ޚަބަރު

ރާއްޖޭގެ ފުރަތަމަ ދިވެހި ސްކްރީން ރީޑިން ސޮފްޓްވެއާ "ޝާމިލް އަޑު" އިފުތިތާހު ކޮށްފި

ރިފާ ހަލީލު

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކޮށް، ތައާރަފުކުރާ ދިވެހި ސްކްރީން-ރީޑިން ސޮފްޓްވެއާ 'ޝާމިލުއަޑު' އިފުތިތާހުކޮށްފި އެވެ.

މި ސޮފްޓްވެއާ އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސޮފްޓްވެއާއާ އެކު ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ފައިސަލް ނަސީމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކިއެކި ކަންކަން ހާސިލުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ހާއްސަކޮށް ސްކޫލްތެރެއާއި ސްކޫލުން ބޭރުގައި ހިންގާ ހަރާކާތްތަކުގައިވެސް އެކުދިން ޝާމިލުކުރެވޭ ވެއްޓެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ސޮފްޓްވެއާއަކީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާއެކެވެ. މިމަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓްފޯމް ތަކަކަށް ސަޕޯޓް ކުރާނެފަދަ ސޮފްޓްވެއާއެއް ފަރުމާކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއީ ރާއްޖަށް އާ މަސައްކަތަކަށް ވެ، ގިނަ ދިރާސާތަކަކާއި ހޯދުންތަކެއްގެ މައްޗަށް ބަރޯސާވެފައިވާ މަސައްކަތަކަށް ވުމުން މިމަސައްކަތް ކުރިށްއަށް ގެންގޮސްފައިވަނީ ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތެއްގެ ގޮތުގައިކަން ޑިވެލޮޕާ ވަނީ ފާހަގަކޮށްފަ އެވެ.

ދިވެހި ސްކްރީން ރީޑިން ސޮފްޓްވެއާ، ޝާމިލުއަޑު، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައިއޯއެސްގައި ބޭނުންކުރެވޭނެހެން ތަރައްގީ ކޮށްފައިވާއިރު މި ސޮފްޓްވެއާ ބޭނުންކޮށްގެން ޑިޕާޓުމަންޜް އޮފް އިންކްލޫސިވްގެ ވެބްސައިޓުވެސް އިތުރަށް ބޭނުންކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޝާމިލުއަޑު މިސޮފްޓެވައާ އަކީ އޮފްލައިންކޮށް އެއްވެސް އިންޓަނެޓް ކަނެކްޝަނެއް ނެތި، ބޭނުންކުރެވޭ ސޮޕްޓްވެއާ އެކެވެ. އަދި ކޮޕީ ޕޭސްޓްކޮށް ދިވެހި ލިޔުންތައް ކިޔުމަށް މިސޮޕްޓްވެއާ ބޭނުންކުރުމުގެ އިތުރުން އެންޑްރޮއިޑް ޕްލެޓްފޯމުގައި ޓޯކްބެކް ސާވިސްއާއި އެކު ސިސްޓަމް ޓީޓީއެސް ސާވިސްއެއްގެ ގޮތުގައި މިސޮފްޓްވެއާ ބޭނުންކުރުވޭނެ އެވެ.

"ކުރިއަށް އޮތްތަނުގައިވެސް މި ޕްރޮގްރާމަށް ގެންނަން ޖެހޭ މުހިއްމު އަޕްޑޭޓްތައް ގެނެސް އިތުރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ. ޝާމިލުއަޑުގެ ޔޫޒާ އެކްސެޕްޓެންސް ޓެސްޓުގެ މަރުހަލާ ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި ބްލައިންޑް އެންޑް ވިޝުއަލް އިމްޕަޔާޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން." އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ދިވެހި ބަހުން ސްކްރީން-ރީޑީން ސޮފްޓްވެއާއެއް ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާ ފުރަތަމަ ފަހަރަށް މިޕްރޮޖެކްޓް ވެގެންދާއިރު، މިއީ ދިވެހިބަހަށްވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި ސޮފްޓްވެއާގެ ސަބަބުން މުދައްރިސުންނަށާއި ދަރިވަރުންނަށް ނުހަނު ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން އުއްމީދުކުރެއެވެ.