އަދި ކުރަމުންދާ މަސައްކަތްތައް. އަޅުގަނޑާއި މިތަނުގައި ތިބި އެހެން އަންހެނުންނާއި ފިރިހެނުންނަކީ މިދެންނެވި އަންހެނުން ކުރި އަދި ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ." އެކަމަނާ ވިދާޅުވި އެވެ.
ފަޒުނާ ވިދާޅުވީ ދަރިން ލިބުމުން ގިނަ މައިންނާއި އަދި ބަފައިންނަށްވެސް ވަޒީފާއަށް ނިކުމެވޭނީ އެ ކުދިންގެ މާމަ ނުވަތަ ބޮޑުދައިތައިންނާއި ދޮންތައިންނާއި ތުއްތައިން ގޭގައި ކުދިން ބަލައިދޭން ތިބޭތީ ކަމަށެވެ. ގޭގައި ތިބޭ މުސްކުޅި މައިންބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ވެސް ބަލައިދެނީ، އެމީހުންގެ މުޅި ރެއާއި ދުވާލަކީ އެއީ ކަމަށް ހަދައި، އެ މައްސަކަތަށް ގޭގައި ހާއްސަވެގެން ތިބޭ އަންހެނުން ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް މިއީ މަސައްކަތްތަކެއް ކަމަށް ނުދެކި މި ބުރަ މަސައްކަތްތައް ކުރަމުން އަންނަ އަންހެނުންނާއި ދިމާލަށް ތިހެން ވަޒީފާއެއް އަދާނުކޮށް ގޭގައި ތިބެން ވަރަށް އަރާމުދޯއޭ ބުނުމަކީ އޭނާއަށް ރައްދުވާ ބޭއިންސާފު އަދި އެހާމެ އިހާނެތި ބަސްތަކެއް ކަމަށް ފަޒުނާ ވިދާޅުވި އެވެ. ދިރިއުޅުމުގައި ނުވަތަ ވަޒީފާގެ މާހައުލުގައި ލިބޭ ކާމިޔާބީ ފާހަގަކުރާއިރު އެ ދަރިން ބަލަން ގޭގައި ތިބޭ މާމަ އާއި މަންމަ އާއި ދައްތަ އާއި އަނބިންގެ ނަން ފާހަގަ ނުކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"މުޖުތަމައުގައި އަންހެނުންނާ މެދު ހެޔޮ ވިސްނުން ގެންގުޅޭ އަދި ހަމަމަހަ ފުރުސަތުތައް އޮންނަ ޖެހޭ ކަމަށް ގަބޫލުކުރާ ފިރިހެނުން ނެތެކޭވެސް ނުއެއް ދެންނެވޭނެ. ހުދު އަޅުގަނޑުގެ ބައްޕައަކީ ވެސް، ފިރިމީހާ އަކީ ވެސް، އަޅުގަނޑަކީ އަންހެނަކަށް ވީތީ ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް ކަމެއް މަޖުބޫރުކުރާ ބައެއް ނޫން. ކުރިން އަޅުގަނޑު މިދެންނެވީ އާންމު ދިރިއުޅުމާއި ސަގާފަތުގައި މިކަން ގަބޫލުކުރެވިފައި އޮންނަ ގޮތުގެ ވާހަކަ." އަމިއްލަ ދިރިއުޅުމުން ގިނަ މިސާލުތަކެއް ނަންގަވަމުން އެކަމަނާ ވިދާޅުވި އެވެ.
ދަރިޔަކު ލިބުނީމަ ވަޒީފާއަށް ނިކުމެވޭނެ ކަމާމެދު ގިނަ ފިރިހެނުން ފިކުރުވެސް ކޮށްނުލުމަކީ ހަގީގަތެއް ކަމަށާއި އެހެން ނަމަވެސް އަންހެން މީހާއަށް މިހާލަތުގައި އިހުތިޔާރެއް ނެތުމަކީ ފުރުސަތުގެ ހަމަހަމަކަން ނެތޭ ބުނާ ބުނުން ކަމަށްވެސް ވިދާޅުވި އެވެ.
"މީގެ ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަން. އެއްދުވަހަކު މުދައްރިސަކު އަޅުގަނޑުގެ އޮފީހަށް ވަދެ ރޯން ފެށީ. އެއީ އޭނާ ދެވަނަ ދަރިއަކަށް ބަލިވެ އިނުމުން ދެ ކުދިން ބަލަން ޖެހުމުން ވަޒީފާއިން ވަކިވާންޖެހޭނެކަން ޔަގީންވާތީ. އޭނާ ސްކޫލުން ކެނޑެން ފިރިމީހާ އުއްމީދު ކުރާތީ. ގޭގެ ޒިންމާތަކުގައި އަންހެނުންނާއި ފިރިހެނުން ހިއްސާ ނުވާނަމަ އަންހެންމީހާ އަށް މަސައްކަތަށް ނިކުމެވެނީ އޭނާ ގޭތެރޭގައި ކުރާން ހުންނަ މަސައްކަތްތައް ކުރުމަށް ގެއަށް އެހެން މިހުން ލާފަ. ކިތައް އާއިލާއަށްތޯ މި އިހުތިޔާރު އޮންނާނީ؟ ފިރިހެންނުން ގޭގެ ޒިންމާތަކުގައި ބައިވެރިވާ ނަމަ، ހަމަހަމަ ކަމަށް ހުރި އެ ކަހަލަ ހުރަސްތައް ނައްތާލެވި، އަންހެނުން އުފުލަން ޖެހޭ ބުރަ ވެސް ކުޑަކުރެވޭނެ." އެކަމަނާ މީގެ ކުރިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި އިރު ދިމާވި ކަމެއް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން އެކަމަނާ ތާޖުއްދީން ސްކޫލުގައި މަސައްކަތް ކުރެއްވި އިރު، އެ ސްކޫލުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ލުޔެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ސްކޫލްގެ ފަރާތުން ކަރުދާހެއް ތައްޔާރުކޮށް އެޑިއުކޭޝަން މިނިސްޓަރަށް ހުށަހެޅުއްވި އެވެ. އެ ކަރުދާހުގައި މުވައްޒަފުން އެދުނީ އިތުރު ގަޑިއަށް ވަޑައިގަންނަވާއިރު، ދަރިން ބެލެހެއްޓޭނެ ގޮތަށް އެއް ކްލާސްރޫމް ހަމަޖައްސައިދެއްވުމަށެވެ. އަދި އޭގެ 20 އަހަރު ފަހުން އެދުވަހު ވަކާލާތު ކުރެއްވި ކަމެއް ހަގީގަތަކަށް ވުމުގެ ކޮޅުމަތި މިއަހަރު ބައެއް މުއައްސަސާތަކުން ފެންނަން ފަށައިފި ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ވަރަށް އުފާކުރައްވާ ކަމަށާއި އޭގެ އިތުރުންވެސް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ވިހެއުމާ ގުޅިގެން އަންހެނުންނަށް ހަމަ މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީ ހަމަޖައްސައިދެއްވިކަން ވަރަށް އުފަލާއެކު ފާހަގަ ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ އިތުރުންވެސް ދަރިން ބެލުމުގެ ހިދުމަތް އަތްފޯރާ ފަށުގައި ލިބުމާއި މަދަރުސާތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަކީވެސް ވަރަށް ގިނަ ބެލެނެވެރިންނަށް އޭގެ ސަބަބުން ލުއި ފަސޭހަ ލިބިގެންދާނެ ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ. ނަމަވެސް މިފަދަ ސިޔާސަތުތައް ކަނޑައަޅައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒު ކުރަން 20 އަހަރު ނަގައިގެން ނުވާނެ ކަމަށާއި މިފަދަ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ދައުލަތަށް އޮތް މާލީ ބުރައެއްގެ ގޮތުގައި ވެސް ދެކިވަޑައިނުގަންނަވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އެއީ ދުޅަހެޔޮ ރައްކާތެރި ޖީލެއް އުފެއްދުމަށްޓަކައި މުސްތަގުބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ. މިފަދަ ސިޔާސަތުތަކަކީ ސަރުކާރުތައް ބަދަލުވެގެންދާއިރު އޭގެ ރޫހަށް ބަދަލު އައިސްގެންވާނެ ކަންކަމެއް ނޫން ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު